ކަރަންޓުގެ އަގު ކުޑަ ކުރުމަށް މި އަހަރު ވަރަށް ބޮޑު އަދަދެއް އިތުރަށް ހޭދަކޮށް، 3.8 ބިލިއަން ރުފިޔާގެ އަދަދެއް ހޭދަކުރަން ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު އިއުލާންކުރައްވަމުން، ޒަރީރު ވިދާޅުވީ، މި އަހަރުގެ އެންމެ ބޮޑު އިމްތިޙާނަކީ ދައުލަތުގެ ޚަރަދުތައް ވަރަށް ބޮޑަށް އުފުލުން ކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކާއެކު، ކަރަންޓު އުފެއްދުމާއި، މުދާ އުފުލުމާއި، ޢާންމު ދިރިއުޅުމުގެ އެންމެހައި ޚަރަދުތަކަށް އަސަރު ކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒަރީރު ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ތެލާއި ކަރަންޓުގެ އަގު އުފުލުމުން، އެތައް ޤައުމެއްގައި 24 ގަޑިއިރު ކަރަންޓު ފޯރުކޮށްނުދެވި، ރައްޔިތުންނަށް ތަކުލީފުތައް ކުރިމަތިވަމުންދާ ކަމަށެވެ.
އެހެންނަމަވެސް، ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއެރުމެއް ނެތި، ވިޔަފާރި ހަރަކާތްތައް ކުރިއަށް ގެންދަނީ ސަރުކާރުން ތެލުގެ އަގުތައް އުފުލުމުގެ އަސަރު ކުޑަކޮށްދީގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓު ފޯރުކޮށްދިނުމުގެ މަގުސަދުގައި ދެމުންދާ ފިއުލް ސަބްސިޑީގެ ޚަރަދު ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައި ކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ.
މިގޮތުން، ފިއުލް ސަބްސިޑީގެ ގޮތުގައި މި އަހަރުގެ ނިޔަލަށް 3.8 ބިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް ބެލެވޭ. އެހެންނަމަވެސް، މާލީ އިދާރާތަކުގެ ތެލުގެ ފޯކާސްޓްތަކަށް ބަލާއިރު، އަންނަ އަހަރު ތެލުގެ އަގު ދަށްވާނެކަމަށް އެ އިދާރާތަކުން އަންދާޒާކުރޭ.
ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު
ޒަރީރު ވިދާޅުވި ގޮތުގައި އަންނަ އަހަރު ދައުލަތުން ފިއުލް ސަބްސިޑީއަށްކުރާ ޚަރަދު 3.2 ބިލިއަނަށް ދަށްވާނެކަމަށް ބެލެވެއެވެ.
މިދިޔަ ފެބުރުވަރީ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފައިވެއެވެ. އެގޮތުން ފަތުރުވެރިން އައުން މަދުވެ، އޭގެ އަސަރު އާމްދަނީއަށްކޮށްފައިވެއެވެ.
މީގެ އިތުރުން، ދުނިޔޭގެ ތެލުގެ ބޮޑެތި ޝިޕްމެންޓުތައް އުފުލާ ހޮރުމުޒު ކަނޑުއޮޅި، ހަނގުރާމައިގެ ތެރޭގައި ބަންދުކުރުމުން ތެލުގެ ޚަރަދު ވަރަށް ބޮޑަށް އުފުލުނެވެ. އެއާއެކު ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު އުފުލުނު ނަމަވެސް ފަހުން، އަގު ވަނީ ދަށްކޮށްފައެވެ.
ތެލާއި ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުމަށް ކޮންމެ އަހަރަކު ވެސް ދައުލަތުން ބޮޑު ޚަރަދެއް ކުރެއެވެ. އެގޮތުން މި އަހަރު ސަބްސިޑީއަށް ބަޖެޓް ކުރީ 2.89 ބިލިއަން ނަމަވެސް، މިހާރު ސަބްސިޑީ ޚަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި މަހުގެ 15ގެ ނިޔަލަށް ސަބްސިޑީ ޚަރަދު ވަނީ 4.3 ބިލިއަނަށް އަރައިފައެވެ.
ރާއްޖެއަށް ސަބްސިޑީގެ ބުރަ ބޮޑުވަމުން އަންނާތީ، ސަބްސިޑީ ނިޒާމު އިސްލާހު ކުުރުމަށް ބޭރުގެ އިދާރާތަކުން ލަފާދޭތާ ދިގު މުއްދަތެއް ވެއްޖެއެވެ. މި ސަރުކާރުގައި، ސަބްސިޑީ ހައްގުވާ މީހުންނަށް 'ޓާގެޓެޑް" ގޮތެއްގައި ދިނުމަށް ބަޖެޓުގައި ހިމެނި ނަމަވެސް، އެ ފިޔަވަޅުތައް ނޭޅުމަށް ފަހުން ސަރުކާރުން ވަނީ ނިންމައިފައެވެ.