ތިން ވަނަ ކުއާޓަރުގައި އުރީދޫއަށް 577 މިލިއަނުގެ އާމްދަނީއެއް ލިބުނުއިރު، ސާފު ފައިދާ 181 މިލިއަނަށް

އުރީދޫ ހެޑް އޮފީސް: ތިން ވަނަ ކުއާޓަރުގައި އުރީދޫއަށް ވަނީ 577 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އުރީދޫއަށް، 577 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، 181 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެއެވެ.

ތިން ވަނަ ކުއާޓަރުގެ އުރީދޫގެ މާލީ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއަކީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު، ގާތްގަނޑަކަށް އަށް ޕަސެންޓުގެ އިތުރުވުމެކެވެ.

ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި، 181 މިލިއަން ރުފިޔާ އުރީދޫއަށް ވަނީ ލިބިފައެވެ.

ޖުމުލަ 577 މިލިއަން ރުފިޔާގެ އާމްދަނީއެއް ތިން ވަނަ ކުއާޓަރުގައި އުރީދޫއަށް ލިބުނުއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޮބައިލް ޚިދުމަތްތަކުންނެވެ. މިގޮތުން، އެ ޚިދުމަތްތަކުން 398 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިޒަސް ޚިދުމަތްތަކުން ތިން ވަނަ ކުއާޓަރުގައި އުރީދޫއަށް ލިބުނީ، 177.8 މިލިއަން ރުފިޔާއެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ހިންގުމުގެ ޚަރަދުގެ ގޮތުގައި އުރީދޫން ވަނީ، 805 މިލިއަން ޚަރަދުކޮށްފައެވެ. މިގޮތުން، މިދިޔަ ތިން ވަނަ ކުއާޓަރުގައި ވަނީ، 283 މިލިއަން ޚަރަދުކޮށްފައެވެ.

އެ ކުއާޓަރުގައި އުރީދޫން ވަނީ ޚިދުމަތްތަކެއް ވެސް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި، ޗައިލްޑް ސޭފްއާއި ޓްރޫ ކޯލާ ޕްރިމިއަމްގެ އިތުރުން ސޮނީ ލިވް ސަބްސްކްރިބްޝަން ހިމެނެއެވެ.

comment ކޮމެންޓް