ރަސްމާލެ: އިސްރާއީލު މީހުންނަށް ބިން ނުގަނެވޭ, އޮޅުވާލައިފިނަމަ ބިން އަތުލާނެ

ބަންޑާރަނައިބު އަހުމަދު އުޝާމް، ރައީސް މުއިއްޒާ އެކު: ރަސްމާލެ ބިލުގައި ވަނީ، އިސްރާއީލު މީހުންނަށް ބިން ނުގަނެވޭނެ ކަމަށާއި އޮޅުވާލައިފިނަމަ ބިން އަތުލާނެ ކަމަށް ހިމަނައިފައި -- ފޮޓޯ/ ސަރުކާރު

ރަސްމާލޭން ބިމާއި ގެތައް ގަނެވޭ ގޮތަށް ކުރިއަށްގެންދާ ބިޔަ މަޝްރޫއުގެ ތެރެއިން، އިސްރާއީލު މީހުންނަށް ބިމާއި ގެތައް ނުގަނެވޭނެ ކަމަށާއި، އެފަދަ ކަމަކާ ގުޅޭ ގޮތުން އޮޅުވާލައިފިނަމަ ބިން އަތުލެވޭނެ ކަމަށް، އެ މަޝްރޫއު ކުރިއަށްގެންދިޔުމަށް އެކުލަވާލި ރެއަލް އެސްޓޭޓް ބިލުގައި ކަނޑައަޅައިފިއެވެ.

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21ގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.

އެ މަޝްރޫއު ކުރިއަށްގެންދާކަން އިއުލާންކުރި ފަހުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ، ސަރުކާރުން މަސައްކަތްކުރަނީ ރާއްޖޭގައި ނެތް ސިނާއަތެއް ފަށަން ކަމަށާއި، އެހެންކަމުން އެ މަސައްކަތަށް ރެއަލް އެސްޓޭޓް ގާނޫނެއް ހަދާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/229956

އެ މަޝްރޫއާ ދެކޮޅަށް އެންމެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ، އީގަލް ހިލްސްއާ އިސްރާއީލާ ގުޅުން އޮތް ކަމަށް ބުނެއެވެ. އަދި އީގަލްސްއަށް އެ މަޝްރޫއު ދީފި ނަމަ، އިސްރާއީލު މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މުއްތަލިބު ވަނީ، އިސްރާއީލު މީހުންނަށް ރަސްމާލޭން ޕްރޮޕަޓީ ނުގަނެވޭނެ ގޮތް ހަދާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް މިހާރު ރެއަލް އެސްޓޭޓް ބިލު ހުށަހަޅައިފައިވާއިރު، އެ ބިލުގައިވާ ގޮތުން ޕްރޮޕަޓީ ނުވިއްކޭނީ އަދި ބިން ސަބްލީސް ނުކުރެވޭނީ:

  • އިމިގްރޭޝަން ގާނޫނުގެ ދަށުން ނުވަތަ ކަމާބެހޭ އެހެން ގާނޫނެއްގެ ދަށުން ރާއްޖެއަށް އައުމުގެ ނުވަތަ ރާއްޖޭގައި ހުރުމުގެ ހުއްދަ ދެވެންނެތް ގައުމަކަށް ނިސްބަތްވާ ފަރާތަކަށް
  • އެފަދަ ގައުމެއްގެ ރައްޔިތަކަށް
  • އެ ގައުމެއްގެ ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ކޮންޓްރޯލް އޮންނަ ގާނޫނީ ޝަޚުސަކަށް
  • އެފަދަ ފަރާތަކަށް ފައިދާ ލިބޭ ގޮތަށް

އެ ބިލުގައި އިސްރާއީލުގެ ރައްޔިތުންނާއި ކުންފުނިތައް ވަކިން ފާހަގަކޮށްފައިވެއެވެ.

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އިސްރާއީލް ރައްޔިތުންނަށް، ނުވަތަ އިސްރާއީލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ގާނޫނީ ޝަޚުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް ޒޯނުގައިވާ މުދަލެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެއެވެ. އަދި ޒޯނެއްގައިވާ ބިމެއް ސަބްލީސް ނުކުރެވޭނެއެވެ.

ބިލުގައި ވަނީ އެ މާއްދާއާ ޚިލާފަށް ހިންގާ މުއާމަލާތްތައް ބާތިލުވާނެ ކަމަށެވެ.

މީގެ އިތުރުން ޕްރޮޕަޓީ ގަތުމުގައި ދޮގު މައުލޫމާތު ފޯރުކޮށްދީފި ނަމަ، އަދި ފޮރުވަައިފި ނަމަ، ނުވަތަ ގާނޫޏާ ޚީލާފަށް އެހެން ފަރާތަކަށް ވިއްކައިފި ނަމަ، އެ ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގެ މަތިން، ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭނެއެވެ. އެއަށްފަހު އެ މުދަލެއްގެ ލީސްހޯލްޑް ރަޖިސްޓްރީ ބާތިލުކޮށް، މުދަލުގެ މައްޗަށް އޮތް ހައްގުތައް ދައުލަތަށް ނެގުމުގެ ބާރު ވަނީ ދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ރަސްމާލެ ތަރައްގީކޮށް ނިމުމާއެކު އެ ތަނުގައި ތިބޭނީ ދިވެހީންނާއި އެހެން ގައުމުތަކުގެ މުސްލިމުންކަން ވަރަށް ޔަގީންވާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/228134

މި މަޝްރޫއަށް ފާޑުވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އީގަލް ހިލްސް ފަދަ ބޭރުގެ ފަރާތްތަކަށް ރަސްމާލޭގެ މަޝްރޫއު ދޫކޮށްލައިފިނަމަ ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލި، މިނިވަން މުސްތަގިއްލު ދައުލަތެއްގެ ސިފަ ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. އަދި އިދިކޮޅު އެމްޑީޕީންވަނީ، ރަސްމާލެ މަޝްރޫއަށް ފެންނަ ނުފެންނަ ވޯޓަކަށް ދާން ސަރުކާރަށް ގޮވާލަން ފާސްކޮށްފައެވެ.

އެހެންނަމަވެސް، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނަގައި، ތަނަވަސްކަން ހޯދައިދޭނެ މަޝްރޫއުތަކާ ޒަޔަނިޒަމްއާ ގުޅުވައި، އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ ޕާޓީއަށް އިތުބާރު ވަރުގަދަ ވާނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް