އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ: ހައްޔަރުކުރި 9 މީހުންގެ ވަނަވަރު އާއްމުކޮށްފި

ގޭންގް ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު -- ފޮޓޯ: ފުލުހުން

ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނީ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ނުވަ ދިވެހީންގެ ވަނަވަރު އާއްމުކޮށްފިއެވެ.

ފުލުހުން މީގެ ކުރިން ބުނީ އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ބުނީ، ތުހުމަތު ކުރެވޭ ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް ފޮނުވައި، އެ ރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ މުއައްސަސާއިން ހާމަކުރިއެވެ.

ފުލުހުން މިއަދު ވަނީ އެ ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފައެވެ. އެގޮތުން މި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންނަކީ:

  • މުހައްމަދު މައިސަން ޝިޔާޒު (21އ)
  • އަހުމަދު އިފްތިޝާމް ޒަރީރު (24އ)
  • ނަޖުމުﷲ ހަސަން (35އ)
  • އާޒިމް މުފީދު (24އ)
  • އަލީ ހުޒާމް ސައީދު (31އ)
  • މުހައްމަދު ސޯލިހު އަހުމަދު (26އ)
  • އަހުމަދު ނޫހު ނިޔާޒު (20އ)
  • މުހައްމަދު މިޝަލް އަހުމަދު ޒުހައިރު (20އ)
  • އަހުމަދު ސާނިޖު ސޯދިގު (32އ)

ފުލުހުން ބުނީ އެ ތުހުމަތުތަކާ ގުޅިގެން، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ފުލުުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ޖިންސީ ކުށުގެ 272 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 223 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް