ދިވެހި މުޖުތަމައުގައި މަސްތުވާތަކެތީގެ ވަބާ މޫލައި، އޭގެ ހިތި ނަތީޖާ މުޅި ގައުމަށް މިވަނީ ފޯރާފައެވެ.
މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންގެ ސަބަބުން މަގުމަތީގެ އަމާންކަން ގެއްލި، އާންމު ރައްޔިތުންނާއި އެ މީހުންގެ އާއިލާތަކުން އެތައް ތަކުލީފެއް އެބަ އުފުލައެވެ. އެ ތަކުލީފުތަކަކީ މި ހަފުތާގެ "އެޑިޓަރުންގެ ވަށްމޭޒު" ޕްރޮގްރާމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވުނު މައްސަލައެވެ. މިއީ ހަމައެކަނި ވަކި ފަރުދެއްގެ މައްސަލައެއް ނޫނެވެ. މިއީ މުޅި މުޖުތަމައު ކަރުތާފެނަށް ގޮސްފައިވާ ބޮޑު ކާރިސާއެކެވެ.
މި މައްސަލަ އަނެއްކާވެސް ފެންމަތިވީ، ބޭންކް އޮފް މޯލްޑިވްސްގެ އިސް މަގާމެއްގައި ހުންނެވި މުހައްމަދު ސައީދު، އޭނާ ކުރެއްވި 35 ގަޑިއިރުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެންނެވެ. އޭނާ ހަޅުތާލަށް ނިކުންނެވީ އޭނާގެ ގެ ހުންނަ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށާއި، އޭނާގެ އާއިލާއަށް ވެސް ކެނޑިނޭޅި މީހަކު ފުރައްސާރަކޮށް، އަޑުގަދަކޮށް އުނދަގޫކުރަމުން ދިޔައިރުވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވާކަމަށް ބުނެއެވެ. ނަތީޖާއެއްގެ ގޮތުން، ގޮތްހުސްވެގެން އޭނާއަށް ޖެހުނީ ހަޅުތާލު ކުރާށެވެ.
މި ހާދިސާއިން ސީރިއަސް ސުވާލުތަކެއް އުފަންކުރުވައެވެ. ރައްޔިތަކަށް ލިބޭ ތުރާލެއް ހައްލުވާންޖެހެނީ މަގުމައްޗަށް ނިކުމެ ހަޅުތާލުކޮށް، ސީދާ ވަޒީރަކު ނުވަތަ ފުލުހުންގެ އެންމެ އިސްވެރިޔާ އެތަނަށް ހާޒިރުވެގެން ދޭ ޔަގީންކަމަކުން ހެއްޔެވެ؟ އާންމު މީހާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ ނަގާނީ ކޮން ބައެއް ހެއްޔެވެ؟
ހަމަ އެ ފަދަ އިތުރު ތަޖުރިބާއެއް ހިއްސާކޮށްދެމުން ސޯޝަލް މީޑިއާގައި އަލީ ތުއްތު ނަމަކަށް ކިޔާ މީހަކު ހިއްސާކޮށްފައިވާ ވާހަކައަކީ މިއަދު މި މާލޭ ތެރޭގައި ވެސް އާންމު ކަމަކަށް ވެފައިވާ ކަމެކެވެ.
އޭނާ ލިޔެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު ސުކޫލަށް ގެންދަން ޖެހުނީ ޕޮލިހުން ގެނެސްގެންނެވެ.
"އޮފީހުގައި އިނދެފައި ދަރިފުޅު ސުކޫލަށް ގެންދިއުމަށް ނިކުތީމެވެ. ގޭގެ ގޯޅިއަށް ވަންއިރު އާދައިގެ މަތިން ދެމީހަކު މަސްތުވެ ތިއްބެވެ. ގަޑިއަކީ 12:15 ހާއިރެވެ. ފުލުހުންނަށް ގުޅައި އެމީހުން އެތަނުން ދުރުކޮށްދިނުމަށް އެދުނީމެވެ. އެއީ ކުދިން ތިރިއަށް ފައިބާއިރު އެމީހުން ތިބި ހާލު ފެނި ބިރުގަންނާނެތީވެއެވެ،"
އޭނާ އިތުރަށް ލިޔުނު ގޮތުގައި، ފުލުހުން އަންނާނެހާއިރުކޮށް އޭނާގެ ހަތް އަހަރުގެ ދަރިފުޅު ގޮވައިގެން ގެއިން ނިކުތެވެ. އެކަމަކު ނިކުތްއިރު ފެނުނީ މި މުޖުތަމައުއިން އަމިއްލަ ދަރިފުޅަށް އެއްގޮތަކަށް ވެސް ފެންނަން ދިވެހި މަޔަކު ނުވަތަ ބަފަޔަކު އެދޭނެ މަންޒަރެއް ނޫނެވެ.
"އެއްކަލަ ދެމީހުން ހަމަ އެތަނުގައި އަތަށް ސިރިންޖު ޖަހަން އެބަތިއްބެވެ. މި މަންޒަރު ދަރިފުޅަށް ފެނިދާނެތީ އަވަސް އަވަހަށް ގޯޅިން ނިކުމެ ސައިކަލަށް އަރުވައިފީމެވެ. ސައިކަލަށް އަރަމުން ދަރިފުޅު މިބުނަނީ: 'ބައްޕާ، ޕާޓޭން އަސްލު ހާދަ ބާރުގަދައޭ ދޯ، އަމިއްލައަށޭ ވެކްސިންވެސް ޖަހަނީ.' މި މަންޒަރުތަކާ ހުރެ ދަރިން ސުކޫލަށް ގެންދިއުމަށާއި ނަމާދަށް މިސްކިތަށް ގެންދިއުމަށް ދަތިވެ ފުލުހުންނަށް ގުޅުނު އަދަދު މިހާރު ނޭނގެއެވެ." އޭނާ ލިޔުނެވެ.
މިއީ މިއަދު އަޅުގަނޑުމެންގެ ދަރިން ބޮޑެތިވަމުން އަންނަ މާހައުލެވެ. އާއިލާތަކަށް ހަމަޖެހިގެން ދިރިއުޅުމުގެ ފުރުސަތު ބަންދުވެ، ގޭ ދޮރުމަތިން ވެސް ފެންނަނީ ނޭއްގާނީ އަމަލުތަކެވެ.
ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ބާގަނޑުތައް އެޑިޓަރުން ފާހަގަކުރެއްވިއެވެ. ގާނޫނުތަކާއި ގަވާއިދުތައް ހުރި ގޮތުން، އާންމު އުނދަގޫކުރާ މިފަދަ މީހުން ހުއްޓުވުމަށް މުއައްސަސާތަކަށް އޮންނަނީ ވަކި ޝަރުތުތަކެއް ހަމަވެގެންނެވެ. އެ މީހަކު ފަރުވާއަށް ދާން އަމިއްލައަށް އެއްބަސްނުވާހާ ހިނދަކު ރިހެބިލިޓޭޝަން މަރުކަޒުތަކަށް ބަލައިނުގަނެވޭ ހާލަތްތައް އާދެއެވެ. އަދި ފުލުހުންނަށް ތަހުގީގު ފުރިހަމަކޮށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާކުރަން ފޮނުވުމުގައި ވެސް ގާނޫނީ ގޮންޖެހުންތައް ކުރިމަތިވެއެވެ. މީގެ ނަތީޖާއަކީ ކުށްކުރާ މީހާ އިރުއޮއްސޭއިރު ދޫވެ، އަނެއްކާވެސް މަގުމައްޗަށް ނުކުމެ ކުރީގެ އަމަލުތައް ތަކުރާރުކުރުމެވެ.
މި މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ބޭނުންވެއެވެ.
ފުރަތަމަ ކަމަކަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި އާންމު މަސްލަހަތު ރައްކާތެރިކުރުމުގެ ގާނޫނުތަކަށް އަވަސް އިސްލާހުތަކެއް ގެންނަންޖެހެއެވެ. އާންމުންނަށް ތަކުރާރުކޮށް އުނދަގޫކޮށް ނުރައްކާކުރާ މީހުން، އެމީހުންގެ ރުހުމާ ނުލައިވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް މަޖުބޫރީ ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރަންޖެހެއެވެ.
ދެވަނަ ކަމަކަށް، ފުލުހުންނާއި ސިއްހީ އަދި އިޖުތިމާއީ ޚިދުމަތްތެރިން ގުޅިގެން ހަރަކާތްތެރިވާ "އިންޓަވެންޝަން ޓީމުތަކެއް" އުފައްދަންޖެހެއެވެ. އެފަދަ މީހުން މަގުމަތިން ހަމައެކަނި ހައްޔަރުކޮށްފައި ދޫކޮށްލުމުގެ ބަދަލުގައި، ސިއްހީ އަދި ނަފުސާނީ އެހީތެރިކަން ވަގުތުން ފޯރުކޮށްދޭންޖެހެއެވެ.
ތިންވަނަ ކަމަކަށް، ރިހެބިލިޓޭޝަންގެ ކެޕޭސިޓީ އިތުރުކޮށް، ފަރުވާއަށްފަހު އަނބުރާ މުޖުތަމައަށް ނެރޭއިރު އެމީހުން ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވައި ދެމެހެއްޓެނިވި މޮނީޓަރިން ނިޒާމެއްގެ ތެރެއިން ބަލަހައްޓަންޖެހެއެވެ.
ރައްޔިތުން ގޭ ދޮރުމަތީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަންދެން ނުތިބެ، މުއައްސަސާތައް އިސްނަގައިގެން މަސައްކަތްކުރަންޖެހެއެވެ. ދިވެހި ކޮންމެ ދަރިއަކަށް ބިރަކާ ނުލައި ގޯޅިތަކުން ހިނގާފައި ސުކޫލަށާއި މިސްކިތަށް ދެވޭނެ އަމާން ވެއްޓެއް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމު އެންމެ އިސް ވާޖިބެވެ. ހައްލު ހޯދަންވީ ވަގުތަކީ މިއީއެވެ.