ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު އަދި މޮޑެލް އިމްރާން އައްބާސް، ޓީވީ ސްކްރީންތަކާ ދުރަށް ޖެހިލައި އޭނާގެ ޙަޔާތުގެ އާ ދަތުރެއް ރިއަލް އެސްޓޭޓް އަދި ކޮންސްޓްރަކްޝަން ދާއިރާގައި ފަށައިފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފިލްމުތަކުން ފެނުން މަދުވުމަށްފަހު، މި ބަދަލުގެ ތަފުސީލު ހާމަކުރަމުން އިމްރާން ބުނީ ވޭތުވެދިޔަ ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ޑްރާމާތަކުގައި މަސައްކަތްކުރުން އެއްކޮށް ހުއްޓާލައި، އޭނާގެ މުޅި ސަމާލުކަން އިސްލާމްއާބާދުގައި ކުރިއަށްދާ ޢިމާރާތްކުރުމުގެ ބޮޑެތި މަޝްރޫއުތަކަށް މިހާރު ހުސްކޮށްފައިވާ ކަމަށެވެ.
މިޝީ ޚާން ހުށަހަޅައިދިން ޓީވީ ޕްރޮގްރާމެއްގައި ފޯނުން ވާހަކަދައްކަމުން އިމްރާން ހާމަކުރި ގޮތުގައި، އޭނާއަކީ އަސްލު ތައުލީމީ ގޮތުން އާކިޓެކްޗާގެ ދާއިރާއިން ދަސްވެނިވެފައިވާ ފަރާތެއް ކަމުން، އެ ދާއިރާގެ މަސައްކަތްތަކަށް އަލުން އެނބުރި ދިއުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. އެގޮތުން އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓާ ކައިރީގައި ބޮޑު ޓަވަރެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެ އިމާރާތް އެއްކޮށް ނިންމައި ހުޅުވޭނެ ކަމަށް އޭނާ ބުންޏެވެ.
އިމްރާން، އިންޑިއާގެ ބަތަލާ އަނުޝްކާ ޝަރުމާ އަދި ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރު--ފޮޓޯ/އެންޑީޓީވީ ވިޔަފާރީގެ މި ފިޔަވަޅުގެ އިތުރުން، އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ މަތިވެރި މަސައްކަތްތަކަށް ވެސް އިމްރާން މިހާރު ދަނީ ޚާއްސަ އިސްކަމެއް ދެމުންނެވެ. އޭނާގެ މައިންބަފައިން މި ދުނިޔެ ދޫކޮށް ގޮސްފައިވުމާއި، އަމިއްލަ ކުއްޖަކު ނެތުމުގެ ސަބަބުން، ދުނިޔެވީ މަންފާ އަށްވުރެ ބޮޑަށް އަނެކުންނަށް ފައިދާހުރި އަދި އާޚިރަތަށްޓަކައި ހެޔޮ ދަރުމަ ލިބޭނެ ފަދަ ޚިދުމަތްތައް މުޖުތަމައަށް ފޯރުކޮށްދިނުމަކީ މިހާރު އޭނާގެ ހަޔާތުގެ އެންމެ ބޮޑު މަޤުޞަދު ކަމުގައި އިމްރާން ވަނީ ފާހަގަކޮށްފައެވެ.
ފިލްމީ ދާއިރާއަށް އަލުން އެނބުރި އައުމާ މެދު ސޯޝަލް މީޑިއާގައި ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އިމްރާން ބުނީ، އިހަށް އެ ދާއިރާއަށް އަލުން ނުކުތުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އެހެންކަމުން، މިއީ ވަގުތީ މެދުކެނޑުމަކަށްވުރެ ބޮޑަށް، އޭނާގެ ދިރިއުޅުމުގެ އަމާޒުތަކަށް ގެނައި ސާފު އަދި ދާއިމީ ބަދަލެއްކަން މިހާރު މިވަނީ ކަށަވަރުވެފައެވެ.
"ޚުދާ އައުރް މުހައްބަތު" ފަދަ ކާމިޔާބު ޑްރާމާތަކުން މަގުބޫލުކަން ހޯދައި، ބޮލީވުޑްގައި ބިޕާޝާ ބާސޫއާއެކު "ކްރީޗާ 3ޑީ"އިން ފެނިގެންދިޔަ އިމްރާން ވަނީ "ޖާންނިސާރު" އަދި "އޭ ދިލް ހޭ މުޝްކިލް" ފަދަ ފިލްމުތަކުން ވެސް އިންޑިއާގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ. ސްކްރީނުން އޭނާ ފެނުން މިހާރު މުޅިން ހުއްޓިފައި ވީނަމަވެސް، އޭނާ ކުޅެދީފައިވާ ފުރިހަމަ ރޯލުތަކުގެ ސަބަބުން ސަރަހައްދުގެ އެކި ކަންކޮޅުތަކުގައިވާ ސަޕޯޓަރުންގެ ހިތްތަކުން އަދިވެސް އޭނާގެ ނަން ފޮހެވިގެންނުދެއެވެ.