ގައުމީ ވޮލީ ލީގު: އެމްޓީސީސީ ބަލިކޮށް ވެމްކޯއަށް ތިންވަނަ މޮޅު

ގައުމީ ވޮލީބޯލް ލީގުގައި ކުލަބް އެމްޓީސީސީ އާއި ކުލަބް ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި ކުލަބް ވެމްކޯ އާއި ކުލަބް އެމްޓީސީސީ ބައްދަލުކުރި މެޗު، ތިން ސެޓު އެއް ސެޓުން ކުލަބް ވެމްކޯ ކާމިޔާބުކޮށްފިއެވެ.

ވެމްކޯއިން މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 17-25، 25-23، 16-25 އަދި 16-25 އިންނެވެ.

ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއްގެ އިތުރުން ހުނަރުވެރި ބިދޭސީ ކުޅުންތެރިންތަކެއްވެސް އެކުލެވޭ ކުލަބް ވެމްކޯގެ ފަރާތުން މޮޅު ކުޅުމެއް މެޗުގައި ފެނުނެވެ.

ރަނގަޅު ލީޑެއްގައި އޮވެގެން ވެމްކޯއިން ފުރަތަމަ ސެޓު ނިންމާލުމުން، ދެވަނަ ސެޓުގައި އެމްޓީސީސީން ވަނީ އެޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، ވާދަވެރި ކުޅުމަކަށްފަހު ސެޓު ކާމިޔާބުކޮށްފައެވެ.

ގައުމީ ވޮލީބޯލް ލީގުގައި ކުލަބް އެމްޓީސީސީ އާއި ކުލަބް ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ނަމަވެސް ފަހު ދެ ސެޓުގައި އަނެއްކާވެސް ފެނިފައިވަނީ ވެމްކޯއިން ޑޮމިނޭޓުކުރި ތަނެވެ. އެމްޓީސީސީން ރަނގަޅު ފައިޓެއްދޭން މަސައްކަތްކުރި ނަމަވެސް ވެމްކޯއިން ވަނީ ފަސޭހަކަމާއެކު ފަހު ދެ ސެޓުވެސް ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު، ކުލަބް ވެމްކޯ ކުޅުނު ތިން މެޗުވެސް ކާމިޔާބުކުރުމާއެކު ތާވަލުގެ އެއްވަނަ، މިވަގުތު ލިބެނީ އެޓީމަށެވެ.

މުބާރާތުގެ ފަހު މެޗުތައް ކުޅޭނީ މާދަމާއެވެ. އެގޮތުން މާދަމާ މެންދުރު، 14:00 ގައި ހުރާ ކޮމިއުނިޓީ ކުލަބާއި ކުލަބް އެމްޓީސީސީ ބައްދަލުކުރާއިރު، ފަހު މެޗުގައި ކުލަބް ވެމްކޯ ނުކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ.

މުބާރާތުގެ ހުރިހާ މެޗެއް ވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް