ޑުރަގު ވިޔަފާރީގެ ތުހުމަތުގައި 6،000އަށްވުރެ ގިނަ ރުފިޔާއާއެކު 25 އަހަރުގެ ދިވެހި ޒުވާނަކު މާލެއިން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނެކެވެ. އެ މައްސަލައިގައި އޭނާ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތިން ވިޔަފާރިކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ، ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން ޖެހޭ މީހަކު މާލޭގެ ގެސްޓްހައުސްއެއްގައި ހުރި ކަމަށް އިންޓެލިޖެންސްއިން ދިން މައުލޫމާތަކާ ގުޅިގެން، ފުލުހުން އެ ގެސްޓްހައުސްއަށް ގޮސްގެންނެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގައި ވަނީ، ޒުވާނާ ހުރި ކަމަށް ބެލެވޭ ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުން އޭނާ ހުޅުވާފައިވާ ކަމަށާއި އެ ކޮޓަރީގެ އެނދު ކައިރީގައި ހުރި ކަބަޑެއްގެ މަތިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ކޮތަޅުތަކެެއް ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ކޮޓަރީގައި އޭނާ ފިޔަވާ އިތުރު މީހެއް ނެތް ކަމަށާއި ކޮޓަރި ބަލައިފާސްކުރުމަށް އޭނާ ލިޔުމުން ހުއްދަ ދިނުމުން، ފުލުހުން އެ ތަން ބަލާ ފާސްކުރި ކަމަށް އަމުރުގައިވެއެވެ. އަދި ބަލައިފާސްކުރިއިރު، ކޮޓަރީގައި ހުރި ކަބަޑުގެ މަތިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ސެލޯފިންކޮޅާއި 3،130 ރުފިޔާއާއި ޑިޖިޓަލް ކައްޓާއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.
މީގެ އިތުރުން ކޮޓަރީގެ އަލަމާރި ތެރޭގައި ހުރި ކަރުދާސް ތަށްޓެއްގެ ތެރެއިން ވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ސެލޯފިން ކޮޅާއި އެ ރޫމްގެ މުށިގަނޑުމަތިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނުނު ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި އެނދުމަތީގައި އޮތް ވޮލެޓެއްގެ ތެރެއިން 3،400 ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މައްސަލައިގައި ހައްޔަރުކުރި ޒުވާނާ ވަނީ އެ ކޮޓަރިއަކީ އޭނާ ހިފާފައިވާ ކޮޓަރިއެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް އެ ކޮޓަރި ބަލައިފާސްކުރުމަށް ފުލުހުން ދިޔައިރު އެ ކޮޓަރީގައިހުރީ އޭނާ އެކަނި ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
އެ މައްސަލައިގައި ޒުވާނާގެ ބަންދަށް މިއަދު 12 ދުވަސް ޖަހާފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވާ ބުދަ ދުވަހަށެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި 2،000އަށްވުރެ ގިނަ މައްސަލަ ހުށަހަޅައިފައެވެ.