ފުނަދޫ އަލިފާނުގެ ހާދިސާއަށް ހަފުތާއެއް: އެއް ގެއަކުން ބަދަލުކުރި 11 މީހުން އަދިވެސް ވަގުތީ ހިޔާގައި

ފުނަދޫ އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެ: އެ ގޭގައި އުޅުނު މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައި --- ފޮޓޯ/ އެންޑީއެމްއޭ

ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ވަގުތީ ހިޔާއަށް ބަދަލުކުރި މީހުން އަދިވެސް ތިބީ އެ ތަނުގައި ކަމަށް އެ ރަށު ކައުންސިލާއި ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު، ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވެ، ހަތަރު ގެއަކާއި ފަސް ވޯކްޝޮޕަށް އަލިފާނުގެ އަސަރުކުރިއެވެ. އެ ތަނުގައި އަލިފާން ރޯވީ، 07:00ހާއިރު ކަމަށްވާއިރު، އަލިފާން ނިއްވާލެވުނީ، 12:00ހާއިރެވެ.

މި ހާދިސާގައި ހިނގި ސަރަހައްދުގައި ހުރި ގެއަކަށް އަލިފާނުގެ އަސަރުކޮށް، ކަރަންޓު ދެވެން ނެތުމުން އެ ގޭގައި ދިރިއުޅުނު 11 މީހަކު ވަގުތީ ހިޔާއަށް ބަދަލުކުރިއެވެ. އޭރު ބަދަލުކުރީ ފަސް ދުވަހަށް ކަމަށްވާއިރު، އެ ހާދިސާއަށް މިއަދަށް މި ވަނީ ހަފުތާއެއް ފުރިފައެވެ.

ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ފޮޓޯ: އެންޑީއެމްއޭ

'ސަން'އިން ސުވާލުކުރުމުން ފުނަދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާދިލް މިއަދު ވިދާޅުވީ، އަދިވެސް އެ މީހުން ދިރިއުޅެނީ ވަގުތީ ހިޔާގައި ކުއްޔަށް ކަމަށެވެ.

އެންޑީއެމްއޭއިން ވެސް ވަނީ، އެ މީހުން އަދިވެސް ތިބީ ވަގުތީ ހިޔާގައިކަން 'ސަން'އަށް ކަށަވަރުކޮށްދީފައެވެ. މިގޮތުން، އެ މީހުންނަށް ވަގުތީ ހިޔާ ދޭނެ މުއްދަތު ކަނޑައަޅާނީ، ގެއްލުން ލިބުނު ގޭގެ އެސެސްމަންޓު އެ އޮތޯރިޓީއަށް ލިބުމުން ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އަދި، އެ ގެއަށް ލިބުނު ގެއްލުން ދެނެގަތުމަށް ފުނަދޫ ކައުންސިލުން އެސެސްމަންޓު ހަދަމުންދާކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ.

https://sun.mv/229640

އެ ހާދިސާގައި 20 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ވަނީ ފަރުވާ ދީފައެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި، އޭގެތެރޭގައި ފަޔާ ފައިޓަރަކާއި ށ. ފުނަދޫ ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. ބާކީ ތިބި މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ސަބަބު ހޯދައި، ދިރާސާ ކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް ވެސް އެ ރަށަށް ދިޔައެވެ. އެކަމަކު، މިހާތަނަށް އެ ތަހުގީގާ ގުޅޭ ތަފުސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

comment ކޮމެންޓް