ޑުރަގާ ގުޅުންހުރި މައްސަލަތަކުގެ ރިޕޯޓުތައް އިތުރުވެ، މި އަހަރުގެ މިހާތަނަށް 2،100އަށްވުރެ ގިނަ ރިޕޯޓު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުން: ޑުރަގާ ގުޅުންހުރި މައްސަލަތަކުގެ ރިޕޯޓުތައް އިތުރުވެ، މި އަހަރުގެ މިހާތަނަށް 2،100އަށްވުރެ ގިނަ ރިޕޯޓުކޮށްފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން ގޮސް، މި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ އެފަދަ މައްސަލަތަކުގެ އަދަދު 2،100އަށްވުރެ އިތުރުވެއްޖެއެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވާ 10,258 މައްސަލައިގެ 20.8 ޕަސެންޓް ހިއްސާކުރަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެފަދަ 2,132 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

މި އަހަރު ރިޕޯޓުކޮށްފައިވާ، މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކަކީ ފާއިތުވި ކޮންމެ އަހަރެއްގައި ވެސް ރިޕޯޓުކޮށްފައިވާ އަދަދުތަކަށް ވުރެ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ރިޕޯޓުކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި 2,066 މައްސަލައެވެ. އޭގެ ކުރީ ބައެއް އަހަރުތަކަށް ބަލާއިރު:

  • 2024: 1,670 މައްސަލަ
  • 2023: 1,752 މައްސަލަ
  • 2022: 1,420 މައްސަލަ
  • 2021: 1,447 މައްސަލަ

ފާހަގަކޮށްލެވޭ ގޮތުގައި، ފުލުހުންނަށް ހުށަހަޅައިފައިވާ އެކި ބާވަތްތަކުގެ މައްސަލަތަކުގެ ޖުމްލަ އަދަދު ފާއިތުވި ތިން އަހަރު ވެސް ހުރީ 12،000އަށްވުރެ މަތީގައެވެ. އަދި އެ ތިން އަހަރު ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެއަށްފަހު، ޓްރެފިކް އެކްސިޑެންޓުތަކާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ.

މި އަހަރުގެ މިހާތަނަށް ފުލުހުންނަށް 10,258 މައްސަލައެއް ހުށަހަޅައިފައިވާއިރު އޭގެ ތެރޭގައި ވައްކަމުގެ 2,830 މައްސަލައާއި އެކްސިޑެންޓާ ގުޅުންހުރި 2,462 ރިޕޯޓެއް ހިމެނެއެވެ.

https://sun.mv/228013

މިދިޔަ ޖަނަވަރީ މަހު ނޭޝަނަލް ޑުރަގު އޭޖެންސީ (އެންޑީއޭ)އިން ހާމަކުރި ގޮތުގައި، ބައި މިލިއަނެއްހާ އާބާދީއެއް އޮންނަ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު 10،000އަށްވުރެ އިތުރެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދޭ އެންޑީއޭއިން އެހެން ބުނިއިރު، މިދިޔަ މަހު ހޯމް މިނިސްޓަރު ޢަލީ އިހުސާން ވަނީ، ރާއްޖޭގައި މަސްތުވާތަކެތިން ސަލާމަތްވުމުގެ ފަރުވާ އެންމެ އެކަށީގެންވާ މިންވަރަށް ނުދެވޭ ކަމަށް ވިދާޅުވެފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރު ސަރުކާރުން ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިތުރަށް ހަރުކަށިކޮށްފައެވެ. އެގޮތުން އެ އިސްލާހުގެ ދަށުން، ވަކި ބާވަތެއްގެ މަސްތުވާތަކެތި، ވަކި މިންވަރަކަށްވުރެ އިތުރަށް ރާއްޖެއަށް އެތެރެކޮށްފި ނަމަ ނުވަތަ ގައުމުން ބޭރުކުރަން އުޅެފި ނަމަ މަަރުގެ އަދަބު ދެވޭނެއެވެ.

comment ކޮމެންޓް