ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ޕޮލިހާއި ސިފައިންގެ ކުރިމަތިލުމެއް

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ ތިންވަނަ ސެމީގައި ކުލަބް އެޗްޑީސީ އާއި ޕޮލިސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް ތިނެއްގައި ތިން ސެޓު އެއް ސެޓުން އެޗްޑީސީ ބަލިކޮށް، ފައިނަލްގެ ދެވަނަ ޖާގަ ޕޮލިސް ކުލަބުން ހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓުތައް، ޕޮލިސް ކުލަބުން ގެންގޮސްފައިވަނީ 24-26، 21-25، 25-20 އަދި 18-25 އިންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗަށްފަހު، މުބާރާތުގެ ތިންވަނަ ހޯދި ކުލަބް އެޗްޑީސީއަށް، މެޑަލް ހަވާލުކޮށްފައިވެއެވެ.

ގައުމީ ވޮލީބޯލް ލީގުގެ ތިންވަނަ، ކުލަބް އެޗްޑީސީ-- ސަން ފޮޓޯ:

ޕޮލިސް ކުލަބު، މި މެޗު ކާމިޔާބުކުރުމާއެކު މުބާރާތުގެ ފައިނަލްގައި އެޓީމު ނުކުންނަންޖެހޭނީ ދިވެހި ސިފައިންގެ ކުލަބާއެވެ. ސިފައިންގެ ކުލަބު، ފައިނަލަށް ގޮސްފައިވަނީ މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ތިން ސެޓު ދެ ސެޓުން ޕޮލިސް ކުލަބް ބަލިކުރުމަށްފަހު އެވެ.

މީގެ ކުރިން، ލީގުގައި މި ދެޓީމު ބައްދަލުކުރި މެޗު، ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވަނީ ދިވެހި ސިފައިންގެ ކުލަބުންނެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ، 20:30 ގައެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް