ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ގެއްލުނު ޝުޖާއުއަށް އެމްޑީޕީ ޓިކެޓް

ޝުޖާއު އަލީ: ވ. ތިނަދޫ ކައުންސިލް ރައީސްގެ ބައި އިލެކްޝަންގައި އެމްޑީޕީ ޓިކެޓު ޝުޖާއުއަށް ވަނީ ލިބިވަޑައިގެންފައި --- ފޮޓޯ/ އަދަދު

މި ވަގުތު ހުސްކޮށް އޮތް ވ. ތިނަދޫ ކައުންސިލު ރައީސްގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީ ޓިކެޓު އަލީ ޝުޖާއުއަށް ލިބިވަޑައިގެންފިއެވެ.

ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ، ޝުޖާޢުއެވެ. އެ ގޮނޑި ހުސްވީ މި ހިނގާ ފަސްވަނަ ކައުންސިލުގެ ދައުރު ފެށުނު ފަހުން ޕާޓީ ބަދަލުކުރިކަމަށް ބުނެ، ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިދިޔަ ޖުލައި ދެވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.

'ސަން'އިން ސުވާލުކުރުމުން މިރޭ ޝުޖާއު ވަނީ، އެ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީން ކުރިމަތިލެއްވީ އޭނާ އެކަނި ކަމަށް ވިދާޅުވެފައެވެ. އެހެންވެ، އިތުރު ޕްރައިމަރީއެއް ބޭއްވުމެއް ނެތި އޭނާއަށް ވަނީ، ޓިކެޓު ލިބިވަޑައިގެންފައެވެ.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން ކުރިމަތިލެވޭއިރު، އެ އިންތިޚާބު އޮންނާނީ އަންނަ މަހު 28ގައެވެ.

https://sun.mv/224190

ފާހަގަކުރެވޭ ގޮތުގައި، ޝުޖާޢު ކުރިން 'ސަން'އަށް ވިދާޅުވީ، ދިމާވެގެން އުޅެނީ ގާނޫނުގައި ނެތް ހާލަތެއް ކަމަށާއި، އޭނާ މަގާމުން ވަކިކުރަން އެލްޖީއޭއިން ނިންމީ އިޖުރާއަތުތައް ފުރިހަމަނުކޮށް، ގާނޫނު ރަނގަޅަށް ނުބަލާ ކަމަށެވެ. އަދި، އީސީން ބައި-އިލެކްޝަނަށް ހުޅުވާލައިފިނަމަ އަލުން ވާދަކުރައްވައި މަގާމު އަލުން ހޯއްދަވާނެ ކަމަށް އޭރު އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް