ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން މީރާއާ ހަވާލުކޮށްފައިވާ މައިގަނޑު ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ބާވަތަކަށް އަދި ވިޔަފާރީގެ ކުޑަބޮޑުމިނަށް ނުބަލައި، ހުރިހާ ފަރާތެއްގެ މެދުގައިވެސް ހަމަހަމަކޮށް ޤާނޫނު ތަންފީޒުކުރުމަކީ ފެށުނީންސުރެވެސް އަމަލުކުރަމުން އައިސްފައިވާ ސިޔާސަތުކަމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.
މީރާއިން މިފަދައިން ބަޔާނެއް ނެރެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ފަސްވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޙުމަދު މުނައްވަރު އިއްޔެ ވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް ހޯދުމަކީ ބޮޑު ޒިންމާއެއްކަމަށް ވިދާޅުވެ، އެ ހޯދުމަށް މީރާއިން ގިނަ މަސައްކަތްތައް ކުރާކަން ފާހަގަކުރައްވާފައެވެ. އަދި ހަމަ އެހެންމެ މީރާއިން ރިސޯޓުތައް ވެސް އޮޑިޓްކުރަން ޖެހޭކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މީރާއިން ޝެއާކޮށްފަހުރި ހިސާބުން، އަޅުގަނޑުމެންނަށް ދީފައި ހުރީ 185 ރިސޯޓުގެ ތެރެއިން ގާތްގަނޑަކަށް 50 ރިސޯޓުން އެނގޭތޯ އިންކަމް ޓެކްސް ޕޭކުރަނީ. އިންކަމް ޓެކްސް ޕޭކުރަނީ އެންމެ 50 ވަރަކަށް ރިސޯޓުން. އޭގެ މާނައަކީ ކޮބައިތޯ؟ ފައިދާއެއް ނުވުން ނުވަތަ ކޮންމެވެސް ކަހަލަ މައްސަލަތަކެއް އެބަ އުޅެއޭ." މުނައްވަރު ވިދާޅުވިއެވެ.
އެހެންވެ، މީރާއިން ރިސޯޓުތައް ވެސް އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
މީރާގެ ޒިންމާތަކާ ގުޅޭގޮތުން އިއްޔެ ނެރުނު ބަޔާނެއްގައި އެ އިދާރާއިން ބުނެފައިވަނީ ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ ދަށުން މީރާއާ މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކުހާބެހޭ ސިޔާސަތުތައް ހިންގުމާއި ޤާނޫނީގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސްތައް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން ކަމަށެވެ.
މި މަސައްކަތުގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ހިސާބުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޤާނޫނުތަކާ އެއްގޮތަށްތޯ ބެލުމާއި ޓެކްސް ޤާނޫނާއި އެއްގޮތަށް، ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޒިންމާ އަދާކުރާކަން ކަށަވަރުކުރުމަކީ މީރާއިން އަދާކުރަމުންދާ ޤާނޫނީ ޒިންމާއެއްކަމަށް އެ އިދާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
މީރާގެ ބަޔާނުގައި ބުނެފައިވަނީ މި ޒިންމާ އަދާކުރުމުގައި، އެ އިދާރާއިން އެއްވެސް އިރެއްގައި ވިޔަފާރިތަކުގެ ބާވަތަށާއި ކުޑަބޮޑުމިނަށް ބަލާފައި ނުވާނެކަމަށާއި، މީރާއާ ޤާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަމުންގެންދަނީ ހަމަހަމަ އުސޫލެއްގެ މަތިންކަމަށެވެ. މީގެ އިތުރުން، އެ އިދާރާއިން ކުރަމުން އަންނަ މަސައްކަތްތަކަކީ ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން ރޭވިގެން އާންމުކުރެވިފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނަކާ އެއްގޮތަށް ކުރަމުންދާ ޕްލޭނަކާ އެއްގޮތަށް ކުރެވެމުންދާ މަސައްކަތެއްކަމަށެވެ.
މީރާގެ ބަޔާނުގައި އިތުރަށް ވަނީ، މީރާއިން އޮޑިޓްކުރަން ކަނޑައަޅާ ފަރާތްތަކަކީ "ރިސްކް ބޭސްޑް" އުސޫލުގެ މައްޗަށް އިންތިޒާމުކޮށްފައިވާ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހަމަހަމަ އުސޫލުތަކަކުން އޮޑިޓުކުރުމަށް ހޮވޭ ފަރާތްތަކެއްކަން ފާހަގަކޮށްފައެވެ. މި އޮނިގަނޑުގެ ތެރެއިން، ފަތުރުވެރިކަމާއި އެނޫންވެސް ދާއިރާތަކުގެ ވިޔަފާރިތައް، ހަމަހަމަގޮތެއްގައި އޮޑިޓުކުރެވޭކަން މީރާއިން ފާހަގަކުރިއެވެ.
މީރާގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ވިޔަފާރިތަކާ ގުޅިގެން، ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެންވެސް ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމުގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން މީރާއިން ފިޔަވަޅު އަޅަމުން އަންނަކަމުގައި އެ އިދާރާގެ ބަޔާނުގައި ބުނެފައިވެއެވެ.