ސީ-ޓު-އެއާ ކާގޯގެ ޚިދުމަތާއެކު ރީ-އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

ވީއައިއޭއިން ކާގޯ އުފުލުން ---- ފޮޓޯ/ އެމްއޭސީއެލް

ރާއްޖޭގައި ސީ-ޓު-އެއަ ކާގޯގެ ޚިދުމަތް ތަޢާރަފުކުރުމާއެކު، މި އަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓުން ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ އެންމެ ފަހުގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓްކޮށްގެން 319 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރީ-އެކްސްޕޯޓުން ލިބިފައިވަނީ 299 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 6.8 އިންސައްތައިގެ އިތުރުވުމެކެވެ.

ރީ-އެކްސްޕޯޓުން ލިބޭ އާމްދަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވަނީ ކަނޑުމަގުން ރާއްޖެ ގެންނަ މުދާ ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ފޮނުވުމަށް 2024 ވަނަ އަހަރުގެ މެއި މަހު ތަޢާރަފުކުރި ސީ-ޓު-އެއަ ކާގޯގެ ޚިދުމަތާ ގުޅިގެންނެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެކަނި ވެސް މި ޚިދުމަތުގެ ދަށުން 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ.

މި ޚިދުމަތް ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަގްވާމީ 17 އަށްވުރެ ގިނަ އެއާލައިނުން މިހާރު ވަނީ މި ނިޒާމާ ގުޅިފައެވެ.

ސީ-ޓު-އެއަ ކާގޯގެ ޚިދުމަތަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އިގްތިސާދަށް ބޮޑެތި މަންފާތަކެއް ހޯދައިދޭ ވިޔަފާރިއަކަށްވާއިރު، ރާއްޖެއަށް ގިނަ އަދަދެއްގެ ބައިނަލްއަގްވާމީ ފްލައިޓުތައް ދަތުރުކުރާތީ މި ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ބޮޑު ފުރުސަތެއް ރާއްޖެއަށް އޮތްކަން ސަރުކާރުން ފާހަގަކުރެއެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް ސީ-ޓު-އެއަ ކާގޯގެ ޚިދުމަތް ރަސްމީކޮށް ފެށީ ފެބްރުއަރީ 2021 ގައެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ކަނޑާއި ވައިގެ ދަތުރުފަތުރު ގުޅުވާލައިގެން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ރާއްޖެއަކީ ސަރަޙައްދީ ކާގޯ ހަބަކަށް ހެދުމެވެ.

ސީ-ޓު-އެއާ ކާގޯގެ މުދާ އުފުލުމުގެ މަރުޙަލާތަކަށް ބަލާއިރު، ކަނޑުމަގުން މުދާ ގެނައުމާއި ބަނދަރުން އެއަޕޯޓަށް މުދާ ގެންދިއުމާއި ވައިގެ މަގުން ގެންދެވޭ މުދާ، ޔޫރަޕާއި ހުޅަނގުގެ ގައުމުތަކަށް ދަތުރުކުރާ ބައިނަލްއަގްވާމީ ފްލައިޓްތަކުގައި އަވަސް އުޞޫލުން ފޮނުވުންފަދަ ކަންކަން ހިމެނެއެވެ.

comment ކޮމެންޓް