ހިޔާ ފުލެޓެއްގައި މިއަދު ރޯވެ ބަދިގެ ބޭނުންނުކުރެވޭވަރު ވެފައިވުމުން، ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ، ރޯވެފައިވަނީ ހިޔާ ޓަވަރެއްގެ 23 ވަނަ ފަންގިފިލާގެ ފުލެޓެއްގައި ކަމަށެވެ. އެ ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އެންޑީއެމްއޭއިން އެ ފުލެޓުގެ ފޮޓޯތަކެއް ހިއްސާކޮށްފައިވާއިރު، އުނދުން މަތީގައި ހުރި ދެ ތެއްޔެއް އަނދައިފައިވާ މަންޒަރު ފެނެއެވެ. އަދި އަލިފާނުގެ އަސަރު، އުނދުނާ ދިމާލަށް މަތީގައި ހުރި ކަބަޑުތަކަށް ވެސް ފޯރައި، ފާރު ވެސް ކަޅުވެފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.
ހިޔާ ޓަވަރުގެ އެޕާޓްމެންޓެއްގައި އަލިފާން ރޯވެ، އަނދާފައި --- ފޮޓޯ: އެންޑީއެމްއޭއެންޑީއެމްއޭއިން ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ގޭގެ ތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، އެ ގޭގައި ދިރިއުޅޭ ހަތަރު މީހަކަށް އެއް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި ފަސް ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސަދީފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ބުނެފައެވެ.
އަލިފާނުގެ މިފަދަ ހާދިސާތައް ދޭތެރެއަކުން ރިޕޯޓުކުރެއެވެ. ދާދި ފަހުން ވެސް ވަނީ، ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުންނުކުރެވޭ ވަރަށް އެ ގެ އަނދާފައިވެއެވެ. އެ ހާދިސާގައި އެ ގޭގައި ދިރިއުޅޭ ފަސް މީހުންނަށް އެ ރަށު ކައުންސިލުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީ، ވަހުގީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ.