ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ހަވަނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބާއި ކުލަބް އެމްޓީސީސީ ބައްދަލުކޮށް، ތިން ސެޓު އެއް ސެޓުން ދިވެހި ސިފައިންގެ ކުލަބުން މެޗު ކާމިޔާބުކޮށްފިއެވެ.
ސިފައިންގެ ކުލަބުން މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 20-25، 25-16، 18-25 އަދި 19-25 އިންނެވެ.
މެޗު ފެށިގެން ފެނުނީ ސިފައިންގެ ކުލަބުން މެޗު ޑޮމިނޭޓުކުރި ތަނެވެ. ސެޓުުގެ ފަހުކޮޅު އެމްޓީސީސީގެ ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކުރި ނަމަވެސް ސިފައިންގެ ކުލަބުން ވަނީ އެޓީމަށް ގިނަ ފުރުސަތުތަކެއް ނުދީ، ރަނގަޅު ލީޑެއްގައި ފުރަތަމަ ސެޓު ނިންމާލާފައެވެ.
ދެވަނަ ސެޓު ރަނގަޅަށް ފަށާފައިވަނީ އެމްޓީސީސީންނެވެ. ސިފައިންނަށް ކުޅެން ފުރުސަތެއް ނުދީ، ހަތަރު ޕޮއިންޓުގެ ލީޑެއް ސެޓުގެ ކުރީކޮޅު އެޓީމުން ނެގިއެވެ. ދެވަނަ ސެޓު ކުރިއަށްދިޔަ ވަރަކަށްވެސް ފެނިގެންދިޔައީ ފުރަތަމަ ދެ މެޗާ ބަލާފައި އެޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، ލީޑު ހިފަހައްޓަމުންދިޔަ ތަނެވެ. އެއާއެކު އެމްޓީސީސީން ވަނީ ބޮޑު ލީޑަކާއެކު ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. މިސެޓުގައި އެންމެ ފާހަގަކުރެވުނު އެއްކަމަކީ ސިފައިންގެ ކުލަބުގެ ސާވިސްތައް ގޯސްވެ، ގިނަ ސާވިސްތަކެއް ނެޓަށް އަމާޒުވިކަމެވެ.
ގައުމީ ވޮލީ ލީގުގައި އެމްޓީސީސީ އާއި ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާންމެޗުގެ ތިންވަނަ ސެޓުގައި އަނެއްކާވެސް ސިފައިންގެ ކުލަބުގެ ކުޅުން ރަނގަޅުކޮށް، އެމްޓީސީސީގެ މައްޗަށް ހެޔޮވަރު ލީޑެއް ދަމަހައްޓާފައިވެއެވެ. މި ސެޓުގައިވެސް އެމްޓީސީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް ސިފައިންގެ ގޯސްތައް މަދުކޮށް، ފޮނުވަމުންދިޔަ ބާރު އެޓޭކުތަކުގެ ނަތީޖާއެއްގެ ގޮތުން މި ސެޓު ކާމިޔާބުކުރަން އެޓީމަށް މާ އުނދަގުލެއް ނުވިއެވެ.
މެޗުގެ ފަހު ސެޓުވެސް ފެށުނީ ވަރަށް ވާދަވެރިކޮށެވެ. ނަމަވެސް ސެޓުގެ މެދާ ހިސާބުން ސިފައިންގެ ކުލަބުން ވަނީ މި ސެޓުގައިވެސް ރަނގަޅު ލީޑެއް ނަގާފައެވެ. ރެފްރީއާމެދު އެމްޓީސީސީގެ ކުޅުންތެރިންގެ މެދުގައި ހިތްހަމަނުޖެހުން އިތުރުވެ، އެޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ހަތަރުވަނަ ސެޓުގައި ފެނިގެންދިޔައެވެ.
އެމްޓީސީސީގެ ތިންވަނަ މެޗުންވެސް ބަލިވުމާއެކު މުބާރާތުން ކުރިއަށްދިއުމަށް އެޓީމުގެ އަތުން މިވަނީ އަމިއްލަ ބާރު ގެއްލިފައެވެ. މިހާރު އެޓީމަށް އޮތް ހަމައެކަނި ފުރުސަތަކީ ލަޔަންސްގެ ކުރިއަށް އޮތް ދެ މެޗުންވެސް ބަލިވެ، އެމްޓީސީސީގެ ފަހު މެޗު ކާމިޔާބުކުރުމެވެ.
މާދަމާ ހަވީރު އޮންނާނީ ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބު ބައްދަލުކުރާ މެޗެވެ. އަދި ރޭގަނޑު އޮންނާނީ ކުލަބް އެޗްޑީސީ އާއި ލަޔަންސް ރެކްރިއޭޝަން ކުލަބް ބައްދަލުކުރާ މެޗެވެ.
މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.