ޚާއްސަ އެހީއަށް ބޭނުންވާ މައުލޫމާތު ހޯދަން މިނިސްޓްރީގައި އެދުމުން ކައުންސިލަށް އެ އެއްބާރުލުމެއް ނުލިބުނު ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިރިއުޅުމުގައި ފުރިހަމައަށް އަދި ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު އޮތްކަން ކަށަވަރުކުރުމަކީ މާލެ ސިޓީ ކައުންސިލްގެ މައްޗަށް އޮތް މަސްއޫލިއްޔަތެއްކަން ފާހަގަކޮށްފައެވެ.
އެހެންކަމުން އެފަދަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ޕްލޭންތައް އެކުލަވައިލުމާއި ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެންމެން ޝާމިލުވާ ސިޓީއެއް ބިނާކުރުމަށްޓަކައި އެފަދަ ފަރާތްތައް ދެނެގަތުމަށް ދާއިރާތަކަށް ގޮސް މައުލޫމާތު އެއްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން މުހިންމު ކަމަށް މިއަދުގެ ޖަލްސާގައި ވަނީ ފާހަގަކޮށްފައެވެ.
އެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 10 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަކީ ކައުންސިލްގެ މައްޗަށް އޮތް ވަރަށް ބޮޑު ޒިންމާއެއްކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، އެ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށްޓަކައި ޖެންޑާ މިނިސްޓްރީގައި ވަރަށް ގިނަ ފަހަރު އެދިފައިވާނެ ކަމަށާއި، ނަމަވެސް އެ މިނިސްޓްރީން އެއްވެސް އެއްބާރުލުމެއް ނުލިބި، އެ ޑޭޓާ ލިބޭގޮތް ނުވި ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑު ދެކޭ ގޮތުގައި މުޖުތަމަޢެއްގައި ހުރިހާ އެންމެންނަށް ވެސް ފަސޭހަކަމާއެކު އުޅެވޭނީ އެ މުޖުތަމަޢެއްގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ޤާއިމުކޮށްދެވިގެން. އެ ދުވަހެއް ނުގެނެވޭހައި ހިނދަކު ހުރިހާ އެންމެންވެސް އުޅެންޖެހޭނީ ދަތި އުނދަގުލުގައި،މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލަރުން ނިސްބަތްވާ ދާއިރާތަކަށް ވަޑައިގެން އު މައުލޫމާތުތައް އެއްކުރެއްވުމަކީ ފެނިވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލަކީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ކައުންސިލަކަށް ވާތީ، އެއީ ކައުންސިލަށް ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.
އެ ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ކައުންސިލަރުން ވެސް ވަނީ އެއީ ވަރަށް ރަނގަޅު އަދި މުހިންމު އިސްނެގުމެއް ކަމަށް ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި މުޅި މުޖުތަމައަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.