އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ބޭސް ލިބޭނެ މަގުފަހިކުރުމަށް ކަމަށް ރައީސުލްުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ އެފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެކަމަނާ ވަނީ ޕާކިސްޓާނުގެ އިސްލާމްއާބާދުގައި ހުންނަ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އަށް ޒިޔާރަތް ކުރައްވާ އެ އިދާރާގެ އިސްވެރިންނާއި މުވައްޒަފުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.
އެކަމަނާ ވަނީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަކީ ރާއްޖެފަދަ ރަށްތައް ވަކިވަކީން އޮންނަ ޖަޒީރާ ގައުމަކުން، ގައުމީ ފެންވަރުގައި އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށާއި ދެމިގެންދާ ޒިންމާއެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ އިތުބާރު ދެމެހެއްޓޭނީ ހަރުދަނާ ސައިންޓިފިކް މިންގަނޑުތަކާއި ވަރުގަދަ ރެގިއުލޭޓަރީ އިދާރާތަކާއި ބިނާކުރަނިވި ބައިނަލްއަގުވާމީ އެއްބާރުލުމުގެ ތެރެއިންކަން ވެސް އެކަމަނާ ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސްގެ އަނބިކަނބަލުން ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ދޭދޭ ގުޅުމަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ސިއްހީ ދާއިރާއަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމަށާއި ޕާކިސްތާނުގެ ސިއްހީ މާހިރުން ރާއްޖޭގައި މަސައްކަތްކުރެއްވުމާއި، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިން ތަމްރީނުކުރުމުގައި ޕާކިުސްތާނުން ދެއްވާ އެއްބާރުލުމަށް އެކަމަނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރުން ދެ ގައުމުގެ މެދުގައި ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ހެލްތު ކޯޕަރޭޝަން ނުވަތަ ސިއްހީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމުގެ ފަހުމުނާމާއަކީ ކުރިއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން އެކަމަނާ ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެ އޮނިގަނޑުގެ ދަށުން ފަންނީ މައުލޫމާތު ބަދަލުކުރުމާއި، ގާބިލުކަން އިތުރުކުރުމާއި، ރެގިއުލޭޓަރީ ދާއިރާގެ އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމަށް މަގުފަހިވެގެންދާނެކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ގުޅުމުގެ ހަގީގީ އަގު ވަޒަންކުރެވޭނީ ހަރުދަނާ ސިއްހީ ނިޒާމެއްގެ ތެރެއިން، ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުން ކަމަށް އެކަމަނާ ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގައި ޑްރެޕްގެ އިސްވެރިންނާއި މުވައްޒަފުން ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި، ދެ ގައުމުގެ މެދުގައި އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމުގެ އުންމީދު އައުކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
https://x.com/presidencymv/status/2112846093444857943
ޑްރެޕްއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިސްލާމްއާބާދުގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ޒިޔާރަތްކުރައްވައި، އެތަން ބައްލަވާލައްވާފައެވެ.