ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް ހަތަރު މީހެއްގެ ބަންދު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.
ފުލުހުން ބުނީ، މީގެ ކުރިން ބުނީ އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހޮނިހިރު ދުވަހު ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވާ ކަމަށެވެ. އެ ފަސް މީހުންނަކީ:
- އަޙްމަދު ނޫޙް ނިޔާޒް (20އ)
- މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ)
- ނަޖުމުﷲ ޙަސަން (35އ)
- މުޙައްމަދު ޞާލިޙު އަޙްމަދު (26އ)
- އަޙްމަދު ޞާނިޖު ޞާދިޤު (32އ)
މީގެ ތެރެއިން ނޫޙް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް، މިޝަލް އިތުރު 30 ދުވަހަށް ބަންދުކުރުމަށް، ނަޖުމުﷲ އިތުރު 45 ދުވަހަށް ބަންދުކުރުމަށް، އަދި ޞާލިޙާއި ޞާނިޖު އިތުރު ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް ވެސް ފޮނުވައިފައެވެ.
ފުލުހުން ބުނީ އެ ތުހުމަތުތަކާ ގުޅިގެން، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ފުލުުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖިންސީ ކުށުގެ 272 މައްސަލައެއް ރިޕޯޓުކުރިއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 227 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.