ނޫސްތައް ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން ނޫސްތައް އަލުން ރަޖިސްޓްރީވުމަށް ހުޅުވައިލި މުއްދަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން އިތުރުކޮށްފިއެވެ.
އެމްއެމްބީސީން ނެރުނު އިއުލާނެއްގައި ވަނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ނޫސްތައް އަލުން ރަޖިސްޓްރީކުރުމަށް ދީފައިވާ ހަ މަސްދުވަހުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.
ނަމަވެސް އެ މުއްދަތަށް ތިން މަސް ދުވަސް އިތުރުކުރަން ކޮމިޝަނުން ނިންމައިފައިވާ ކަން އެ އިއުލާނުގައި ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން ހުރިހާ ނޫސްތައް އަލުން ރަޖިސްޓްރީވާން ޖެހޭ އެންމެ ފަހު ވަގުތަކީ އަންނަ ޖަނަވަރީ މަހުގެ 28ވަނަ ދުވަހުގެރޭ 11:59 ކަމަށް، ކޮމިޝަންގެ އިއުލާނުގައިވެއެވެ.
ރާއްޖޭގައި ހިންގާ ނޫސްތައް މީގެ ކުރިން ރަޖިސްޓްރީވާން ޖެހެނީ ޔޫތު މިނިސްޓްރީގައެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން ވުޖޫދުވުމަށްފަހު އެ ޒިންމާ ހަވާލުވެފައި އޮންނަނީ އެ ކޮމިޝަނާއެވެ.