އަބޫދާބީ ކޯނިޗް ކައިރީގައި، ސިޓީގެ އުސް އިމާރާތްތަކުގެ މަންޒަރު ފެންނަ ހިސާބުގައި "ލޫލޫ އައިލެންޑް" ކިޔާ ބޮޑު ރަށެއް އޮވެއެވެ. ނަވާރަސަތޭކަ އަށްޑިހަ ހަވަނަ އަހަރާއި ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރާ ދެމެދު ހިއްކައިގެން އުފެއްދި 400 ހެކްޓަރުގެ މި ބޮޑު ރަށް އަސްލު ހިއްކީ މާ ބޮޑު ތަސައްވުރެއް އޮވެގެން، މާ ބޮޑު ތަނެއް ތަރައްގީ ކުރާކަށެއް ނޫނެވެ. ގޮނޑުދޮށް ރައްކާތެރިކުރުމަށް ހެދި ބްރޭކްވޯޓާއެއްގެ ގޮތުގައެވެ. ތިރީސް އަހަރަށްވުރެ ގިނަ ދުވަސްވީއިރު ވެސް މި ރަށް އޮތީ އެއްވެސް ތަރައްގީއެއް ނެތި ހުސްކޮށެވެ.
އެކަމަކު އަބޫދާބީގެ 2030 ވަނަ އަހަރުގެ އާބަން ފްރޭމްވޯކްގައި މިއަދު ލޫލޫ އަކީ ސިޓީގެ މުހިންމު ތަނެކެވެ. އެތައް މިލިއަން ޑޮލަރުގެ އަގުހުރި ރަށަކަށް މި ތަން ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށައިފިއެވެ. އެ މަސައްކަތް ކުރަމުން އަންނަނީ އީގަލް ހިލްސް ކުންފުނިންނެވެ. މިއީ ރާއްޖޭގައި ހިއްކަމުން އަންނަ ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއު ތަރައްގީ ކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހު ދިވެހި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކުރި، އަބޫދާބީ ކުންފުންޏެކެވެ. އީގަލް ހިލްސްއިން އިންތިޒާމްކުރި މީޑިއާ ވަފުދުގެ ދަތުރުގެ ތެރެއިން އަޅުގަނޑަށް ލޫލޫ އައިލެންޑުގައި ހިނގަމުން އަންނަ އީގަލް ހިލްސްގެ މަސައްކަތް ބަލައިލަން ވަނީ ފުރުސަތު ލިބިފައެވެ.
ލޫލޫ އައިލެންޑު ދުރުން ފެންނަ ގޮތް -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒްލޫލޫއިން މި ދައްކަނީ މި ރާއްޖޭގެ މަންޒަރު
ލޫލޫގެ ތާރީޚުން ފެންނަނީ ރާއްޖެއާ ވެސް ވަރަށް އެއް ގޮތް ކަމެކެވެ. ރާއްޖޭގެ ވެސް އެކި ސަރުކާރުތަކުން ގިނަ އަދަދެއްގެ ބިންތައް ހިއްކާފައިވީ ނަމަވެސް، އެ ބިންތަކުގެ ތެރެއިން ގިނަ ބިންތައް އަދިވެސް ހުރީ އާމްދަނީ ލިބޭ ނުވަތަ ރައްޔިތުންނަށް އެއިން ފައިދާއެއް ލިބޭ ތަންތަނަކަށް ބަދަލުނުކުރެވިއެވެ. އެ ފަދަ ކަމެއް އެ ބިންތަކުގައި ކޮށްދޭނެ ފެންވަރުގެ ބަޔަކު އެކަމަށް ކުރިމަތިނުލާތީއެވެ. ނުވަތަ ދިވެހި ދައުލަތުގެ އެ ވަރުގެ ތަނަވަސްކަން ނެތީމައެވެ.
ލޫލޫއަށް ވެސް ގިނަ ޕްލޭންތަކެއް ހުށަހެޅިފައިވެއެވެ. ނަވާރަސަތޭކަ އަށްޑިހަ އެއްވަނަ އަހަރު ބްރެޒިލްގެ މަޝްހޫރު އާކިޓެކްޓް އޮސްކާ ނިއުމޭޔާ ވަނީ ރިސޯޓް ރަށެއް ތަރައްގީ ކުރުމުގެ ޕްލޭނެއް ހުށަހަޅާފައެވެ. ނަމަވެސް، އެ ޕްލޭނުގެ ހަރަދު ބޮޑު ކަމަށް ބުނެ ފަހުން ވަނީ އެ މަޝްރޫޢު ހުއްޓާލާފައެވެ. ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު، ލޫލޫ ފަތުރުވެރިކަމުގެ ރިސޯޓަކަށް ހެދުމުގެ ޕްލޭނަކަށް 2 ބިލިއަން ޑޮލަރުހެ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވުނެވެ. ނަމަވެސް، 1997 ވަނަ އަހަރު، ހަރަދު ދެގުނަވުމާ ގުޅިގެން އެ މަޝްރޫޢު ވެސް ހުއްޓާލެވުނެވެ.
ލޫލޫ އައިލެންޑްގައި މަސައްކަތްތައް ކުރިއަށްގެންދަނީ -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒްއެއަށްފަހު 2003 ވަނަ އަހަރު އަބޫދާބީ ސަރުކާރުން ވަނީ މި ރަށް ތަރައްގީ ކުރުމަށް 100 މިލިއަން ދިރްހަމްގެ ކެޕިޓަލާއެކު ޚާއްސަ ކޯޕަރޭޝަނެއް ގާއިމުކޮށްފައެވެ. ފަހުގެ ހުށަހެޅުންތަކުގެ ތެރެއިން ހުށަހެޅުމެއްގައި 75 ބުރީގެ ޓަވަރެއް ހިމެނުނު ނަމަވެސް، އެ މަޝްރޫޢުތައް ވެސް ވަނީ ފަސްކުރެވިފައެވެ. ރަށް ހިއްކުމުގެ އަސްލު ހަރަދު އާންމުކޮށްފައެއް ނުވެއެވެ. އެހެންކަމުން މިހާތަނަށް ވެސް އެ ރަށް ހަމަ އޮތީއެވެ. ހަނަފަސްކަން ބޮޑު ސަރަހެއްދެގެ ގޮތުގައި އޮތީއެވެ.
އީގަލް ހިލްސްއިން ލޫލޫ މަޝްރޫއުގެ އަގު އަދި ހާމަކޮށްފައި ނުވިޔަސް، ލޫލޫގެ ބޮޑުމިނުގެ ރަށަކަށް އެތައް ބިލިއަން ޑޮލަރުގެ ތަރައްގީ ގެނެވި، އެއާއެކު ގިނަ ވަޒީފާތަކާއި، ބޯހިޔާވަހިކަމާއި، ވިޔަފާރީގެ ހަރަކާތްތައް އުފެދޭނެއެވެ.
ލޫލޫއާއި ރަސްމާލެއާ ދެމެދު އެއްގޮތް ގިނަ ކަންތައްތަކެއް ފާހަގަވޭ -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒްމަސައްކަތް ބާރަށް ކުރިއަށް
އީގަލް ހިލްސްއިން އެ މަސައްކަތާ ހަވާލުވީތާ އަދި ވީ ތިންވަރަކަށް މަހެވެ. އެކަމަކު މަސައްކަތް ދަނީ ބާރު ދުވެލީގައި ކުރިއަށެވެ. ވިލާ އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރުމަށް ތައްޔާރުވުމުގެ ގޮތުން މަޝްރޫޢުގެ މޮކަޕް ވިލާތަކާއި ސޭލްސް ސެންޓަރެއް ވެސް ދަނީ ތަރައްޤީ ކުރަމުންނެވެ.
ލޫލޫ އާއި އަބޫދާބީ ގުޅުވައިދޭނެ ބްރިޖެއް ވެސް ދަނީ އެޅެމުންނެވެ. ބްރިޖުގެ ގާތްގަނޑަކަށް ބަޔެއް ވަނީ ނިމިފައެވެ. އަދި މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ.
ލޫލޫ އާއި ރަސްމާލެއާ ދެމެދު ވަރަށް ގިނަ ކަންކަން އެއްގޮތެވެ. ދެ ރަށަކީ މީހުން ދިރިއުޅޭ ވެރިރަށެއްގެ ކައިރީގައި ހިއްކާފައިވާ ބޮޑު ބިންތަކެކެވެ. އަދި ދެ ރަށް ވެސް ބަރޯސާވެފައިވަނީ އެތަންތަން މީހުން ދިރިއުޅޭ ކޮމިއުނިޓީތަކަކަށް ހެދުމަށް ޓަކައި ޑިވެލޮޕަރެއްގެ މައްޗަށެވެ.
ހަނަފަސްކޮށްލާފައި އޮތް ބޮޑު ރަށް، މިލިއަން ޑޮލަރުގެ މަންޒިލަކަށް ހެދުމުގެ މަސައްކަތްތައް އީގަލް ހިލްސްއިން ދަނީ ކުރަމުން -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒްހަތަރު މިލިއަން އަކަ މީޓަރުގެ ލޫލޫގެ ބޮޑުމިން ރަސްމާލޭގެ "މޯލްޑިވްސް ވޯޓަފްރަންޓް އެންޑް މެރީނާ" އަށް ހިއްކާ 5.2 މިލިއަން އަކަ މީޓަރުގެ ބިމާ ގާތްގަނޑަކަށް އެއްވަރެވެ.
ލޫލޫގައި ހަދާ ބްރިޖުން ވެސް ގުޅިފައި އޮތުމުގެ މުހިއްމުކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ރަސްމާލޭގެ ކާމިޔާބީ ވަރަށް ބޮޑަށް ބިނާވެފައިވަނީ މާލެއާއި، ހުޅުމާލެއާއި އަދި އެއާޕޯޓާއި މި ރަށް ގުޅިފައި އޮންނަ މިންވަރަށެވެ.
ލޫލޫއިން ދައްކައިދެނީ ގާބިލު ކުންފުންޏަކުން މަޝްރޫއަކާ ހަވާލުވުމުން، ތަރައްގީގެ ނިޝާންތައް ވަރަށް އަވަހަށް ފެންނަން ފަށާ ކަމެވެ. ނަމަވެސް، މިއީ އަދިވެސް މަސައްކަތުގެ ކުރީކޮޅެވެ. މިހާރު ފެންނަނީ މަސައްކަތް ކުރިއަށްދިޔަޔަސް، ފުރިހަމަ ނަތީޖާއެއް ނޫނެވެ. ހަގީގީ ނަތީޖާ ފެންނާނީ ކުރިއަށް އޮތް އަހަރުތަކުގައި މަސައްކަތް ކުރިއަށްދާ މިންވަރުންނެވެ.
ރާއްޖެއަށް ލިބޭ މައިގަނޑު ފިލާވަޅަކީ، ބިން ހިއްކުމަކީ ހަމައެކަނި ފުރަތަމަ ފިޔަވަޅު ކަމެވެ. ހިއްކާފައިވާ ބިމުގެ އަގު ބިނާވެފައިވަނީ އެއަށް ފަހު ކުރާ ކަންކަމުގެ މައްޗަށް ކަމަށެވެ. ރަނގަޅު ޕްލޭންކުރުމެއް، އިތުބާރު ހުރި ފައިނޭންސެއް އަދި މަސައްކަތް ނިންމާލެވޭނެ ގާބިލު ޑިވެލޮޕަރެއްގެ މައްޗަށް ކަމަށެވެ.