ޑރ. ޖިހާދުގެ 20 އަހަރުގެ ތަޖުރިބާއާއެކު، ދަތުގެ ފަރުވާގެ ޚިދުމަތް އިތުރު ހަރުފަތަކަށް

ޑރ. ޖިހާދުގެ 20 އަހަރުގެ ތަޖުރިބާއާއެކު، ދަތުގެ ފަރުވާގެ ޚިދުމަތް އިތުރު ހަރުފަތަކަށް -- ފޮޓޯ/ ޑރ ޖިހާދު ޑެންޓަލް ކްލިނިކް

ދިވެހިރާއްޖޭގައި ދަތުގެ ފަރުވާއަށް ޚާއްޞަ ދާއިރާއަށް ބަލާއިރު، "ޑރ. ޖިހާދު" އަދި "ޑރ. ޖިހާދު ޑެންޓަލް ކްލިނިކް" އަކީ ދިވެހިންގެ މެދުގައި ނުހަނު މަގުބޫލު އަދި އިތުބާރު ހޯދާފައިވާ ނަމެކެވެ. ދިގު މުއްދަތަކަށް ދަތުގެ އެކި ބާވަތުގެ ފަރުވާތައް ފޯރުކޮށްދިނުމުގައި ދެމިއޮތް މި ކްލިނިކް މިއަދު މިވަނީ ހަމައެކަނި ދަތުގެ ފަރުވާއަށް ޚާއްޞަ މަރުކަޒެއްގެ އިމުން ބޭރަށް ނުކުމެ، އެހެނިހެން މުހިންމު ސިއްޙީ ދާއިރާތައް ވެސް ހިމެނޭ ފުރިހަމަ މަލްޓި-ސްޕެޝަލްޓީ ކްލިނިކަކަށް ބަދަލުކޮށްފައެވެ.

ދަތުގެ ޑޮކްޓަރެއްގެ ގޮތުގައި ޑރ. ޖިހާދު ޙަސަން ޞިއްޙީ ދާއިރާގައި ހޭދަކުރެއްވި 20 އަހަރުގެ އަގުހުރި ތަޖުރިބާގެ އަލީގައި، މިއީ ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން ވަށާޖެހޭ ފަރުވާ ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު އަދި ބޭނުންތެރި ފިޔަވަޅެކެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ދަތުގެ ޑޮކްޓަރެއްގެ ގޮތުގައި ހަތަރު އަހަރު ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، ޑރ. ޖިހާދު އަމިއްލަ ކްލިނިކެއްގެ ޚިދުމަތް އެންމެ ފުރަތަމަ ފެއްޓެވީ 2011 ވަނަ އަހަރުގައެވެ.

މާލޭގެ ބުރުޒުމަގުގައި ހުންނަ މއ. ރެޑް ރޯޒްގައި "ޑރ. ޖިހާދުސް ޑެންޓަލް އެންޑް މެޑިކަލް ސެންޓަރު" ގެ ނަމުގައި ފެށްޓެވި މި ދަތުރުގައި އެ ކްލިނިކުން އަބަދުވެސް މަސައްކަތްކުރަމުން އައީ ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

ޑރ. ޖިހާދުގެ ޑެންޓަލް ކްލިނިކުގެ ޚިދުމަތެއް ބަޔަކު ލިބިގަންނަނީ... ފޮޓޯ/ ޑރ ޖިހާދު ޑެންޓަލް ކްލިނިކް

މިނިސްޓްރީ އޮފް ހެލްތުގެ ލައިސަންސް ނަންބަރު PVT-ASC-22-324-00 ގެ ދަށުން ރަޖިސްޓްރީވެ، ގާބިލު ތިން ޕްރޮފެޝަނަލުންނާ އެކު ފެށި މި ކްލިނިކް މަޝްހޫރުވެގެން ދިޔައީ "ޖެންޓަލް ކެއަ ބިޔޯންޑް ކޮމްޕެއަ" ނުވަތަ ދެވަނައެއް ނެތް ފަދަ އޯގާތެރި ފަރުވާއެއް ފޯރުކޮށްދިނުމުގެ މަތިވެރި ޝިޢާރެއްގެ ދަށުންނެވެ.

އާންމުކޮށް ދޭ ދަތުގެ ފަރުވާތަކުގެ އިތުރުން ޑެންޓަލް އިމްޕްލާންޓް ފަދަ އެންމެ ފަހުގެ ޒަމާނީ ފަރުވާތައް ފޯރުކޮށްދެމުން އައި ނަމަވެސް، ޑރ. ޖިހާދުގެ ކްލިނިކް މަލްޓި-ސްޕެޝަލްޓީ ކްލިނިކަކަށް ބަދަލުކުރުމުގެ ފަހަތުގައި ވަރަށް ޚާއްޞަ ސަބަބެއް އެކުލެވިގެންވެއެވެ.

"މި ކްލިނިކަކީ ހަމައެކަނި ދަތުގެ ފަރުވާއަށް ޚާއްޞަ ތަނެއްގެ ބަދަލުގައި، މިހާރު އަންހެނުންނާއި ކުޑަކުދިންގެ ޚާއްޞަ ބަލިތައް ފަދަ ޞިއްޙީ އެކި ދާއިރާތަކުގެ ޚިދުމަތްތައް އެކުލެވޭ ގޮތަށް ހިންގާ މަލްޓި-ސްޕެޝަލްޓީ ކްލިނިކެއް މިއީ. ދަތުގެ ފަރުވާގެ ތެރޭގައި ޢާންމު ފަރުވާތަކުގެ އިތުރުން ޑެންޓަލް އިމްޕްލާންޓް ފަދަ އެންމެ ޒަމާނީ ހުރިހާ ޚިދުމަތްތަކެއް ހިމެނޭނެ،" ޑރ ޖިހާދު ވިދާޅުވިއެވެ.

ދަތުގެ ފަރުވާ ހޯދުމަށް އަންނަ ބަލިމީހުންގެ ތެރޭގައި އެތެރެހަށީގެ އެކި ކަހަލަ ބަލިތައް ތަޙައްމަލުކުރާ މީހުން ގިނައެވެ. ޚާއްސަކޮށް ލޭދިޔާވާ ބޭސް ބޭނުންކުރާ ފަރާތްތަކާއި އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ދަތުގެ ބޮޑެތި ފަރުވާ ދިނުމުގެ ކުރިން އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުންގެ ލަފާ ހޯދަން ޖެހެއެވެ.

ޑރ. ޖިހާދުގެ 20 އަހަރުގެ ތަޖުރިބާއާއެކު، ދަތުގެ ފަރުވާގެ ޚިދުމަތް އިތުރު ހަރުފަތަކަށް... ފޮޓޯ/ ޑރ ޖިހާދު ޑެންޓަލް ކްލިނިކް

"މި ކްލިނިކުން އެހެން ޞިއްޙީ ޚިދުމަތްތައް ތަޢާރަފުކުރަން ނިންމި މައިގަނޑު ސަބަބަކީ ބަލިމީހުންނަށް ވަށާޖެހޭ ފުރިހަމަ ފަރުވާއެއް ފޯރުކޮށްދިނުން. ދަތުގެ ފަރުވާ ހޯދަން އަންނަ ބަލިމީހުންގެ ތެރޭގައި އެހެނިހެން ޞިއްޙީ މައްސަލަތައް (މިސާލަކަށް ލޭދިޔާވާ ބޭސް ބޭނުންކުރުން ފަދަ އެތެރެހަށީގެ މައްސަލަތައް) ހުންނަ ފަރާތްތައް ބޭރުގެ އެހެން ކްލިނިކްތަކަށް ރިފަ ކުރަންޖެހުމުން، އެ ބަލިމީހުން އަނބުރާ ނައުމާއި ފަރުވާ މެދުކެނޑުމުގެ ދަތިތައް ކުރިމަތިވޭ." ޖިހާދު ވިދާޅުވިއެވެ.

މީގެ ކުރިން މިފަދަ ކަންކަމުގައި ބަލިމީހުން އެހެން ކްލިނިކްތަކަށް ރިފާ ކުރަންޖެހުމުގެ ސަބަބުން، ފަރުވާ މެދުކެނޑުމާއި ބަލިމީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ފަރުވާތަކާއި އެހެނިހެން ޞިއްޙީ ދާއިރާތައް އެއް ތަނަކުން ލިބެން ހުރުމަކީ ބަލިމީހުންނަށް އެއްވެސް މެދުކެނޑުމެއް ނެތި، ރައްކާތެރިކަމާއެކު ފުރިހަމަ ފަރުވާ ހޯދުމަށް ލިބިގެންދާނެ ބޮޑު ލުޔެއްކަމަށް ޑރ ޖިހާދު ވިދާޅުވިއެވެ.

މި ބަދަލުތަކާއެކު މިހާރު ޑެންޓަލް ކްލިނިކްގެ ޚިދުމަތްތައް ކުރިއަށްދަނީ ހުޅުމާލޭގައި ސޮފްޓް އޯޕަނިންއެއްގައި، ޕްރޮމޯޝަނަލް މަރުޙަލާގައެވެ. ރަސްމީކޮށް ހުޅުވުމަށް ވަކި ޚާއްޞަ ތާރީޚެއް ކަނޑައެޅުމުގެ ބަދަލުގައި، މިހާރުވެސް ކްލިނިކުން ޢާންމުކޮށް ޚިދުމަތް ލިބެމުންދާކަން އަންގައިދިނުމަކީ ބަލިމީހުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށް މަގުފަހިކޮށްދިނުމަށް ނިންމި ނިންމުމެއްކަމަށް ޑރ. ޖިހާދު ވިދާޅުވިއެވެ.

ޑރ ޖިހާދު ވިދާޅުވި ގޮތުގައި މި ފިޔަވަޅުގެ ސަބަބުން، ރަސްމީކޮށް ހުޅުވުމުގެ އިންތިޒާރުގައި ނުތިބެ، ބޭނުންޖެހިފައިވާ ރައްޔިތުންނަށް މިހާރުން މިހާރަށްވެސް ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބޭނެއެވެ.

ޑރ. ޖިހާދުގެ ދިގު ތަޖުރިބާއާއި، ބަލިމީހުންނަށް އޯގާތެރިކަމާއެކު ފަރުވާދިނުމަށް ގެންގުޅުއްވާ ހަރުދަނާ އުސޫލުތަކަކީ މި ކްލިނިކަށް ރައްޔިތުން ކުރާ އިތުބާރުގެ މައިގަނޑު ބިންގަލެވެ.

ދަތުގެ ޚިދުމަތުން ފެށިގެން މަލްޓި-ސްޕެޝަލްޓީ ފަރުވާއަކަށް މި އައި ބަދަލަކީ ރާއްޖޭގެ އަމިއްލަ ޞިއްޙީ ދާއިރާ އިތުރު ހަރުފަތަކަށް ގެންގޮސްދީ، ބަލި މީހުންނަށް ބޭނުންވާ އެންމެހައި ފަރުވާ އެއް ފުރާޅެއްގެ ދަށުން ލިބިގަތުމަށް ހުޅުވުނު ވަރަށް އަގުހުރި ދޮރެއްކަމަށް ވެސް ޑރ. ޖިހާދު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް