ރަސްމާލެއިން ލިބޭ ޓީޖީއެސްޓީ ރިސޯޓަކުން ލިބޭ ޓީޖީއެސްޓީއަށްވުރެ 8 ގުނަ އިތުރުވާނެ: މުއްތަލިބް

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވަޒީރު މުއްތޮލިބް ވާހަކަދައްކަވަނީ.... ފޮޓޯ/ ޕީއެސްއެމް

ރަސްމާލެ މަޝްރޫއުގެ ތެރެއިން ދައުލަތަށް ޓީޖީއެސްޓީ މެދުވެރިކޮށް ލިބޭ އާމްދަނީ، އާންމުކޮށް ރިސޯޓު ތަރައްގީކުރަން ދޫކުރާ ފަޅަކުން ލިބޭ ޓީޖީއެސްޓީއަށް ވުރެ އަށް ގުނަ އިތުރުވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެއިން އަހަރެއްގެ މައްޗަށް ޓީޖީއެސްޓީގެ ގޮތުގައި އެކަނިވެސް 340 މިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށެވެ.

އެއީ ހެކްޓަރަކަށް ބަލާއިރު އަހަރަކު ގާތްގަނޑަކަށް 680،000 ޑޮލަރެވެ. މި މަޝްރޫއު އެއްކޮށް ނިމުމުން ރަސްމާލެއަށް އެކަނި އަހަރަކު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އިގްތިސާދަށް ވަންނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީ

ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ފުށިދިއްގަރުފަޅުން ހިއްކާ 500 ހެކްޓަރުގެ ބިމުގައި ހިންގާ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ ދަށުން 8،800 ޕްރޮޕަޓީ ތަރައްގީކުރާނެއެވެ. މި ޕްރޮޕަޓީތައް ދޫކުރަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ޕްރޮޕަޓީތަކުގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް ދައުލަތަށް 10 އިންސައްތައިގެ އާމްދަނީއެއް ލިބޭއިރު، 10 އަހަރުގެ ތެރޭގައި ދައުލަތަށް ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެޑްވާންސްގެ ގޮތުގައި 5،000 ހައުސިން ޔުނިޓުން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ދައުލަތަށް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޓޫރިޒަމް ގާނޫނުގެ ދަށުން 99 އަހަރަށް 500 ހެކްޓަރުގެ ފަޅެއް ނުވަތަ ބިމެއް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެނީ 75 މިލިއަން ޑޮލަރާއި 316 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކާއި ކުލީގެ ގޮތުގައި އަހަރަކު 2 މިލިއަން ޑޮލަރުކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ ރަސްމާލެ މޮޑެލްގެ ސަބަބުން ދައުލަތަށް ލިބޭ ފައިދާ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ...... ފޮޓޯ; އެމްއޭސީއެލް

އެގޮތުން ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފްވި ނަމަވެސް ރާއްޖޭގެ މައިގަނޑު އަސާސް ކަމަށްވާ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓްގެ ވިޔަފާރިތައް ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން ރަސްމާލޭގައި ފައިނޭންޝަލް އަދި ޑިޖިޓަލް ހިދުމަތްތަކާއި، ސާފުކުރުމާއި މެއިންޓަނެންސް އަދި ރީޓެއިލް ފަދަ އެކި ދާއިރާތަކުން ވިޔަފާރީގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން މި މަޝްރޫއު ނިމުމުން އަމިއްލަ ދާއިރާއިން 15،000 އަށް ވުރެ ގިނަ ވަޒީފާ އުފެދި، ވަޒީފާތަކަށް ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަވެ، ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ކުޑަކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

https://sun.mv/229134

މީގެއިތުރުން ވަޒީރު ވަނީ 2040 ވަނައަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލްކުރުމަށް ސަރުކާރުން ކުރައްވަމުންދާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން 4 ލައްކަ މީހުންގެ އާބާދީއެއް އޮތް ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރާއިރު ރާއްޖެއަށް އޮތް އެންމެ ރަނގަޅުގޮތަކީ ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާއި އަމާންކަމުގެ ބޭނުން ހިފުން ކަމަށެވެ. އެގޮތުން، ރިއަލްއެސްޓޭޓް ޓޫރިޒަމަކީ މިހާރުވެސް ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ބާވަތެއް ކަމަށާއި ރިއަލްއެސްޓޭޓްގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.

https://sun.mv/229164

"ރާއްޖޭގެ އިޤތިޞާދު ސިންދަފާތު ކުރާއިރު ރާއްޖެއަށް އޮތް އެންމެ ރަނގަޅުގޮތަކީ ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާއި އަމާންކަމުގެ ބޭނުން ހިފުން." ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރަސްމާލެ މަޝްރޫއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.

އެގޮތުން އިދިކޮޅު ފަރާތްތަކުން ބުނަމުންގެނަދަނީ ރަސްމާލެ މަޝްރޫއަކީ މިއީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގައި އަޑިނޭނގޭ އެތައް ކަމެއް އެކުލެވިގެންވާ ކަމަށާއި ސޮއިކުރެވުނު އެއްބަސްވުމުގައިވާ ހުރިހާ ތަފުސީލެއް ސިއްރުނުކޮށް، ރައްޔިތުންނަށް ސާފުކޮށް ހާމަކުރުމަށް އެ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

comment ކޮމެންޓް