ވެބްސައިޓްތަކާއި އޮންލައިން އެޕްލިކޭޝަންތަކުގައި ބޭނުންކުރާ ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުގެ ސެކިއުރިޓީ ނުރައްކާތެރި މައްސަލަތަކެއް ފެނިފައިވާތީ، ޕީއެޗްޕީ ބޭނުންކުރާ އެންމެހައި ސިސްޓަމްތައް ވަގުތުން އަޕްޑޭޓްކުރުމަށް ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީއާއި ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ހާމަކޮށްފައިވާ މި މައްސަލައަކީ ސެކިއުރިޓީ ނުރައްކާތަކުގެ ސީރިއަސްކަން ދެނެގަތުމަށް ބަލާ ކޮމަން ވަލްނަރަބިލިޓީ ސްކޯރިން ސިސްޓަމް (CVSS v4.0) އިން 9.2 ގެ "ކްރިޓިކަލް" ރޭޓިންއެއް ދީފައިވާ ނުރައްކަލެކެވެ.
"ޕީއެޗްޕީ 2 ޝެލް" ގެ ނަމުން ނަންދެވިފައިވާ މި ވަލްނެރަބިލިޓީގެ ސަބަބުން، ހުއްދަނެތި ސާވަރުތަކުގައި ކޯޑު ރަންކޮށް އެއްވެސް ޔޫޒާނޭމް އަދި ޕާސްވޯޑަކާ ނުލައި ވެބްސައިޓްތަކުގެ ކޮންޓްރޯލް ހޯދުމުގެ ފުރުސަތު ހަމަލާދޭ ފަރާތްތަކަށް ލިބިގެންދެއެވެ.
މި ވަލްނެރަބިލިޓީގެ ބޭނުންހިފައިގެން ސައިބާ ހަމަލާތަކެއް ދިނުމަށް ހެކަރުން މަސައްކަތްކުރަމުންދާތީ، ވޯޑްޕްރެސް ފަދަ ޕްލެޓްފޯމްތަކާއި ޕީއެޗްޕީ ބޭނުންކުރާ އެންމެހައި ސިސްޓަމްތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށް ވީ އެންމެ އަވަހަކަށް ފިޔަވަޅު އަޅަންޖެހޭކަމަށް ފުލުހުންނާއި ސައިބާ ސެކިއުރިޓީ އެޖެންސީން ވަނީ ބުނެފައެވެ.
https://x.com/PoliceMv/status/2113325617731244210
މި ވަލްނެރަބިލިޓީގެ ސަބަބުން ސިއްރު މައުލޫމާތު ހާމަވުމާއި އޮންލައިން ޚިދުމަތްތައް މެދުކެނޑުމުގެ ފުރުސަތު އޮތުމާއެކު، ސަރުކާރުގެ މުއައްސަސާތަކާއި، ވިޔަފާރިތަކާއި، ވެބްސައިޓްތައް ހިންގާ ފަރާތްތަކުން ލަސްނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހެއެވެ.
ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ޕީއެޗްޕީގެ ރަސްމީ ސެކިއުރިޓީ އަޕްޑޭޓްތައް ކަމުގައިވާ ވާޝަން 8.5.12، 8.4.27، 8.3.36، 8.2.35 ނުވަތަ އޭގެ ފަހުގެ ރަސްމީ ވާޝަނަކަށް ސިސްޓަމްތައް ވަގުތުން އަޕްގްރޭޑްކުރުމެވެ.
މީގެއިތުރުން، އައިޓީ އެޑްމިނިސްޓްރޭޓަރުން ނުވަތަ ހޯސްޓިން ޕްރޮވައިޑަރުންނާ ގުޅައި ބޭނުންކުރާ ސާވަރުތައް ރައްކާތެރިކުރެވިފައިވާކަން ކަށަވަރުކުރުމާއެކު، އިތުރު ސެކިއުރިޓީ ފިޔަވަޅުތައް އަޅައި ސިސްޓަމްތައް މޮނިޓާކޮށް ގަވާއިދުން ބެލެހެއްޓުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ހުއްދަނެތި ސިސްޓަމަށް ވަދެފައިވާކަމަށް ޝައްކުކުރެވޭނަމަ ޑިޖިޓަލް ހެކި ރައްކާތެރިކުރުމާއެކު ލަސްނުކޮށް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކުރުމަށް ވަނީ އެދިފައެވެ. އަދި އެއްވެސް ކަހަލަ ސައިބާ ހަމަލާއަކަށް ޝައްކު ކުރެވިއްޖެނަމަ ނުވަތަ ސިސްޓަމަކަށް ހުއްދަނެތި ވަދެފައިވާކަން ފާހަގަކުރެވިއްޖެނަމަ، ވަގުތުން އެ ސިސްޓަމެއް ނެޓްވޯކުން ވަކިކޮށް، ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރަށް ރިޕޯޓްކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.