ކުރިމަތިލާނެ މީހަކު ނުވެ، މީޑިއާ ކޮމިޝަންގެ މެންބަރު ކަމަށް އަލުން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބައެއް މެންބަރުން-- ފޮޓޯ: މީޑިއާ ކޮމިޝަން

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލީހުން އަނެއްކާ ވެސް ހުޅުވާލައިފިއެވެ.

މި މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލީ، އެ ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ފަރުޝަތު މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

https://www.sun.mv/229738

އެ މަގާމަށް ކުރިމަތިލުމަށް މިދިޔަ މަހު ހުޅުވާލައި، މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ދިން ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، މަޖިލީހުން ވަނީ މިއަދު އަލުން އެ ފުރުސަތު ހުޅުވާލާފައެވެ.

މަޖިލީހުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް ތިން މެންބަރުން ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ބާކީ ހަތަރު މެންބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ. ފަސް އަހަރުގެ މުއްދަތަކަށް އައްޔަންކުރާ މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރުވެފައިވުމާއި، ނޫސްވެރިކަމުގެ ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުން ނުވަތަ ފަސް އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. އަދި މީޑިއާއެއްގެ މަސްއޫލުވެރިއަކަށް، އެޑިޓަރަކަށް، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ އިންތިހާބުކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ވެގެން ނުވާނެއެވެ.

މި މަގާމަށް އައްޔަންކުރާ އެއްވެސް މީހަކަށް ވިދިވިދިގެން ދެ ދައުރަށްވުރެ ދިގު މުއްދަތަކަށް މެންބަރުކަމުގައި ނުހުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް