ފަހަތުން އަރައި ލަޔަންސް ބަލިކޮށް އެޗްޑީސީން ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެ

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ކުލަބް އެޗްޑީސީ އާއި ލަޔަންސް ރެކްރިއޭޝަން ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ކުލަބް އެޗްޑީސީ އާއި ލަޔަންސް ރެކްރިއޭޝަން ކުލަބް ބައްދަލުކުރި މެޗު، 3-1 ސެޓުން ކުލަބު އެޗްޑީސީން ކާމިޔާބުކޮށް ޗެމްޕިއަންޝިޕުން ޖާގަ ހޯދައިފިއެވެ.

ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުޅުނު މިމެޗުގެ ސެޓުތައް ކުލަބް އެޗްޑީސީން ގެންގޮސްފައިވަނީ 26-24، 19-25، 10-25 އަދި 18-25 އިންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓުގައިވެސް ކުރީކޮޅު ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ނަމަވެސް ދެ ސެޓުގެވެސް މެދުތެރެއިން އެޗްޑީސީން ރަނގަޅު ލީޑެއް ނެގިއެވެ. ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވަނީ ލަޔަންސް ރެކްރިއޭޝަން ކުލަބުން ނަމަވެސް ސެޓް ޕޮއިންޓަށް ފުރަތަމަ ދިޔައީ އެޗްޑީސީއެވެ. އެއާއެކު ލަޔަންސުންވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، ފަހަތުން އަރައި ސެޓު ނިންމާލާފައެވެ.

މިއާ ހިލާފަށް ދެވަނަ ސެޓުގައި އެޗްޑީސީން ވަނީ މޮޅު ކުޅުމެއް ދައްކައި ލީޑު ހިފަހައްޓާފައެވެ. އަދި ތިންވަނަ ސެޓުގައި ލަޔަންސަށް ދިޔައީ އެއްވެސް ވަރަކަށް އެޗްޑީސީ ހިފަހައްޓައި ނުލެވިގެންނެވެ.

މެޗުގެ ވާދަވެރިކަން އަނބުރާ އައިސްފައިވަނީ ހަތަރުވަނަ ސެޓުގައެވެ. ހަމަހަމަކޮށް ފެށުނު މި ސެޓުގައިވެސް އެޗްޑީސީން ރަނގަޅު ލީޑެއް ނެގިނަމަވެސް ލަޔަންސްގެ ރަނގަޅު ފައިޓެއްވެސް ހަތަރުވަނަ ސެޓުގައި ފެނިގެންދިޔައެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ކުލަބް އެޗްޑީސީ އާޢި ލަޔަންސް ރެކްރިއޭޝަން ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ލަޔަންސް ރެކްރިއޭޝަން ކުލަބު ތިންވަނަ މެޗުންވެސް ބަލިވުމާއެކު، މުބާރާތުގައި ކުރިއަށްދިއުމުގެ ދޮރު އެމްޓީސީސީއަށް މިވަނީ އަނެއްކާވެސް ހުޅުވިފައެވެ. ލީގުގެ ހަތަރުވަނަ ޓީމުގެ ގޮތުގައި ޗެމްޕިއަންޝިޕަށް ދާނީ މި ދެޓީމުގެ ކުރިމަތިލުން ކާމިޔާބުކުރާ ޓީމެކެވެ. އެމެޗު އޮންނާނީ ބުދަ ދުވަހުގެ ރޭ 20:30 ގައެވެ.

މާދަމާ އޮންނާނީ އަންހެން ޑިވިޝަނުގެ ދެ މެޗެވެ. އެގޮތުން ހަވީރު ބައްދަލުކުރާނީ ކުލަބް ވެމްކޯ އާއި ސިޓީ ފްރެންޑްސް ކުލަބެވެ. އަދި ރޭގަނޑު ބައްދަލުކުރާނީ ޕޮލިސް ކުލަބާއި އެމްޓީސީސީއެވެ.

މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް