މަގުމަތީގެ ޓްރެފިކް އޮޕަރޭޝަންތަކާއެކު އެކްސިޑެންޓުތަކުގެ އަދަދު 36 އިންސައްތަ ދަށްވެއްޖެ: ފުލުހުން

ފުލުހުން މަގުމަތީގައި: ޓްރެފިކް އޮޕަރޭޝަންތަކާއެކު އެކްސިޑެންޓުތަކުގެ އަދަދު 36 އިންސައްތަ ދަށަށް --- ފޮޓޯ: ފުލުހުން

މަގުތަކުގައި ފުލުހުން ފެށި ޓްރެފިކް އޮޕަރޭޝަންތަކާއެކު، މަގުމަތީގައި ހިނގާ ޓްރިފިކް އެކްސިޑެންޓުތަކުގެ އަދަދު 36 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ޚިދުމަތުން އެއްކޮށްފައިވާ އެންމެ ފަހުގެ އޮޕަރޭޝަނަލް ތަފާސްހިސާބުތަކުން ފެންނަނީ ވަރަށް އުއްމީދީ މަންޒަރެއް ކަމަށެވެ. އެގޮތުން މަގުތަކުގައި ފުލުހުން ފާރަވެރިވާ މިންވަރު އިތުރުކޮށް، ހިންގުނު ހަރަކާތްތަކާ ގުޅިގެން ރިޕޯޓްކުރެވޭ އެކްސިޑެންޓްތަކުގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް މަދުވެފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ އިރުޝާދުގެ ދަށުން މި މަހުގެ އަށްވަނަ ދުވަހު ފެށި "އޮޕަރޭޝަން ރެކްލެސް ޑްރައިވިން" ގެ ނަތީޖާއަށް ބަލާއިރު، އޮޕަރޭޝަން ފެށުމުގެ ކުރީގެ 20 ދުވަހާ އަޅާބަލާއިރު އޮޕަރޭޝަން ފެށިފަހުން ވޭތުވެދިޔަ 20 ދުވަހުގެ ތެރޭގައި އެކްސިޑެންޓްތައް ވަނީ 36 އިންސައްތަ މަދުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެއީ އޮޕަރޭޝަންގެ ކުރިން ހިނގި 117 އެކްސިޑެންޓާ އަޅާބަލާއިރު 43 އެކްސިޑެންޓްގެ މަދުވުމެއް ކަމަށާއި އެ މުއްދަތުގައި ހިނގާފައިވަނީ ޖުމްލަ 74 އެކްސިޑެންޓު ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. ހުޅުމާލެ ފަދަ ދިގު އަދި ފުޅާ މަގުތަކެއް އޮންނަ ތަނެއްގައި ހިނގާ އެކްސިޑެންޓްތަކުން މިފަދަ ބޮޑު ދަށްވުމެއް ފެނުމަކީ، ރައްޔިތުން މަގުމައްޗަށްދޭ ސަމާލުކަން އިތުރުވަމުން އަންނަކަމުގެ ހެއްކެއް ކަމަށް ފުލުހުން ބުނެއެވެ.

ހަމައެއާއެކު ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ވެސް ހެޔޮ ނަތީޖާތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މާލޭގެ މަގުތަކުގައި ނިމުނު މަހުގެ 21 އިން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް 128 އެކްސިޑެންޓް ހިނގާފައިވާއިރު، ޚާއްސަ ފިޔަވަޅުތަކާއެކު މި މަހުގެ އަށްވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު 106 އަށް ދަށްކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަގުމަތީގައި ދެ ފުލުހަކު ހަރަކާތްތެރިވަނީ: ޓްރެފިކް އޮޕަރޭޝަންތަކާއެކު އެކްސިޑެންޓުތަކުގެ އަދަދު 36 އިންސައްތަ ދަށަށް -- ފޮޓޯ: ފުލުހުން

ފުލުހުން ބުނީ އެއީ 22 އެކްސިޑެންޓްގެ ދަށްވުމެއް ނުވަތަ ގާތްގަނޑަކަށް 17.2 އިންސައްތައިގެ ހެޔޮ ބަދަލެއް ކަމަށެވެ. އެ ހިސާބުތަކަކީ އަދި މަސައްކަތުގެ ނިމުމެއް ނޫން ކަމަށާއި އެންމެންގެ މަސައްކަތުން ރަނގަޅު މިސްރާބަކަށް ދަތުރުކުރެވޭ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭގެ އޮޕަރޭޝަނަށް ބަލާއިރު މިމަހުގެ އަށްވަނަ ފުވަހުން 27 ދުވަހަށް ޖުމްލަ 3,151 އުޅަނދު (2,800 ސައިކަލާއި 351 ހަތަރުފުރޮޅުލީ އުޅަނދު) ޗެކްކޮށްފައި ވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 808 ފަރާތަކަށް (735 ސައިކަލު، 73 ހަތަރުފުރޮޅުލީ އުޅަނދު ދުއްވި ފަރާތަށް) ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަސޭހަތްތެރިވެ ވިސްނައިދީފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެހެން މީހުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތްގޮތަށް ދުއްވި 23 އުޅަނދަކަށާއި (20 ސައިކަލު، 3 ހަތަރުފުރޮޅުލީ އުޅަނދު)، އެ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް 85 ފަރާތެއް ޖޫރިމަނާކޮށް، 145 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މަގުމަތީގެ އަމާންކަމަކީ ވަކި ވަގުތަކު ނުވަތަ ވަކި އޮޕަރޭޝަނަކުން ނިންމައިލެވެން އޮތް ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި މަގުމަތީގެ ސަލާމަތަކީ އެންމެންގެ ހައްގެއް ކަމަށާއި އެއީ އެންމެން ގުޅިގެން އަދާކުރަންޖެހޭ ގައުމީ ޒިންމާއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް