ޚާއްސަ އެހީއަށް ބޭނުންވާ މީހުން މުޖުތަމައުގައި ޝާމިލްވުން އިތުރުކުރުމަށް ގައުމީ ޕްރޮގްރާމެއް ފަށަނީ

ރައީސް މުއިއްޒު "ރައްޔިތުންގެ އަޑު" ޕްރޮގުރާމުގެ ބައިވެރިއަކާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޚާއްސަ އެހީއަށް ބޭނުންވާ މީހުން މުޖުތަމައުގައި ޝާމިލްކުރުން އިތުރުކުރުމަށް އަންނަ އަހަރު ގައުމީ ޕްރޮގުރާމެއް ފަށްޓަވާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'އިން ގެނެސްދޭ "ރައްޔިތުންގެ އަޑު" ޕްރޮގުރާމުގެ ތެރެއިން މި ހަފުތާގެ ޕްރޮގްރާމުގައި ބައިވެރިވި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ބުނީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޖާގައިގެ ގޮތުން ވެސް ދަތިކަމަށާއި އަތޮޅުތަކުގައި ވެސް ހުންނަނީ އޭގެ މަދު މަރުކަޒުތަކެއް ކަމަށެވެ.

ދެވަނަ ކަމަކަށް އޭނާ ފާހަގަކުރި އެއް ކަންބޮޑުވުމަކީ މަތީ ތައުލީމު ހާސިލުކޮށްގެން ތިބި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ލިބުމުގައި ދިމާވާ ދައްޗާއި ހުރަހެވެ.

އޭނާ ބުނީ ބައެއް ދާއިރާތަކުން ވަޒީފާ ނުލިބި ދާ ކަމަށެވެ.

"އަޅުގަނޑު ދިޔައިން ބައިވަރު ތަންތަނަށް އިންޓަވިއުއަށް ވެސް، އިންޓާންޝިޕަށް ވެސް ދިޔައިން އެމްއޭސީއެލް ކަހަލަ ތަންތަނަށް، އެހެން ނަމަވެސް އިންޓަވިއުއަށް ފަހު އެއްވެސް ކަހަލަ ޖަވާބެއް ވެސް ނުދެއްވާ އިންޓާންޝިޕްގެ ފުރުސަތުތައް ވެސް ނުލިބޭކަން ފާހަގަކޮށްލަން ބޭނުން،" އެ މީހާ ކިޔައިދިނެވެ.

ރައީސް މުއިއްޒު "ރައްޔިތުންގެ އަޑު" ޕްރޮގުރާމުގައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއެކު ވަޒީފާ ހޯދައިދޭން އިސްކަން ދެއްވާ ކަމަށެވެ. ކުރިއަށް ހުރި ދުވަސްތަކުގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ނުލިބޭ މައްސަލަތަކަށް ހައްލެއް ގެންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"މިހާރު ވެސް އަޅުގަނޑު ވާނީ ހުރިހާ އެމްޕީސްއިންނަށް ވެސް ދަންނަވައިފައި އަދި މިނިސްޓަރުންނަށް ވެސް ދަންނަވައިފައި ވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ފުރުސަތުތައް ވީ އެންމެ ރަނގަޅަކަށް ފަހިކޮށްދީ ފަހި މާހައުލެއް ވަޒީފާ އަދާކުރާނެ ގޮތްތަކެއް ހަމަޖައްސައިދޭން،" އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ހަވާސާވެފައިތިބި ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ހުރިހާ ދާއިރާއަކުން އަންނަ އަހަރު ގައުމީ ބޮޑު މަޝްރޫއެއް ފަށަން ސަރުކާރުން ނިންމައިފައިވާ ކަމަށެވެ. އެ މަޝްރޫއުގެ މަގުސަދަކީ ރައީސް ވިދާޅުވިގޮތުގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުރިހާ ޚިދުމަތެއް ފަސޭހަކަމާއެކު ލިބޭނެ ގޮތަށް ފަހިކޮށްދިނުމެވެ.

https://sun.mv/228912

ފާހަގަކުރެވޭ ގޮތުގައި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިދިޔަ ސެޕްޓެންބަރު މަހު މާލީ އެހީގެ ގޮތުގައި 59 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުން ދައްކައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި މިހާރު 15،885 ހިމެނެއެވެ. އެއީ މިދިޔަ މަހު އަލަށް ދަފުތަރުވި 263 މީހުން ހިމެނޭ ގޮތަށެވެ.

comment ކޮމެންޓް