މައިބަދައިގެ އޮޕަރޭޝަނަކަށް ފަހު ބަތަލާ ނުޝްރަތު ހޮސްޕިޓަލުން ދޫކޮށްލައިފި

އިންޑިއާގެ ބަތަލާ ނުޝްރަތު ބަރޫޗާ--ފޮޓޯ/ފިލްމުފެއަ

އިންޑޮނޭޝިއާގެ ބާލީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މައިބަދަ ބިންދައިގެން ގޮސް، ބޮޑު ސާޖަރީއެއް ހެދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ނުޝްރަތު ބަރޫޗާގެ ހާލަތު ރަނގަޅުވެ ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފިއެވެ.

މަސައްކަތުގެ އިތުރުން ޗުއްޓީއެއް ހޭދަކޮށްލުމަށް ބާލީއަށް ކުރި ދަތުރުގައި މި މަހުގެ ކުރީކޮޅު ހިނގި އެ ޙާދިސާއާ ގުޅިގެން، ކުއްލި ފަރުވާއަށް އޭނާ މުމްބާއީއަށް ގެނައީ އެއާ އެމްބިއުލާންސެއްގައެވެ.

ނުޝްރަތުގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނީ، މައިބަދައިގެ ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު ބަތަލާ މިހާރު ވަނީ އެނބުރި ގެއަށް ބަދަލުކޮށްފައި ކަމަށެވެ. އަދި ލިބުނު އަނިޔާތަކުން އެއްކޮށް ރަނގަޅުވެ ފުރިހަމަ ސިއްޙަތަކަށް ރުޖޫއަވާން ވަގުތު ނަގާނެ ނަމަވެސް، ނުޝްރަތު ހުރީ އަވަހަށް ރަނގަޅުވުމުގެ ފޮނި އުންމީދާ އެކު ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މި ނާޒުކު ދަނޑިވަޅުގައި އާންމުންނާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބާއި ހެޔޮދުޢާތަކަށް އާއިލާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ނުޝްރަތު، އެކްޓަރު އަޔުޝްމާން ކުރާނާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ޖެއި ސަންތޯޝީ މާ"އިން 2006 ވަނަ އަހަރު ކެރިއަރު ފެށި ނަމަވެސް، ނުޝްރަތު ބޮޑު މަޣުބޫލުކަމެއް ހޯދީ "ލަވް ސެކްސް އޯރް ދޯކާ" އަދި "ޕިޔާރު ކާ ޕަންޗްނާމާ" ފަދަ ކާމިޔާބު ފިލްމުތަކުންނެވެ. އޭގެ ފަހުން އޭނާ ވަނީ "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ"، "ޑްރީމް ގާލް"، "ޗޯރީ" އަދި "ރާމް ސެތޫ" ފަދަ ފާހަގަކޮށްލެވޭ ގިނަ ފިލްމުތަކެއް ކުޅެފައެވެ.

އަނިޔާއަށް ފަރުވާ ހޯދަމުން އަންނަ ނުޝްރަތު ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 23ގައި ނެޓްފްލިކްސް މެދުވެރިކޮށް ނެރޭ މަނޯޖް ބަޖްޕާއީގެ ތުރިލާ "ގަޖަބް ރާތު"އިންނެވެ. މީގެ އިތުރުން ޓައިގާ ޝްރޮފް ލީޑް ރޯލު ކުޅޭ އެކްޝަން ފިލްމެއްގެ މަސައްކަތް ވެސް އޭނާ ވަނީ ފަށައިފައެވެ.

comment ކޮމެންޓް