މާލެ ސިޓީގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް ޓަކައި، އުޅަނދުފަހަރު ޕާކުކުރުން ހުއްދަވާނެ، މަނާވާނެ އަދި އަގު ނެގޭނެ ސަރަހައްދުތައް ސާފުކޮށް ބަޔާންކުރާ އައު އޮނިގަނޑެއް އެކުލަވާލުން ހިމެނޭ ޕްލޭނަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ ފަންނީ އެހީތެރިކަމާއެކު އެކުލަވާލާފައިވާ މި އުސޫލުތައް މިހާރު ވަނީ ސިޓީ ކައުންސިލުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.
މި އޮނިގަނޑުގެ ދަށުން، މާލޭގެ ވަކި ސަރަހައްދުތަކަށާއި ވަކި ވަގުތަށް ބަލައި ޕާކުކުރަން އަގު ކަނޑައަޅާނެ ހަމަތައް އެކަށައަޅައި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމުތައް ގާއިމުކުރެވޭނެއެވެ. އަދި ޕާކުކުރުމުގެ ގަވާއިދުތަކާއި ވަގުތު އަދި އަގުތައް ސާފުކޮށް އެނގޭނެ ބޯޑުތައް ހަރުކުރުމާއި، ޕާކިން ހުއްދައާއި ފައިސާ ދެއްކުމުގެ އިޖުރާއާތުތައް ފަސޭހަކޮށް، ޑިޖިޓަލް ވަސީލަތްތަކާއެކު މި ގަވާއިދުތައް ތަންފީޒުކުރުމުގެ ނިޒާމު ހަރުދަނާކުރެވޭނެއެވެ.
ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަސައްކަތްތައް ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސިޓީ ކައުންސިލުގެ ޕްލޭނުގައި ވަނީ ހިމަނައިފައެވެ.
https://x.com/MaleCitymv/status/2114726858596274506
އެންމެ ބޮޑަށް އިސްކަންދޭ ކަންކަމުގެ ތެރޭގައި ފާހަގަކޮށްފައިވާ، އަގު ނަގައިގެން ޕާކުކުރުމުގެ އުސޫލު ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ބޮޑަށް ތޮއްޖެހޭ ސަރަހައްދުތައް ކަމުގައިވާ ހީނާމާގެ ޕާކިން ސަރަހައްދާ ކައިރިން މަޖީދީމަގު، ވެލާނާގެއާއި ހޮޓެލް ޖެން ދެމެދުން އަމީރު އަހުމަދު މަގު، އަދި އައިޖީއެމްއެޗް ނުވަތަ ވިލިގިލީ ފެރީ ޓާމިނަލް ސަރަހައްދުން ގިނަ ވަގުތަށް ޕާކުކުރާ ތަންތަނަށް އިސްކަންދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ސަރަހައްދުތައް ބޭނުންކުރާ މިންވަރާއި އާންމުންގެ އިޖާބައަށް ބަލައި އަގުތަކަށާއި ވަގުތުތަކަށް ބަދަލު ގެނައުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މަގުމަތީގެ ބަދަލުގައި ބޭނުންކުރެވޭނެ އޮފް-ސްޓްރީޓް އަދި ޚާއްސަ ޕާކިން ޖާގަތައް އިތުރުކުރުމުގެ މަސައްކަތާއި، އަލަށް ތަރައްގީކުރާ އިމާރާތްތަކުގެ ޕްލޭނިން މަރުހަލާގައި ޕާކިން ވަސީލަތްތައް ހިމެނުން ލާޒިމުކުރުމުގެ މަސައްކަތް 25 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.
މާލޭގެ މަގެއްގައި ސައިކަލުތައް ޕާކްކޮށްފައި: ޕާކު ކުރުމަށް އަގު ނެގުން ހިމެނޭ، މާލެ ތޮއްޖެހުން ހައްލުރުމުގެ ޕްލޭނަށް ޚިޔާލު ހުށަަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާމި އޮނިގަނޑު ތަންފީޒުކުރުމުގައި މައިގަނޑު އަސާސްތަކެއްގެ ގޮތުގައި ހިމެނެނީ ދަތުރުފަތުރުގެ ދާއިރާގެ ހިއްސާދާރުންގެ މެދުގައި ވިލަރެސްކުރުމާއި، ގަވާއިދުތައް ތަންފީޒުކުރުމާއި، ޕާކިން ކޮންޓްރޯލްކުރުމާއެކު އާންމު ދަތުރުފަތުރުގެ ފެންވަރު ރަނގަޅުކުރުމެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މާލެ ސިޓީއަކީ އެންމެނަށް ދިރިއުޅެން ފަސޭހަ އަދި ތަރުތީބު ތަނަކަށް ހެދުމަށްޓަކައި އާންމުންގެ ޚިޔާލަކީ ނުހަނު މުހިންމު ބައެކެވެ.
އެހެންކަމުން މި ޕްލޭނާ ގުޅޭގޮތުން ހުރި ޚިޔާލުތަކާއި ހުށަހެޅުންތައް، އީމެއިލްގެ ސަބްޖެކްޓަކަށް "ޑިކޮންޖެންޝަން ފީޑްބެކް" ޖެހުމަށްފަހު، އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން [email protected] އަށް ފޮނުވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި މަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ވެސް ވަނީ، އެއްގަމު އުޅަނދުތައް ޕާކުކުރަން ދޫކުރާ ޖާގަތަކުގައި ޕާކިން މީޓަރު ހަރުކޮށް، އުޅަނދު ޕާކުކޮށްފައި އޮންނަ ވަގުތަށް ފީއެއް ނެގޭ ގޮތަށް ހިމަނައިފައެވެ.