ކަސްޓަމްސްގެ ފިސްކަލް މެންޑޭޓް އަންނަ އަހަރު ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފައިވާކަން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ތަފުސީލު ހާމަކުރައްވަމުން ޒަރީރު ވިދާޅުވީ، އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށާއި، އެ ސިޔާސަތުތަކަށް އަމަކުކުރާ މިންވަރު އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވިކުރުމަށް ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން، މޯލްޑިވްސް ކަސްޓަމްސްގެ ފިސްކަލް މެންޑޭޓް ފިނޭންސް މިނިސްޓްރީން ބެލެހެއްޓުމަށް ބަދަލުކުރުމަށް ބަޖެޓުގައި ވާނީ ހުށަހަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ކަސްޓަމްސްއިން ނަގަން ހަވާލުވެފައިވާ ފައިސާގެ ތެރޭގައި އިމްޕޯޓް ޑިއުޓީއާއި ބޯޑަރުން ނަގާ ޖީއެސްޓީއާއި ތަފާތު ފީތައް ހިމެނެއެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ނެރެފައިވާ ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަން ރުފިޔާ ލިބިފައިނުވެއެވެ.
އެ ފައިސާ ހޯދުމަށް ވަގުތީ ގޮތުން ޚިދުމަތް މެދުކަނޑާލުން ފަދަ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، ނިމުނު އަހަރުގެ މެއި މަހު މައުލޫމާތު އެއްކުރިއިރު، އެ އަދަދުގެ ތެރެއިން ލިބިފައިވަނީ އެންމެ 10,164,272 ރުފިޔާ ކަމަށް އޮޑިޓުގައިވެއެވެ. އަދި ނުލިބި ހުރި ފައިސާގެ ތެރެއިން 162.9 މިލިއަން ރުފިޔާއަކީ ކޯޓުތަކުން އެ ފައިސާ ދެއްކުމަށް ހުކުމްކޮށް، ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ހުރި ފައިސާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނުލިބިވާ ފައިސާގެ ތަފުސީލަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ 435.8 މިލިއަން ރުފިޔާ ކަމަށް އޮޑިޓުގައިވެއެވެ. އަދި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 21.1 މިލިއަން ރުފިޔާއާއި، ރެވެނިއު ފީގެ ގޮތުގައި 1.9 މިލިއަން ރުފިޔާއާއި، ރޯޔަލްޓީގެ ގޮތުގައި 1.9 މިލިއަން ރުފިޔާގެ އިތުރުން ބޮންޑް ފީއާއި ޕްރޮސެސިން ފީ ފަދަ ފީތަކުގެ ގޮތުގައި ލިބެންޖެހޭ 92,203 ރުފިޔާ ހިމެނޭ ކަމަށް އޮޑިޓުގައިވެއެވެ.