ލަޔަންސް ރެކްރިއޭޝަން ކުލަބު ބަލިކޮށް، ޕޮލިސް ކުލަބަށް ދެވަނަ މޮޅު

ޕޮލިސް ކުލަބު ވަނީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް، ގައުމީ ޗެމްޕިއަންޝިޕާ ގާތަށް ޖެހިލާފައި-- ސަން ފޮޓޯ: ޙުސައިން ހާފިޒް

ގައުމީ ވޮލީބޯޅަ ލީގުގައި ޕޮލިސް ކުލަބުން ކުޅުނު ދެވަނަ މެޗުގައި ލަޔަންސް ބަލިކޮށް، އެ ޓީމުގެ ދެވަނަ މޮޅު ހޯދައިފިއެވެ.

އެ ޓީމުން މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 18-25، 26-28 އަދި 29-31 އިންނެވެ.

ފުރަތަމަ ސެޓު ފަށައިގެން ޕޮލިސް ކުލަބުން ބޮޑު ލީޑެއް ނެގުމާއެކު، ލަޔަންސުން ފަރަގު ކުޑަކުރަން މަސައްކަތްކުރި ނަމަވެސް ޕޮލިހުން ވަނީ އެ ފުރުސަތު ނުދީ، ލީޑު ހިފަހައްޓާފައެވެ.

ފުރަތަމަ ސެޓާ ޚިލާފަށް ދެވަނަ ސެޓު ފެށުނީ ވަރަށް ވާދަވެރިކޮށެވެ. ދެވަނަ ސެޓުގެ ކުރީކޮޅު ފެނުނީ ދެ ޓީމުން ވެސް ކައިރިކައިރީގައި ގިނަ ޕޮއިންޓުތަކެއް ހޯދަމުންދިޔަ ތަނެވެ. ދެވަނަ ސެޓުގައި ލަޔަންސުން ކުޅުން ރަނގަޅުކޮށް، ޕޮލިސް ކުލަބުގެ މައްޗަށް ބޮޑު ލީޑެއް ނެގި މަންޒަރު ފެނުނެވެ. މި ސެޓުގައި ފުރަތަމަ ސެޓް ޕޮއިންޓަށް ގެންގޮސްފައިވަނީ ވެސް ލަޔަންސްއެވެ. މިއާއެކު ޕޮލިހުން ވަނީ ޓައިމް އައުޓެއް ނަގައި، ޓީމު ހަމައަކަށް އަޅުވާލުމަށްފަހު ކުޅެން އަރައި، ކައިރިކައިރީގައި ސްކޯކޮށްގެން ސެޓު ކާމިޔާބުކޮށްފައެވެ.

ޕޮލިސް ކުލަބު ވަނީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް، ގައުމީ ޗެމްޕިއަންޝިޕާ ގާތަށް ޖެހިލާފައި-- ސަން ފޮޓޯ: ޙުސައިން ހާފިޒް

މެޗުގެ ތިންވަނަ ސެޓުވެސް ކުރިއަށްދިޔައީ ވަރަށް ވާދަވެރިކަމާއެކުއެވެ. ޕޮލިހުން ކުރީކޮޅު ރަނގަޅު ލީޑެއް ނެގި ނަމަވެސް ލަޔަންސުން ހިތްވަރާއެކު ކުރި މަސައްކަތުން ވަނީ ފަރަގު ކުޑަކޮށްފައެވެ. ސެޓުގެ ފަހުކޮޅަށް ގޮސް ލަޔަންސުން މި ސެޓުގައި ވެސް ލީޑުކޮށްފައިވެއެވެ. ނަމަވެސް ޕޮލިސް ކުލަބުން ވަނީ އެ ޕޮއިންޓުތައް ފަސޭހަކަމާއެކު ރިކަވާކޮށްފައެވެ.

މިއާއެކު ޕޮލިސް ކުލަބުން މިވަނީ ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ ޖާގައަކާ ގާތަށް ޖެހިލާފައެވެ.

ދެ ޓީމުގެ ފުރަތަމަ މެޗަށް ބަލާއިރު، ޕޮލިސް ކުލަބުގެ ފުރަތަމަ މެޗުގައި އިއްޔެ ކުލަބް އެމްޓީސީސީއާ ބައްދަލުކޮށް، މޮޅުވެފައިވަނީ ސީދާ ތިން ސެޓުންނެވެ. މި މެޗުގައި އެ ޓީމުން ސެޓުތައް ގެންގޮސްފައިވަނީ 22-25، 28-30 އަދި 14-25 އިންނެވެ.

ލަޔަންސްގެ ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް، ސިފައިންގެ ކުލަބުން ގެންގޮސްފައިވަނީ 16-25، 20-25 އަދި 16-25 އިންނެވެ.

މުބާރާތުގައި މާދަމާ އޮންނާނީ އަންހެން ޑިވިޝަނުގެ މެޗުތަކެވެ. އެގޮތުން ހަވީރު ކުޅޭ މެޗުގައި އެމްޓީސީސީ އާއި ސިޓީ ފްރެންޑްސް ކުލަބް ބައްދަލުކުރާއިރު ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ ކޮމިއުނިޓީ ކުލަބާއި ޕޮލިސް ކުލަބެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް