މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް، ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށްދިޔަ، ގައުމީ އަންހެން ވޮލީބޯލް ލީގުގެ ޗެމްޕިއަންކަން ކުލަބް ވެމްކޯއިން ހޯދައިފިއެވެ.
ވެމްކޯއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މިއަދު ހަވީރު ކުޅުނު، މުބާރާތުގެ ފަހު މެޗުގައި ޕޮލިސް ކުލަބުގެ މައްޗަށް ތިން ސެޓު އެއް ސެޓުން ކުރި ހޯދައިގެންނެވެ. ވެމްކޯއިން މެޗުގެ ސެޓުތައް ގެންގޮސްފައި ވަނީ 25-22، 19-25، 22-25 އަދި 16-25 އިންނެވެ.
މި މެޗުން ޕޮލިސް ކުލަބް ބަލިވުމާއެކު މުބާރާތުގެ ދެވަނަ ލިބިފައި ވަނީ ކުލަބް އެމްޓީސީސީއަށެވެ. އަދި ޕޮލިސް ކުލަބަށް ލިބިފައި ވަނީ ލީގުގެ ތިންވަނައެވެ.
މުބާރާތުގައި ކުލަބް ވެމްކޯ ކުޅުނު ހަތަރު މެޗު ވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެމްޓީސީސީ ކުޅުނު ހަތަރު މެޗުން ތިން މެޗު ކާމިޔާބުކޮށްފައިވާއިރު، ޕޮލިސް ކުލަބަށް ކާމިޔާބުކުރެވިފައި ވަނީ ދެ މެޗެވެ.
މިއާއެކު، ލީގުގެ ގަދަ ހަތަރު ޓީމުގެ ގޮތުގައި ގައުމީ ޗެމްޕިއަންޝިޕަށް ކޮލިފައިވެފައި ވަނީ މި ތިން ޓީމުގެ އިތުރުން ހުރާ ކޮމިއުނިޓީ ކުލަބެވެ. ލީގުގައި ދެން ވާދަކުރި ސިޓީ ފްރެންޑްސް ކުލަބަށް މެޗެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
ނެޝަނަލް ވޮލީބޯލް ލީގު، އަންހެން ޑިވިޝަނުގެ ޑްރީމް ޓީމް-- ސަން ފޮޓޯ: މުޙައްމަދު ޝާންގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަންގެ ޑްރީމް ޓީމް:
- ބެސްޓް އައުޓްސައިޑް އެޓޭކާ: ޙައްވާ ރާޝިދާ (ޕޮލިސް ކުލަބް)
- ބެސްޓް އައުޓްސައިޑް އެޓޭކާ: އާމިނަތު ޝަހާ ޝާމިން (ޕޮލިސް ކުލަބް)
- ބެސްޓް މިޑްލް ބްލޮކާ: ނަރީމާ އިދުރީސް (ކުލަބް ވެމްކޯ)
- ބެސްޓް މިޑްލް ބްލޮކާ: އާމިނަތު ރިޔާސާ (ކުލަބް އެމްޓީސީސީ)
- ބެސްޓް ސެޓާ: ފާޠިމަތު ޖޫޒާން ޒަރީރު (ކުލަބް ވެމްކޯ)
- ބެސްޓް އޮޕޮސިޓް ޕްލޭޔާ: މާޔާ ޙުސައިން ސޮލާޙް (ކުލަބް އެމްޓީސީސީ)
- ބެސްޓް ލިބަރޯ: މައިހާ ޢަލީ (ކުލަބް ވެމްކޯ)
- 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ: ފާޠިމަތު އަމާނީ އަޙްމަދު ޝިޔާމް (ކުލަބް އެމްޓީސީސީ)
- ބެސްޓް ފޮރިން ޕްލޭޔާ: ވަރަންޔާ ސްރިއަލޫންގް (ކުލަބް ވެމްކޯ)
- އެންމެ މޮޅު ކޯޗު: އަޙްމަދު ޢަދީލް (ކުލަބް ވެމްކޯ)
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ކުލަބް ވެމްކޯގެ ފާޠިމަތު ޖޫޒާން ޒަރީރެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ފާޠިމަތު ޖޫޒާން ޒަރީރު-- ސަން ފޮޓޯ: މުޙައްމަދު ޝާންގައުމީ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕުގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ.