ބަލި މީހުން އުފުލުމަށް ސިޓީ ކައުންސިލުން ދޭ 88،000 ރުފިޔާ ޚަރަދުކުރާ ގޮތް، އަހަރު ދެ ފަހަރު އަންގަން ފާސްކޮށްފި

ބަލި މީހަކު އުފުލަނީ: ބަލި މީހުން އުފުލުމަށް ސިޓީ ކައުންސިލުން ދޭ 88،000 ރުފިޔާ ޚަރަދުކުރި ގޮތް އަހަރު ދެ ފަހަރު އަންގަން ވަނީ ފާސްކޮށްފައި -- ފޮޓޯ/ ރެޑް ކްރެސެންޓް

ބަލި މީހުން އުފުލުމުގެ ޚިދުމަތް ދިނުމަށް ރެޑް ކްރެސެންޓަށް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭ 88،000 ރުފިޔާ ޚަރަދުވާ ގޮތް އަހަރަކު ދެ ފަހަރު އެ ކައުންސިލަށް އެންގުމަށް މިއަދު ފާސްކޮށްފިއެވެ.

ބަލި މީހުން އުފުލުމުގެ ޚިދުމަތް ދިނުމަށް މާލެ ސިޓީ ކައުންސިލާ ރެޑް ކްރެސެންޓާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ، މިދިޔަ އަހަރުގެ އޮކްޓޫބަރު އަށެއްގައެވެ.

މި އެމްއޯޔޫގައިވާ ގޮތުން، އެ ޚިދުމަތް ފޯރުކޮށްދިނުމަށް އަހަރެއްގެ މައްޗަށް މާލެ ސިޓީ ކައުންސިލުން 88،000 ރުފިޔާ ރެޑް ކްރެސެންޓަށް ދޭން ޖެހެއެވެ.

ބަލި މީހުން އުފުލުމުގެ ޚިދުމަތް ދިނުމަށް ސިޓީ ކައުންސިލާއި ރެޑް ކްރެސެންޓާ ދެމެދު ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރެޑް ކްރެސެންޓް

މި ކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި ވަނީ އެ އެމްއޯޔޫއަށް ބަދަލެއް ގެނައުމަށް މަޝްވަރާކޮށްފައެވެ. އެގޮތުން، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިލްވާން އަލީ ހުށަހެޅުއްވީ، އަހަރަކަށް 88،000 ރުފިޔާ ދިނުމަށް ފަހު، އެ ފައިސާއިން ކުރާ ޚަރަދުތަކުގެ ރިޕޯޓެއް އަހަރަކު ދެ ފަހަރު ކައުންސިލަށް ހުށަހަޅާ ގޮތަށް، ޝަރުތެއް އިތުރުކުރުމަށެވެ.

އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ޖަލްސާގައި ބައިވެރިވެވަޑައިގެން ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ވަނީ އެ ކަން ފާސްވެފައެވެ.

ބަލި މީހުން އުފުލުމަށް ސިޓީ ކައުންސިލާއި ރެޑް ކްރެސެންޓާ ދެމެދު ސޮއިކުރިއިރު، ސަރުކާރާއި ޕްރައިވެޓް އެކި ހޮސްޕިޓަލްތަކުން ވެސް އެމްބިއުލާންސްގައި ބަލި މީހުން އުފުލުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ.

comment ކޮމެންޓް