މަޝްހޫރު ފަރާތްތަކުގެ ނަމާއި ސިފަ ހުއްދައެއް ނެތި ވިޔަފާރީގެ މަންފާއަށް ބޭނުންކުރާ މައްސަލަ ހޫނުވެފައިވަނިކޮށް، އަމިއްލަ ޝަޚްޞީ ޙައްޤުތައް ނުވަތަ "ޕާސަނަލިޓީ ރައިޓްސް" ޙިމާޔަތްކޮށްދިނުމަށް އެދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކްރިތީ ސެނޮން ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލައިގެ އަޑުއެހުމުގައި ހައިކޯޓުން ނިންމީ، މިފަދަ ޝަކުވާތައް ފަހަކަށް އައިސް އިންތިހާއަށް އިތުރުވަމުންދާތީ، މިއީ ހަމައެކަނި ވަކި ފަރުދެއްގެ މައްސަލައަކަށް ބެލުމުގެ ބަދަލުގައި މުޅި ޤާނޫނީ އޮނިގަނޑު ފުޅާ ދާއިރާއެއްގައި ދިރާސާކުރަންޖެހިފައިވާ މައުޟޫޢެއް ކަމަށެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ، ކްރިތީގެ ފަރާތުން ހާޒިރުވި ވަކީލުގެ އަރިހުން، މި މައުޟޫޢާ ގުޅޭގޮތުން މީގެ ކުރިން ނިންމާފައިވާ ޝަރުޢީ ޙުކުމްތަކާއި ފަންނީ ދިރާސާތައް އެކުލެވޭ ފުރިހަމަ ލިޔުމެއް ކޯޓަށް ހުށަހެޅުމަށް އަންގަވާފައެވެ. އެގޮތުން، ޝަޚްޞީ ޙައްޤުތަކުގެ ތެރެއިން ޤާނޫނުން ރައްކާތެރިކަން ލިބިދޭނެ ވަކިވަކި ކަންކަމާއި، މިފަދަ ދަޢުވާތައް ބެލުމުގެ ޝަރުޢީ އިޚްތިޞާޞް ހައިކޯޓުގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ޑިވިޜަން (އައިޕީޑީ)އަށް ލިބިގެންވޭތޯ ސާފުކުރުމަށް ފަނޑިޔާރު އެދިވަޑައިގެންނެވިއެވެ. މިއީ މުސްތަޤުބަލުގައި މިފަދަ މައްސަލަތަކުގައި ޢަމަލުކުރާނެ ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅުމަށްޓަކައި ނިންމެވި ނިންމެވުމެކެވެ.
ކްރިތީ ފިލްމު "ކޮކްޓެއިލް 2"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ ކޯޓުގައި ވާހަކަދައްކަވަމުން ވަކީލު ފާހަގަކުރެއްވި ގޮތުގައި، ޝަޚްޞީ ޙައްޤުތަކުގެ ތެރޭގައި މީހެއްގެ ނަމާއި، އަޑާއި، މޫނުގެ ސިފަތަކުގެ އިތުރުން ފޮޓޯ އާއި ވީޑިއޯތައް ވެސް ޝާމިލުވެއެވެ. އަދި އެ މީހެއްގެ އެއްވެސް ރުހުމަކާ ނުލައި އެފަދަ ސިފަތައް ވިޔަފާރީގެ އިޝްތިހާރުތަކަށާއި މާލީ މަންފާއަށް ބޭނުންކުރުމަކީ މިފަދަ މައްސަލަތަކުގައި ދިމާވާ އެންމެ ބޮޑު ނުރައްކާ ކަމަށް އޭނާ ވިދާޅުވިއެވެ. ކޯޓުން އެދުނު ދިރާސީ މަޢުލޫމާތުތައް ލަސްތަކެއްނުވެ ހުށަހަޅުއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، މި މައްސަލައިގައި ކޯޓުގެ އިޚްތިޞާޞާމެދު އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން ތާވަލުކޮށްފައިވަނީ މި މަހުގެ 29 ވަނަ ދުވަހަށެވެ.
މި ދަޢުވާ ހުށަހަޅާފައި މިވަނީ ފިލްމީ ތަރިންނާއި، ކުޅިވަރު ޝަޚްޞިއްޔަތުތަކުގެ އިތުރުން ސިޔާސީ އިސް ފަރާތްތަކުން ވެސް މިފަދަ ޙައްޤުތައް ހޯދުމަށް ދިއްލީ ހައިކޯޓުގެ ދޮރުގައި ޓަކިޖަހަމުންދާ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
މީގެ ކުރިން ވެސް ކަންގަނާ ރަނާވަތު، ތަބޫ، އަދި ވިޖޭ ދެވަރަކޮންޑާ ފަދަ ތަރިންނާއި، ކުރީގެ ކްރިކެޓް ތަރި ޔުވްރާޖް ސިންގާއި މިހާރުގެ ކުޅުންތެރިޔާ އަބީޝެކް ޝަރުމާގެ އިތުރުން، ސިޔާސީ ލީޑަރު ޝަޝީ ތަރޫރާއި ޕަވަން ކަލްޔާން ފަދަ ބޭފުޅުން ވަނީ މިފަދަ މައްސަލަތައް ކޯޓަށް ވައްދައިފައެވެ. ޚާއްޞަކޮށް ޑިޖިޓަލް ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުރިއަރައި، މީހުންގެ ސިފަ ނަކަލުކޮށްގެން ހަދާ "ޑީޕްފޭކް" ކޮންޓެންޓްތައް އާންމުވުމަކީ މަޝްހޫރު ފަރާތްތަކުގެ އަގު ވެއްޓި، އެމީހުންގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރާ ވަރަށް ނުރައްކާތެރި ގޮންޖެހުމަކަށް މިހާރު ވަނީ ވެފައެވެ.
ޝަޚްޞީ ޙައްޤުތަކުގެ އަސާސަކީ މީހެއްގެ ޒާތީ މިނިވަންކަމާއި، ޕަބްލިސިޓީ ރައިޓްސް އަދި ފިކުރީ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމުން ދިފާޢުކޮށްދިނުން ކަމުގައި ވިޔަސް، މިއީ ޤާނޫނީ ގޮތުން ނާޒުކު ފިކުރެކެވެ. ސަބަބަކީ މިފަދަ ޙައްޤުތައް ޙިމާޔަތްކުރުމުގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން އަދި ފަންނީ އުފެއްދުންތެރިކަމުގެ ޙައްޤުތަކާ ފުށުނާރާނެ ގޮތެއް ހޯދަން ޖެހުމެވެ. އެހެންކަމުން، ކޯޓުން އެދިފައިވާ މި ފުޅާ ޤާނޫނީ ދިރާސާއަކީ ޒަމާނީ ޓެކްނޮލޮޖީގެ ތެރޭގައި ޝަޚްޞީ ޙައްޤުތަކުގެ އިމާއި، އެ ޙައްޤުތައް ތަންފީޛުކުރާނެ އެންމެ އިންޞާފުވެރި މިންގަނޑު ކަނޑައެޅުމަށް ލިބިގެންދާނެ މުހިންމު ބާރަކަށް ވެގެންދާނެއެވެ.