އައްޑޫން މާލެއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް، މި ސަރުކާރުން ހިއްކަމުން އަންނަ ރަސްމާލޭގެ ފަރަށް އަރައިފިއެވެ.
ފުލުހުން މިއަދު ބުނީ އައްޑޫ ހިތަދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ރަސްމާލޭގެ ފަރަށް އަރައިފައިވާކަމުގެ މައުލޫމާތު ލިބުނީ ރޭ 11:15 ހާއިރު ކަމަށެވެ.
އެ ހާދިސާ ހިނގިއިރު ދޯނީގައި އެ ވަގުތު ތިބީ ދިވެހި ކައްޕިއަކާއި ތިން ބިދޭސީން ހިމެނޭހެން ޖުމުލަ ހަތަރު މީހުން ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ހާދިސާގެ މައުލޫމާތު ލިބުމާއެކު ކަނޑުމަތީ ފުލުހުންނާއި ސިފައިންގެ ކޯސްޓު ގާޑުން ހަރަކާތްތެރިވި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ރަސްމާލޭން ދިޔަ އުޅަނދަކަށް ދޯނީގައި ތިބި ހަތަރު މީހުން ނެގުމަށްފަހު، ކޯސްޓް ގާޑުގެ އުޅަނދެއްގައި އެމީހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެހެން އުޅަނދަކަށް ގެންގޮސްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދޯނި ފުންކުރުމުގެ މަސައްކަތް އެ ދޯނީގެ ވެރިފަރާތުން ކުރަމުން އަންނަ ކަމަށެވެ.
މި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއަކީ ފުށިދިއްގަރުފަޅުގައި ރަސްމާލެ ހިއްކުމުގެ މަޝްރޫއެވެ.
ފާހަގަކުރެވޭ ގޮތުގައި ރަސްމާލޭން ހިއްކައިފައިވާ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)އަށް ދޫކުރަނީ އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ކަމަށާއި، އެ ތަނުގައި ޔަހޫދީން ވަޒަންވެރިވުމަށް ފުރުސަތު އެބައޮތް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއަށް ބިން ދީގެން ހިންގާ މަޝްރޫއުގެ ސަބަބުން ދިވެހީންނަށް ބޯހިޔާވަހިކަމުގެ ފުރުސަތެއް ނުގެއްލޭނެ ކަމަށާއި، ގޯއްޗަށް ޝަރުތު ހަމަވާ އެންމަނަށް ރަސްމާލޭން ޖާގަ ލިބޭނެ ވަރުގެ ބިން އެބަ އޮތް ކަމަށެވެ.
ސަރުކާރުން މީގެ ކުރިން ވެސް ވަނީ، އިސްރާއީލު މީހުންނަށް ރަސްމާލޭން ޕްރޮޕަޓީ ނުގަނެވޭ ގޮތް ހަދާނެ ކަމަށް ބުނެފައެވެ.