ހޯމްސްކޫލިންގެ ނަމުގައި ޒުވާން ޖީލު މަގުފުރައްދައި، ހަލާކު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ، ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެއެވެ.
ދަރިވަރުން ސްކޫލަށް ހާޒިރުވެ، ތައުލީމު ހާސިލްކުރަން ނުކުޅެދިއްޖެ ހާލަތުގައި ގޭގައި ބައިތިއްބައިގެން އުނގަންނައިދިނުން ނުވަތަ ހޯމްސްކޫލިންއަށް ފަހިކޮށްދިނުމަށްޓަކައި ތައުލީމާ ބެހޭ ގާނޫނަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން އިސްލާހެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ.
އެ ބިލަށް މަޖިލީހުގައި ބަހުސް ކުރަމުން އަންނައިރު، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މަނިކުފާނު ހޯމްސްކޫލިންއާ ދެކޮޅުކަން ހާމަކުރައްވައިފައެވެ. އަދި މިހާރު ވެސް 4،000އަށްވުރެ ގިނަ ކުދިން ގަވައިދުން ސްކޫލަށް ނުދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ހޯމްސްކޫލިންގެ ނަމުގައި ރާއްޖޭގައި ޒުވާން ޖީލު މަގުފުރައްދައި، ހަލާކުކުރުމުގެ ފުރުސަތު ދީގެން ނުވާނެ،" ނަޝީދު ލިޔުއްވާފައިވެއެވެ.
https://x.com/MohamedNasheed/status/2115371585448333750
ސްޓެޓިސްޓިކްސް ބިއުރޯއިން މިދިޔަ އަހަރުގެ މެއި މަހުގެ 10ވަނަ ދުވަހު، ކުޑަކުދިންގެ ދުވަހާ ގުޅުވައި ނެރުނު ތަފާސްހިސާބުގައި ވަނީ، ސްކޫލަށް ދެވޭ އުމުރުފުރާގެ ކުޑަކުދިންގެ ތެރެއިން ކިޔަވަނީ 91 ޕަސެންޓް ކުދިން ކަމަށެވެ. އެއީ 2022ގެ ބޯހިމެނުމަށް ބިނާކޮށް އެކުލަވާލާފައިވާ ތަފާސްހިސާބު ކަމަށްވާއިރު، އޭރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ، ސްކޫލަށް ނުދަނީ 229 ކުދިން ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން މި އަހަރުގެ ޖުލައި މަހު ޝަފީއު ވަނީ، އެއްވެސް ސަބަބެއް ނެތި ދަރިވަރުން ސްކޫލަށް ނުދިއުން ބަލައިނުގަނެވޭ ކަމަށާއި މިނިސްޓްރީން އެކަމަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.
ތައުލީމާ ބެހޭ ގާނޫނުގައި މިހާރު އޮންނަނީ ދަރިވަރުގެ ހާލަތު ހުންނަ ގޮތުން ސްކޫލަށް ހާޒިރުވުމަށް ނުކުޅެދޭ ކުދިންނަށް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން އިސްތިސްނާއެއް ދިނުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.
އެ ގާނޫނުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ތައުލީމު ލާޒިމްވާނެއެވެ.
ހަމަ އެހެންމެ އެ އުމުރުގެ ކޮންމެ ކުއްޖަކު، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީސްކޫލް ތައުލީމުން ފެށިގެން ސާނަވީ ތައުލީމުގެ ނިޔަލަށް ތައުލީމު ހާސިލުކުރުމަށް ސްކޫލަށް ފޮނުވައި، އެ ކުއްޖެއްގެ އުމުރަށް ކަނޑައެޅިފައިވާ ތައުލީމީ ނިޒާމުގެ މަރުޙަލާގައި ބައިވެރިކުރުން ބެލެނިވެރިޔާގެ މައްޗަށް ލާޒިމުވާނެ ކަމަށް ވެސް ގާނޫނުގައިވެއެވެ.
އެ ގާނޫނަށް އަނާރާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލްކުރަން ނުވަތަ ހޯމްސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ހާސިލުކުރަން ނުކުޅެދޭ ކުދިންނަކީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުދިންނެއް ނޫނެވެ.
އެ މާއްދާގައި އެހެން އޮތް ނަމަވެސް ކުދިންގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް ކުދިންނަށް އުނގަންނައިދިނުމަށް ބެލެނިވެރިން މަސައްކަތްކުރަން ޖެހޭނެ ކަމަށް އަނާރާ ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.
ހަމަ އެހެންމެ ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި ސްކޫލަށް ކޮންމެހެން ގެންދަން ނުޖެހޭނެ ކަމަށް ކަނޑައެޅުމުގައި ރިއާޔަތްކުރާނެ މިންގަނޑުތަކެއް ތައުލީމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.