ރީ-ރަޖިސްޓްރީ ނުކުރާ ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރަނީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން: ރީރަޖިސްޓަ ނުކުރާ ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރަނީ -- ފޮޓޯ: އެމްއެމްބީސީ

ނޫސްތައް ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން، ރީ-ރަޖިސްޓްރީ ނުކުރާ ނޫސްތައް އަންނަ މަހުގެ 27ގެ ފަހުން ބާތިލުކުރާނެ ކަމަށް މޯލްޑިވްސް މީޑިއާއެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިރޭ ބުނެފިއެވެ.

އެމްއެމްބީސީއިން މިރޭ ވަނީ 'ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދު'ގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ރީރަޖިސްޓްރީކޮށް ރެކޯޑު އަދާހަމަ ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.

އަދި އެކަމަށް ދެވިފައިވާ އެންމެ ފަހުގެ ތާރީޚަކީ އަންނަ އޮކްޓޯބަރު މަހުގެ 27 ކަމަށް އެމްއެމްބީސީން ވަނީ ބުނެފައެވެ. އެ މުއްދަތު ހަމަވާއިރު ރީ-ރަޖިސްޓްރީކޮށް ރިކޯޑު އަދާހަމަ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީތަށް، ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލް ކުރެވޭނެ ކަމަށް ވެސް އެމްއެމްބީސީން ނެރެފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

އަދި ނޫސް މަޖައްލާތަކުގެ ރިކޯޑުތައް އަދާހަމަކުރުމަށް ހުރިހާ ނޫސް މަޖައްލާތަކުގެ މަސްއޫލުވެރި ފަރާތްތަކަށް އެމްއެމްބީސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ހިންގާ ނޫސްތައް މީގެ ކުރިން ރަޖިސްޓްރީވާން ޖެހެނީ ޔޫތު މިނިސްޓްރީގައެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން ވުޖޫދުވުމަށްފަހު އެ ޒިންމާ ހަވާލުވެފައި އޮންނަނީ އެ ކޮމިޝަނާއެވެ.

comment ކޮމެންޓް