ވަޒީފާގެ ބާޒާރު: ގާބިލު މީހުންގެ ޝައުގުވެރިކަން ވަޒީފާތަކަށް ހޯދުން

ގާބިލު ކެންޑިޑޭޓުން އެޕްލައިކުރުމަށް ޝައުގުވެރިވާ ފަދަ އިތުބާރު އުފެއްދުމަކީ ވަޒީފާދޭފަރާތުން ވިސްނާލުން މުހިންމު ކަމެކެވެ.

ވަޒީފާއަކަށް މީހަކު ނެގުމުގެ ކަންކަން ގިނަ ފަހަރު ފެށިގެން އަންނަނީ ވަޒީފާ ބަޔާނަކުންނެވެ. އަލަށް މަގާމެއް އުފެދިގެން ނުވަތަ ކުރިން ވަޒީފާގައި ހުރިމީހަކު ދިޔުމުން މަގާމެއް ހުސްވުމުންނެވެ. އެ ހިސާބުން ދެން އަޅުގަނޑުމެން އާންމުކޮށް ކުރާކަމަކީ، ކުރިން ހަދާފައި އޮތް ވަޒީފާބަޔާނެއް ކޮށާމަށާލާފައި ނުވަތަ މިޒަމާނޫގައި އޭއައި ކައިރީ ބުނެގެން ވަޒީފާ ބަޔާނެއް ތައްޔާރުކޮށްލުމެވެ. އެއަށްފަހު ހުސްވެފައިވާ ޖާގައަށް މީހަކު ހޯދުމަށް އިއުލާނުކޮށް ފުރުޞަތު ހުޅުވާލަނީއެވެ.

އަޅުގަނޑު ދެކޭގޮތުގައި މިކަން ކުރަން ޖެހޭ ގޮތަކީ، މަގާމެއް ހުސްވުމުން ނުވަތަ އުފެދުމުން އެމަގާމަށް މީހަކު ހޯދަން އިއުލާނު ކުރުމުގެ ކުރިން، ފުރަތަމަ އެކަމާބެހޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުމެވެ. ހުސްވި މަގާމެއްނަމަ ފުރަތަމަ ކުރަންޖެހޭ ސުވާލަކީ، އަދިވެސް އެ މަޤާމަށް މީހަކު ބޭނުންވޭތޯއެވެ.

މިސާލަކަށް އޮފީހެއްގެ އެޑްމިނިސްޓްރޭޝަން އެންޑް އެޗްއާރު ގެ މަސައްކަތްތަކަށް ހުސްވެފައިވާ މަގާމަކަށް މީހަކު ހޯދަން ޖެހުމުން، އަޅުގަނޑު ފުރަތަމަ ކުރާނެކަމަކީ އޮފީހުގެ އެޑްމިން އަދި އެޗްއާރު ގެ އިސްމުވައްޒަފުންނާއި މަޝްވަރާކޮށް – އެމަގާމުގައި ހުންނަ މީހެއްގެ ފަރާތުން މިހާރު އުންމީދުކުރާ ކަންކަމަކީ ކޮބައިކަން ދެނެގަތުމެވެ.

ކުރީގައި އެމަގާމުގެ ވަޒީފާބަޔާނުގައި ހުރި، އިސްލާހުކުރަން ބޭނުންވާ ކަންކަމަކީ ކޮބައިތޯ، އަދި މިމަގާމުގައި ކުރިންހުރި ފަރާތުން ޒިންމާ އުފުލިއިރު ތަޖުރިބާ ކުރެވުނު ގޮންޖެހުންތަކަކީ ކޮބައިތޯ ދެނެގަތުމެވެ. އެއަށްފަހު އެމަގާމަށް ހޮވޭ މުވައްޒަފަކާއެކު ގާތުން މަސައްކަތް ކުރަންޖެހޭނެ މުވައްޒަފުންނާއި ވާހަކަދައްކާ އެމީހުންގެ ޚިޔާލުވެސް ހޯދާނަމެވެ.

މި މައުލޫމާތުތައް އެއްކޮށް ވަޒީފާބަޔާނަށް އިސްލާހު ގެނައުމަށްފަހު، އެމަގާމުގެ މަސައްކަތާއި ގުޅުންހުރި އިސްފަރާތްތަކަށް ބަޔާން ހުށަހަޅާނަމެވެ. މިގޮތަށް އަޅުގަނޑު ކުރި ތަޖުރިބާއަކުން ދަސްވި ފިލާވަޅެއް ދަންނަވާލާނަމެވެ. "އަހަރެމެންނަށް ބޭނުންވަނީ ކުރީގެ މުވައްޒަފުގެ ރިޕްލޭސްމަންޓެއް ނޫނެވެ. ކުރިއަށް ހުރި ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ގާބިލުކަން ހުރި މީހެކެވެ."

ސަބަބަކީ ތަނުގައި މަސައްކަތްކުރާ މީހުންގެ ވިސްނުމާއިފިކުރާއި ފޯރިއާއިޖޯޝަށް ބަދަލު އާދެއެވެ. ޓެކްނޮލޮޖީއަށް ވެސް ބަދަލު އާދެއެވެ. އަދި އެޖާގައަށް ނިކުންނަ މީހެއްގެ ފަރާތުން ޚިދުމަތް ހޯދާ މީހުންގެ އުންމީދުތަކަށް ވެސް ބަދަލު އާދެއެވެ. އެހެންކަމުން މަގާމެއް ހުސްވުމަކީ، އެމަގާމުން ހާސިލުކުރަން ބޭނުންވާ ނަތީޖާއާމެދު އަލުން ވިސްނާލުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.

މިގޮތުން، މަޤާމެއްގެ ވަޒީފާބަޔާނަކީ ހަމައެކަނި އެ މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ލިސްޓުކޮށްފައި އޮންނަ އެއްޗަކަށް ވެގެން ނުވާނެއެވެ. އެއީ މަޤާމެއް އޮންނަ ސަބަބު ބަޔާންކޮށްދޭ އެއްޗަކަށް ވާންވާނެއެވެ.

މި މަޤާމު މުހިންމުވަނީ ކީއްވެގެންތޯ؟ މި މަޤާމުން ހިދުމަތް ދެނީ ކޮން ބަޔަކަށްތޯ؟ ކޮންކަހަލަ އެހީތެރިކަމެއް ދެވޭނެކަމަށް އުންމީދުކުރަންތޯ؟ ކާމިޔާބީ ވަޒަންކުރާނީ ކިހިނެއްތޯ؟ މި މަޤާމު އޮންނަންޖެހެނީ ކީއްވެކަން ސާފުވުމުން، ކުރަންޖެހޭ ކަންތައްތަކެއްގެ ބަދަލުގައި ނަތީޖާއާއި ޚިދުމަތުގެ ބަޔާނަކަށް ވަޒީފާބަޔާން ބަދަލުވެގެންދެއެވެ.

ވަޒީފާއަށް މީހަކު ހޯދުމުގެ މަސައްކަތުގައި، އަޅުގަނޑަށް ފެނިފައިވާ އެންމެބޮޑު ގޯސްތަކުގެ ތެރޭގައި ހިމެނެނީ، ތަޢުލީމީ ގާބިލުކަމާއި ތަޖުރިބާގެ އަހަރުތަކަށް މާބޮޑަށް އިސްކަންދިނުމެވެ. މިކަންކަން މުހިންމުކަން ކަށަވަރެވެ. ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ހަމައެކަނި ވަޒީފާއަށް ވަނުމަށް ބޭނުންވާ ޝަރުތުތަކެކެވެ. އަދި އެ މިންގަނޑު ފުރިހަމަވުމަށް ފަހު، މީހުން ހޮވުމުގެ މަރުހަލާގައި، އެއަށްވުރެ ފުން ނަޒަރަކުން މީހާގެ ގާބިލުކަމާމެދު ބަލަން ޖެހެއެވެ.

އެ މީހެއްގެ ކިބައިގައި އާކަންތައްތައް ދަސްކުރުމުގެ ޝައުގާއި ގާބިލުކަން އެބަހުރި ހެއްޔެވެ؟ ބަދަލުވަމުންދާ ހާލަތްތަކަށް މީހާ ހުރީ ހުޅުވިގެން ހެއްޔެވެ؟ ޒިންމާ ނެގުމުގެ ހިތްވަރު އެބަހުރި ހެއްޔެވެ؟ އެހެން މީހުންނާ އެކު ގުޅިގެން މަސައްކަތް ކުރެވޭނެ ހެއްޔެވެ؟ އެމީހެއްގެ ސުލޫކާއި ގާބިލިއްޔަތުގެ ތެރެއިން، މުސްތަގުބަލުގައި ވަޒީފާގެ މައިދާނުގައި ކުރިއަށް ދިއުމަށް ބޭނުންވާ ކަންކަން ފާހަގަކުރެވޭ ހެއްޔެވެ؟

މީހެއްގެ ގާބިލުކަމާއި ކުރިއެރުން ހަމައެކަނި ސީވީއަކުން ނޭނގޭނެއެވެ. އެއީ ޕަރސަނަލް ސްޓޭޓްމަންޓްތަކާއި، އިމްތިހާނަކުން ނުވަތަ އަމަލީގޮތުން ކުރުވާ މަސައްކަތަކުން، އަދި އެންމެ ރަނގަޅަށް ފަރުމާކުރެވިފައިވާ އިންޓަވިއުއެއްގެ ތެރެއިން ދެނެގަންނަން ޖެހޭ ކަމެކެވެ. އިސްމަގާމުތަކަށް ދެވަނަ އިންޓަރވިއުއަކަށް ދިއުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

ވަޒީފާއަކަށް އެންމެ ރަނގަޅުމީހަކު ހޯދުމަކީ ހަމައެކަނި އެންމެ ގާބިލު ކެންޑިޑޭޓަކު ހޯދުމެއް ނޫނެވެ. އެއީ ގާބިލު ކެންޑިޑޭޓުން އެޕްލައިކުރުމަށް ބާރުއެޅުންވެސް މެއެވެ. ވަޒީފާގެ ބައެއް މަޤާމުތަކަށް އެޕްލައިކުރަން ފަސްޖެހޭ ވަރަށް ގާބިލު ޒުވާން ޕްރޮފެޝަނަލުންނާ އަޅުގަނޑާއި ބައްދަލުވެފައިވެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ވަޒީފާއަށް މީހަކު ނެގުމަކީ އިންސާފުވެރި ގޮތަކަށް ކުރިއަށްދާނެ ކަމަކަށް ނުވާތީއެވެ.

އިންޓަރވިއުގެ ނަތީޖާ މާކުރިންވެސް ކަނޑައެޅިފައިވާ ކަމަށާއި، ގުޅުންތަކުގެ ބާރު މެރިޓްއަށްވުރެ ބޮޑަށް މީހަކު ހޮވުމުގައި އިސްވާނެކަމަށް މީހުން ގަބޫލުކުރާނަމަ ގާބިލުމީހުން އެޕްލައި ނުކޮށްފާނެއެވެ.

އަޅުގަނޑުމެންނާ ގުޅޭ މުވައްޒަފެއްގެ ވަޒީފާގެ ތަޖުރިބާ ފެށެނީ މަސައްކަތް ފަށާ ދުވަހުކަމަށް އަޅުގަނޑުމެންނަށް ހީވެދާނެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އޭގެ ކުރިންވެސް ފެށޭ ކަމެކެވެ. އެއީ މީހަކު އަޅުގަނޑުމެން ކުރާ ވަޒީފާ އިއުލާނު ފެންނަ ވަގުތު ފެށޭކަމެކެވެ. އަދި އެކަން ބައްޓަންވަނީ އަޅުގަނޑުމެންގެ މުއާމަލާތުގެ ސާފުކަމާއި، އަޅުގަނޑުމެންގެ އެސެސްމަންޓްގެ އިންސާފުވެރިކަމާއި، ކެންޑިޑޭޓުންނަށް އިހުތިރާމާއެކު މުޢާމަލާތްކުރާ ގޮތުންނެވެ.

އިންޓަވިއުއަށްފަހު ވަޒީފާ ލިބުމުން ވެސް ވަޒީފާއަށް ނުދާން ނިންމި ޒުވާނުންނާ އަޅުގަނޑާއި ދިމާވެފައި އެބަހުއްޓެވެ.

މީހަކު އެމީހެއްގެ ވަގުތާއި، ހުނަރާއި، މުސްތަޤްބަލާ މެދު އަޅުގަނޑުމެންނަށޤ އިތުބާރުކުރުމަށް އެދުމުގެ ކުރިން، އެމީހުންގެ އިތުބާރު ލިބޭފަދަ މަރުހަލާއެއް ވަޒިފާއަށް ކުރިމަތިލުމުގެ މަރުހަލާގައި އެބައޮތްތޯ އަޅުގަނޑުމެން ވިސްނާލުމަކީ މުހިންމު ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް