ވަކި ދީނަކާ ދެކޮޅަށް އަމަލުކުރުން ކުށަކަށް ހެދުމުގެ ބިލު ދެވަނަ ފަހަރަށް އެޖެންޑާކުރުމަށްފަހު ވެސް ނަގައިފި

މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިޞާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހެދޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތް މާދަމާގެ ޖަލްސާއަށް ތާވަލުކުރުމަށް ފަހު ވެސް ނަގައިފިއެވެ.

ރާއްޖޭން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލު އާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅުމަށް، ސަރުކާރުގެ ފަރާތުން، މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުﷲ ރިފާޢު (ބޮޗޭ) ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވުން ފުރަތަމަ ތާވަލުކުރީ މިއަދަށެވެ.

ނަމަވެސް އެޖެންޑާއަށް ފަހުން ބަދަލުގެނެސް ބިލު ވަނީ އެޖެންޑާއިން ނަގައިފައެވެ.

https://sun.mv/229696

އެއަށްފަހު އެ ބިލުގެ މަސައްކަތް މާދަމާއަށް ތާވަލުކުރުމަށްފަހު އަނެއްކާ ވެސް ވަނީ އެޖެންޑާއިން ނަގައިފައެވެ.

ރިފާޢު ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުގެ 140 ވަނަ ބާބުގެ ފަހަތަށް ގަތުލުއާންމުގެ ނަމުގައި މާއްދާއެއް ހިމެނުމަށް ހުށަހަޅާފައެވެ. އެގޮތުން، ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް އަމަލުކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅަން ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި އެ ފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާ ދިނުން ފަދަ ކަންކަން ހިމަނައިފައިވެއެވެ.

ހަމަ އެއާއެކު، ދައުލަތުގެ އިގުތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި ކުރާ ހަތަރު ކަމެއް ކުރުމަކީ ކުށެއް ކަމުގައި ހަދަން ވެސް ވަނީ ބިލުގައިވެއެވެ. އޭގެ ތެރޭގައި، މުހިންމު އުމްރާނީ ވަސީލަތަކަށް ނުވަތަ އެ ފަދަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓަރު ސިސްޓަމަށް ގެއްލުންދިނުމަކީ ކުށެއް ކަމުގައި ކަނޑައަޅަން ހިމަނާފައިވެއެވެ.

އެ ބިލު ހުށަހަޅައިފައިވަނީ، ރަސްމާލޭގައި ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސްއިން ހަވާލުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މަޝްރޫއާ ދެކޮޅަށް ބައެއް އާންމު ރައްޔިތުންނާއި ސިޔާސީ އިސްވެރިން ޚިޔާލު ފާޅުކޮށް، އެ މަޝްރޫއާއެކު އިޒްރޭލުގެ މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ކަމަށް ބުނެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ، ރަސްމާލެ މަޝްރޫއުގެ ދަށުން އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތް ހަދާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.

އިއްޔެ ހުށަހަޅައިފައިވާ ބިލާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ، އެއީ ރަސްމާލެ މަޝްރޫއާ ގުޅުންހުރި ފާޑުކިޔުންތައް ހުއްޓުވުމަށް ގެންނަ އިސްލާހުތަކެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެ ބިލު ހުށަހެޅި ސަބަބާ ގުޅޭ ގޮތުން ބަންޑާރަ ނައިބު އަޙްމަދު އުޝާމް ރޭ ވިދާޅުވެފައިވަނީ، އެއީ ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއަކުން ލާޒިމްކުރާ އިސްލާހެއް ގެނައުމަށް ހުށަހެޅި ބިލެއް ކަމަށެވެ.

comment ކޮމެންޓް