ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވުން: ވަގުތީ ހިޔާއަށް ބަދަލުކުރި މީހުންގެ ތެރޭގައި އެއް ގެއެއްގެ 11 މީހުން

ކަރަންޓު ދެވެން ނެތުމުން ވަގުތީ ހިޔާއަށް ބަދަލުކުރި 11 މީހުން ދިރިއުޅުނު ގެ --- ފޮޓޯ/ އެންޑީއެމްއޭ

ށ. ފުނަދޫ އަލިފާނުގެ ހާދިސާގައި ވަގުތީ ހިޔާއަށް ބަދަލުކުރި މީހުންގެ ތެރޭގައި އެއް ގެއަކަށް ނިސްބަތްވާ 11 މީހަކު ހިމެނޭ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިރޭ ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:00ހާއިރު ކަަމަށްވާއިރު، އަލިފާން ނިއްވާލެވުނީ ގިނަ އިރުތަކެއް ފަހުންނެވެ.

އެ އޮތޯރިޓީން ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، އެ ހާދިސާއާ ގުޅިގެން 11 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރީ ފަސް ދުވަހަށެވެ. އެ ޕޯސްޓާއެކު، އާންމުކުރި ފޮޓޯތަކުން ފެންނަނީ، އެ ގޭގެ އޭސީ އައުޓްޑޯ ޔުނިޓް އަނދައި، ފާރުތައް ކަޅުވެފައިވާ މަންޒަރެވެ.

ކަރަންޓު ދެވެން ނެތުމުން ވަގުތީ ހިޔާއަށް ބަދަލުކުރި 11 މީހުން ދިރިއުޅުނު ގެ --- ފޮޓޯ/ އެންޑީއެމްއޭ

'ސަން'އިން ސުވާލުކުރުމުން އެންޑީއެމްއޭއިން ބުނީ، އެ ގެ ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ނުވާ ކަމަށާއި އެ މީހުން ބަދަލުކުރީ ކުދި މަރާމާތުތައް ކުރުމަށް ފަހު ނޫނީ ދިރިނޫޅެވޭނެތީ ކަމަށެވެ.

އިތުރު މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލް ރައީސް މުހައްމަދު އާދިލް 'ސަން'އަަށް ވިދާޅުވީ، އެ ގޭގައި އުޅޭ މީހުން ބަދަލުކުރީ އެއްގޮތަކަށް ވެސް ކަރަންޓު ދެވެން ނެތުމުން ކަމަށެވެ. މިގޮތުން، އެ ގޭގެ ކަރަންޓު ސާމާނުތައް ހަލާކުވެފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ.

މި ހާދިސާގައި ޖުމުލަ 33 މީހަކު އެހެން ތަންތަނަށް ވަނީ ބަދަލުކޮށްފައެވެ. އާދިލް ވިދާޅުވި ގޮތުގައި، އެ މީހުން މި ވަގުތު ތިބީ ގެސްޓްހައުސްތަކުގައެވެ. އަދި، މި ހާދިސާގައި އެ ގެތަކަށް މާ ބޮޑެތި ގެއްލުންތަކެއް ލިބިފައިނުވާ ކަމަށާއި ކުދި މަރާމާތުކޮށްގެން އަލުން ދިރިއުޅެން ފެށޭނެކަން އާދިލް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް