ސްކޭމް ކޮށްގެން 32،000 ރުފިޔާ އަތުލައިގަތް ކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރަށް

32،000 ރުފިޔާ އަތުލައިގަތް ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން: އެ މީހުން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި --- ފޮޓޯ/ ފުލުހުން

އޮންލައިންކޮށް، ސްކޭމްކޮށްގެން 32،000 ރުފިޔާ އަތުލައިގަތް ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ހ. ވެލަސްފަރުގެ، 40 އަހަރުގެ ޙުސައިން ސާމިރުއާއި ދަފްތަރު. ނަންބަރު ރސ 6007، 33 އަހަރުގެ މުޙައްމަދު ރީޙާންގެ އިތުރުން، ޖޯޖެޑްވިލާ/ މާލެ، 46 އަހަރުގެ އަޙްމަދު ސުޖާއުއެވެ.

ފުލުހުން ބުނީ، އެ މީހުން 32،000 ރުފިޔާ އަތުލައިގަތީ ވަޓްސްއެޕު މެދުވެރިކޮށް ވާހަކަދައްކައިގެން ކަމަށެވެ. މި މައްސަލަ އެ މުއައްސަސާއަށް ރިޕޯޓުކުރީ، މި މަހު 13ގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސާމިރާއި ސުޖާއު 15 ދުވަހަށް އަދި ރީޙާން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި އޯޓީޕީ ކޯޑު ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި ޒާތީ މައުލޫމާތާއި ބޭންކިން ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ވަނީ އެދިފައެވެ.

comment ކޮމެންޓް