ކަސްޓަމްސްއަށް ނުލިބޭ ފައިސާ ކޮންމެ އަހަރަކު އިތުރުވެ، 461 މިލިއަން ރުފިޔާއަށް އަރާ: އޮޑިޓް

ކަސްޓަމްސް އިމާރާތް: ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަން ރުފިޔާ އަދިވެސް ނުލިބި އެބަހުރިކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 2023 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަން ރުފިޔާ ނުލިބި ހުރިކަން އެ މުއައްސަސާގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ އަހަރުގެ ނިޔަލަށް އެ އިދާރާއަށް ލިބެންޖެހޭ ޖުމްލަ ފައިސާގެ އަދަދު 461,016,716 ރުފިޔާއަށް އަރައެވެ.

މި ފައިސާ ހޯދުމަށް ވަގުތީ ގޮތުން ޚިދުމަތް މެދުކަނޑާލުން ފަދަ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، ނިމުނު އަހަރުގެ މެއި މަހު މައުލޫމާތު އެއްކުރިއިރު މި އަދަދުގެ ތެރެއިން ލިބިފައިވަނީ އެންމެ 10,164,272 ރުފިޔާއެވެ. އަދި ނުލިބި ހުރި ފައިސާގެ ތެރެއިން 162.9 މިލިއަން ރުފިޔާއަކީ ކޯޓުތަކުން އެ ފައިސާ ދެއްކުމަށް ހުކުމްކޮށް، ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ހުރި ފައިސާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކަސްޓަމްސްއަށް ނުލިބި ހުރި ފައިސާ ބެހިފައިވާ ގޮތް -- ފޮޓޯ/ އޮޑިޓް ރިޕޯޓް

ނުލިބިވާ ފައިސާގެ ތަފުސީލަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ 435.8 މިލިއަން ރުފިޔާއެވެ. އަދި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 21.1 މިލިއަން ރުފިޔާއާއި، ރެވެނިއު ފީގެ ގޮތުގައި 1.9 މިލިއަން ރުފިޔާއާއި، ރޯޔަލްޓީގެ ގޮތުގައި 1.9 މިލިއަން ރުފިޔާގެ އިތުރުން ބޮންޑް ފީއާއި ޕްރޮސެސިން ފީ ފަދަ ފީތަކުގެ ގޮތުގައި ލިބެންޖެހޭ 92,203 ރުފިޔާ ހިމެނެއެވެ.

މީގެ އިތުރުން ނުލިބި ހުރި ފައިސާގެ ތެރެއިން 135 މިލިއަން ރުފިޔާއަކީ ނުލިބި ތިން އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ފައިސާ ކަމަށްވެސް އޮޑިޓުން ދައްކައެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ކަސްޓަމްސްއިން ވަނީ ދައުލަތަށް ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިދީފައެވެ. މިއީ އެ އަހަރު ދައުލަތަށް ލިބުނު ޓެކްސް އާމްދަނީގެ 11 އިންސައްތައެވެ.

އެ އަހަރު ކަސްޓަމްސްގެ ބަޖެޓުން 248.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. އެއީ 194.3 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އިދާރީ ހިންގުމުގެ ޚަރަދަށް 17.4 މިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 26 މިލިއަން ރުފިޔާ ހިމެނެއެވެ.

ކަސްޓަމްސްއަށް މިހާރު ލިބެންޖެހޭ ފައިސާގެ ތަފާސްހިސާބު --

މި މައްސަލަތައް ހައްލުކުރުމަށްޓަކައި އޮޑިޓަ ޖެނެރަލް ވަނީ، ދައުލަތަށް ފައިސާ ނުދައްކާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި، ކޯޓު މަރުހަލާ ނިމި ހުކުމް ތަންފީޒުނުވެ ހުރި މައްސަލަތަކުގައި ފައިސާ ހޯދުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން އިގުތިސާދީ ބޭނުންތަކަށް ދޫކުރާ ޑިއުޓީ އިނާޔަތްތައް ބާތިލުކުރާ ހާލަތްތަކުގައި ފައިސާ އަނބުރާ ހޯދުމަށް ބޭނުންވާ ގާނޫނީ އަދި ގަވާއިދުގެ އިސްލާހުތައް ގެނައުމަށްވެސް ވަނީ ލަފާދެއްވާފައެވެ.

އޮޑިޓަ ޖެނެރަލް ޙުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކަސްޓަމްސްގެ މާލީ ބަޔާންތައް ތައްޔާރުކޮށްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށެވެ.

https://sun.mv/225232

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަކީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި، މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ އެންމެހައި ކަންކަން ބަލަހައްޓައި، ޑިއުޓީއާއި ޓެކްސް ނެގުމުގެ ގާނޫނީ ޒިންމާ އުފުލާ މައި މުއައްސަސާއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ޖުލައި މަހު ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ނެރުނު ތަފާސްހިސާބުގައިވަނީ ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ކުއްޔާއި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު އިތުރުވެ، 14.5 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް ދައްކައިފައެވެ.

comment ކޮމެންޓް