2 އަހަރު ތެރޭ އެމްއައިބީގެ "ބިންގާ" ޚިދުމަތަށް ބޮޑު ކާމިޔާބީއެއް

ދެ އަހަރު ތެރޭ އެމްއައިބީގެ "ބިންގާ" ގެ ޚިދުމަތަށް ބޮޑު ކާމިޔާބީއެއް --- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައާރަފްކުރި "ބިންގާ"ގެ ޚިދުމަތަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެމްއައިބީއިން ކުޑަކުދިންނަށް ޚާއްސަކޮށްގެން މީގެ ދެ އަހަރުކުރިން ތައާރަފުކުރި "ބިންގާ" އެކައުންޓަކީ ރާއްޖޭގައި ކުޑަކުދިން މާލީގޮތުން އަހުލުވެރިކުރުވުމާއި، ފައިސާ ބެލެހެއްޓުމުގެ ރަނގަޅު އާދަތައް ދަސްކޮށްދިނުމުގެ މަގްސަދުގައި ތައާރަފްކުރި އެކައުންޓެކެވެ.

ޝަރީއާގެ ހަމަތަކަށް ފެތޭގޮތަށް ފަރުމާކުރެވިފައިވާ މި އެކައުންޓަކީ، ކުޑައިރުއްސުރެ ފައިސާ ރައްކާކުރުމާއި، ޒިންމާދާރުކަމާއެކު ޚަރަދުކުރުމުގެ މުހިންމުކަން އާއިލާތަކާއި ކުދިންނަށް އަންގައިދީ، ރާއްޖޭގެ ބޭންކިން ދާއިރާއަށް އިގުތިސާދީ އަދި އިޖުތިމާއީ ބަދަލެއް ގެނެސްދީފައިވާ އެކައުންޓެއް ކަމަށް އެމްއައިބީއިން ބުނެއެވެ.

އެމްއައިބީއިން ބުނިގޮތުގައި އެ ޚިދުމަތުގެ އެންމެ ޚާއްސަ އެއް ސިފަޔަކީ ކުޑަކުދިންގެ އުމުރާއި މާލީ ބޭނުންތަކަށް ބަލައި ތިން ބާވަތެއްގެ އެކައުންޓެއް ހިމެނޭހެން އުފައްދާފައިވާ ހަރުދަނާ އޮނިގަނޑެވެ.

އޭގެ ތެރޭގައި ދުވަހުން ދުވަހަށް ކުރާ ޚަރަދުތަކަށް ޚާއްސަ "ބިންގާ ޓީއާރްއެކްސް" އެކައުންޓާއި ވަކި މަގުސަދުތަކަކަށް ފައިސާ އެއްކުރުމުގެ އާދަ އަށަގަންނުވާ "ބިންގާ ސޭވް" އެކައުންޓުގެ އިތުރުން، ދިގު މުއްދަތަކަށް ފައިސާ އިތުރުކުރުމަށް ހުޅުވޭ "ބިންގާ އިންވެސްޓް" އެކައުންޓް ހިމެނެއެވެ. އަދި އުމުރުން ހަތް އަހަރުން މަތީގެ ކުދިންނަށް ޑެބިޓް ކާޑު ދޫކުރަން ފެށުމުން، ކުދިން އަމިއްލައަށް ފައިސާ ބޭނުންކުރުމުގެ ތަޖުރިބާ ލިބިގެންދާ ކަމަށް އެމްއައިބީއިން ވަނީ ބުނެފައެެވެ.

އެމްއައިބީއިން ބުނިގޮތުގައި ބެލެނިވެރިންގެ ބޮޑު އިތުބާރެއް ބިންގާ ހިދުމަތަށް ލިބިގެންދިޔަ މައިގަނޑު ސަބަބަކީ އެ ބޭންކުން ފޯރުކޮށްދޭ ރައްކާތެރިކަމާއި ފުރިހަމަ ކޮންޓްރޯލްގެ ކަށަވަރުކަމެވެ.

ކުދިންނަށް ކާޑު ދޫކުރިކަމުގައި ވިޔަސް، އޭޓީއެމްއާއި، ޕީއޯއެސް އަދި އޮންލައިންކޮށް ޚަރަދުކުރެވޭނެ ލިމިޓްތައް ކަނޑައެޅުމުގެ އިޚުތިޔާރު ބެލެނިވެރިންނަށް ލިބިގެންދެއެވެ. އަދި ކޮންމެ މުއާމަލާތެއްގެ އެސްއެމްއެސް އެލާޓްތައް ވަގުތުން ބެލެނިވެރިޔާއަށް ލިބޭއިރު، ކުއްޖާގެ މާލީ ހަރަކާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރުސަތު ބެލެނިވެރިންނަށް އެމްއައިބީން ވަނީ ފަހިކޮށްދީފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެމްއައިބީގެ އެޕްލައި ނައު ޕޯޓަލް މެދުވެރިކޮށް، އީ-ފާސްގެ ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ސިކުންތުކޮޅެއްގެ ތެރޭގައި ބިންގާ އެކައުންޓް ހުޅުވާލެވޭ ގޮތް ފަހިކޮށްދީފައި އޮތުމަކީ އެ ޚިދުމަތް އިތުރަށް ފުޅާވެ، ގިނަ އަދަދެއްގެ އާއިލާތަކުން އެ ޚިދުމަތާ ގުޅުމަށް މަގުފަހިވި މުހިންމު ސަބަބެއްކަމަށް އެ ބޭންކުން ބުނެއެވެ.

އެ ބޭންކުން ވަނީ އެއްދުވަހުން އަނެއްދުވަހަށް ބިންގާ އެކައުންޓް ބޭނުންކުރާ ކުދިންގެ އަދަދު އިތުރުވަމުންދާއިރު، މިއީ ހަމައެކަނި ބޭންކު އެކައުންޓްތަކެއް ހުޅުވުމުގެ އިތުރުން ދިވެހި މުޖުތަމައުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ އެންމެ ކާމިޔާބު އެއް މަސައްކަތްކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް