އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތު ނުލިބި އިސްރާއީލުގެ ސިޔާސީ މަސްރަހު ނުސިޔާނު ފައްތަރަކަށް

ނަތަންޔާހޫ އާއި އައިޒިންކޮޓް

ޓެލްއަވީވު (28 އޮކްޓޯބަރު 2026): އިސްރާއީލުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގެ ވޯޓުތަކުގެ 60 އިންސައްތަ ގުނައި ނިމިފައިވާއިރު އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބި އިސްރާއީލުގެ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުންތަކެއް އަރައިފިއެވެ.

މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު ކުރީގައި އުޅެނީ އެ ގައުމުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ކޯލިޝަނެވެ. އެ ކޯލިޝަނަށް 54 ގޮނޑި ލިބިފައިވާއިރު އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓްގެ ކޯލިޝަނަށް 51 ގޮނޑި ލިބިފައިވާކަމަށް އިސްރާއީލުގެ ނޫސްތައް ބުނެއެވެ. 120 ގޮނޑީގެ މައްޗަށް އެކުލެވޭ އިސްރާއީލުގެ ޕާލަމެންޓްގެ އަޣްލަބިއްޔަތަކީ 61 ގޮނޑިއެވެ. ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ލިބޭނީ ޕާލަމެންޓްގެ 120 ގޮނޑީގެ ތެރެއިން 61 ގޮނޑި ކާމިޔާބު ކުރުމުންނެވެ.

ނަތަންޔާހޫގެ ލިކޫޑް ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީއަކީ ލިކޫޑް ޕާޓީއެވެ. އެޕާޓީއަށް ލިބިފައިވަނީ 27 ގޮނޑިއެވެ. ނަތަންޔާހޫގެ ލިކޫޑް ކޯލިޝަންގައި ޔަހޫދީން ދީނީ ހަރުކަށި ފިކުރުގެ ޕާޓީތަކާއެކު ކުދި އެތަށް ޕާޓީއެއް ހިމެނޭއިރު މި ހުރިހާ ޕާޓީތަކެއް ގުޅިގެން މިހާތަނަށް ކާމިޔާބު ކުރެވިފައިވަނީ 54 ގޮނޑިއެވެ. އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓްގެ ކޯލިޝަނަކީވެސް ކުދިޕާޓީތަކާއެކު ގިނަ ޕާޓީތަކެއް އެކުވެގެން އުފައްދާފައިވާ ކޯލިޝަނެކެވެ. އިސްރާއީލުގައި 38 ޕާޓީ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވެއެވެ. އައިޒެންކޮޓް ގެ އެކޯލިޝަނަށް އަދި ކާމިޔާބު ކުރެވިފައިވަނީ 51 ގޮނޑިއެވެ.

ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެ ކިޔާ ޒަޔަނިސްޓް އެންޓިޓީ އުފެދުމާއެކު ފަލަސްތީނުގެ މިލިޔަނެއްހާ މީހުން އެމީހުންގެ ގެދޮރާއި ވަޒަނުން ބޭރުކޮށްލިނަމަވެސް މަދުއަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ ނަމުގައި ޣައިރު ގާނޫނީ ދައުލަތް އުފެއްދި ސަރަހައްދުތަކުން ބޭރުކޮށްނުލެވި ތިއްބެވެ. އެމީހުންގެ އަދަދު އޭރު ދެލައްކައިގައި އުޅުނު ނަމަވެސް މިހާރު އެމީހުންގެ އަދަދުވަނީ 2.2 މިލިޔަނަށް އަރައިފައެވެ.

އިސްރާއީލުގެ ސިޔާސީ މަސްރަހުގައި ފަލަސްތީނު ދަރިކޮޅުގެ މީހުންނަށް ނިސްބަތްވާ ދެ ޕާޓީ ހަރަކާތްތެރިވެއެވެ. އަރަބި މި ދެ ޕާޓީން މިހާތަނަށްވަނީ 18 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ ކޯލިޝަން ހަދަން ބޭނުންވާ ފަރާތްތަކަށް މުހިއްމު ގޮނޑިތަކެކެވެ. މި ދެ ޕާޓީ ކުރިންވަނީ ނަތަންޔާހޫގެ ކޯލިޝަންގައި ބައިވެރި ނުވާނެކަން ހާމަކޮށްފައެވެ. މި ދެ ޕާޓީ އިދިކޮޅު ލީޑަރު އައިޒެންކޮޓްގެ ކޯލިޝަންއާ ގުޅެން ނިންމައިފިނަމަ ނަތަންޔާހޫގެ ބަދަލުގައި އިސްރާއީލުގެ ބޮޑުވަޒީރުކަމަށް އައުމުގެ ފުރުސަތު ބޮޑުވާނީ އިދިކޮޅު ލީޑަރު އައިޒެންކޮޓް އަށެވެ.

އިސްރާއީލުގެ އާންމު މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 7.3 މިލިޔަން މީހުންނަށް ލިބިފައިވާއިރު އޭގެ ތެރެއިން 77.8 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. އިސްރާއީލުގެ މީޑިއާ ބުނާގޮތުން މިއީ، 1999 ވަނަ އަހަރަށްފަހު އެންމެ ގިނަ ޢަދަދަކަށް މީހުން ވޯޓުލާން ނުކުތް އިންތިޚާބެވެ. މި އިންތިޚާބުގައި އެއްވެސް ކޯލިޝަނަކަށް 61 ގޮނޑި ކާމިޔާބު ނުކުރެވިއްޖެނަމަ އިސްރާއީލުގެ ސިޔާސީ މަސްރަހަށް ބޮޑު ހަމަނުޖެހުމެއް އަންނާނެއެވެ. ސަބަބަކީ ހަނި އަޣްލަބިއްޔަތެއްގެ ކޯލިޝަން ސަރުކާރެއްނަމަ އެސަރުކާރު ވެއްޓުމުގެ ފުރުސަތު ބޮޑުވާނެތީއެވެ.

އަނެއްކޮޅުން ކޯލިޝަން ސަރުކާރެއް އެކުލަވާމުގައި ކުދި ޕާޓީތަކަށް ރިޝްވަތު ދީގެންނާއި އެޕާޓީތަކުން ބޭނުންވާ ފަރާތްތަކަށް ދޭންނުޖެހޭވަރުގެ މަގާމްތަކާއި ބާރުތައް ދީގެން އެ ޕާޓީތައް ގަނެލުމަކީ އިސްރާއީލުގައިވެސް އަދި ބަރުލަމާނީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައިވެސް އާންމު ކަމެކެވެ. މިފަދަ ހާލަތްތަކުގައި އަލުން އިންތިޚާބަކަށް ދިޔުން ނޫންގޮތެއް އެންމެ ފަހުން ނޯވެއެވެ.

އިސްރާއީލުގައި މީގެ ފަސް ވަރަކަށް އަހަރު ކުރިން މި މައްސަލަ ދިމާވެ ތިން އަހަރު ތެރޭގައި ހަތަރު އިންތިޚާބު ވަނީ ބާއްވާފައެވެ. އިސްރާއީލުގައި ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ދިގުމުއްދަތެއް ނެގުމަކީވެސް ވަރަށް ގަތްކަމެކެވެ. މިހާލަތުގައި ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ހުންނާނީ ނަތަންޔާހޫއެވެ.

އިސްރާއީލުގެ އިދިކޮޅު ފަރާތްތައް ބުނާގޮތުން އިންތިޚާބު ބޭއްވިނަމަވެސް ނަތަންޔާހޫ އިސްރާއީލުގައި ވެރިކަން ކުރަމުން ގެންދަނީ ޚުދުމުޚްތާރު ގޮތެއްގައެވެ. އޭނާގެ ވެރިކަމުގައި އިސްރާއީލުގެ ޕާލަމެންޓް އޮންނަނީ އޭނާގެ މުށުތެރޭގައެވެ. އަދި ކުރިން މުސްތަގިއްލު ގޮތެއްގައި އޮތް ސްޕްރީމް ކޯޓުގެ ބާރު ނަތަންޔާހޫ ގެ ވެރިކަމުގައިވަނީ ދުއްވާލައިފައެވެ. ނަތަންޔާހޫގެ ވެރިކަމުގައި ގާނޫނަށް ގެނަސްފައިވާ ބަދަލުގެ ސަބަބުން ޝަރުއީ ކަންކަމުގައި އެންމެ ފަހުބަސް ބުނާނީ އިސްރާއީލުގެ ޕާލަމެންޓުންނެވެ. ގާނޫނަށް ގެނަސްފައިވާ މިބަދަލުތަކާއެކު އިސްރާއީލުގެ ސްޕްރީމް ކޯޓުގެ ނިންމުންތަކާއި ހުކުމްތައް ބޭނުންވެއްޖެ ހާލަތެއްގައި ބާތިލް ކުރުމުގެ ބާރު ޕާލަމެންޓަށް އޮވެއެވެ.

comment ކޮމެންޓް