މޮޅަކާއެކު އެޗްޑީސީއަށް ފުރިހަމަ ފެށުމެއް، އެމްޓީސީސީއަށް ދެވަނަ ބަލި

ގައުމީ ވޮލީ ލީގުގައި ކުލަބް އެމްޓީސީސީ އާއި ކުލަބް އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ގައުމީ ވޮލީބޯޅަ ލީގުގައި ކުލަބް އެޗްޑީސީ ކުޅުނު ފުރަތަމަ މެޗުގައި، ކުލަބް އެމްޓީސީސީގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު މި މެޗުގައި އެޗްޑީސީން ސެޓުތައް ގެންގޮސްފައިވަނީ 21-25، 18-25 އަދި 23-25 އިންނެވެ.

ފުރަތަމަ ސެޓު ފަށައިގެން އެޗްޑީސީން ރަނގަޅު ލީޑެއް ނެގިނަމަވެސް ސެޓު ކުރިއަށްދިޔަ ވަރަކަށް އެމްޓީސީސީން ކުޅުން ރަނގަޅުކޮށް، ފަރަގު ކުޑަކުރިއެވެ. މިއެރި ވާނުގައި އަރައި، އެއް ޕޮއިންޓުގެ ލީޑެއް ނެގި ނަމަވެސް އެޗްޑީސީން ވަނީ އެޓީމު ލީޑުގައި އޮތަނުދީ ހިފަހައްޓާފައެވެ. އެހެންކަމުން ފުރަތަމަ ސެޓު އެއްކޮށްވެސް ފެނިގެންދިޔައީ ވަރަށް ފޯރިގަދަކޮށެވެ.

ދެވަނަ ސެޓުގެ ފެށުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން، އެޗްޑީސީން ދެ ޕޮއިންޓުގެ ލީޑެއް ނެގިނަމަވެސް އެމްޓީސީސީން ވަނީ ރަނގަޅު ފައިޓަކާއެކު މެޗުގެ ތެރެއަށް އަލުން ވަދެގެންފައެވެ. މިއާއެކު ފެނިގެންދިޔައީ ދެޓީމުންވެސް ޕޮއިންޓަކަށް ޕޮއިންޓެއް ހޯދައި، ސެޓުގެ ފޯރި ހިފަހައްޓަމުންދިޔަ ތަނެވެ.

ސެޓުގެ މެދެއްހައި ހިސާބުން އެޗްޑީސީން ކުޅުން ރަނގަޅުކޮށް، ހަތަރު ޕޮއިންޓުގެ ލީޑެއް ނެގިއެވެ. އެއާއެކު އެމްޓީސީސީން ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް މާ ބޮޑު ކާމިޔާބެއް ނުލިބުނެވެ.

ފުރަތަމަ ދެ ސެޓާ އެއްގޮތަށް ތިންވަނަ ސެޓުވެސް ފެށިގެންދިޔައީ ވަރަށް ހަމަހަމަކޮށެވެ. ދެޓީމުގެ ފަރާތުންވެސް ރަނގަޅު އެޓޭކުތަކެއްގެ އިތުރުން ހުޝިޔާރު ބްލޮކުތަކެއްވެސް ފެނިގެންދިޔައެވެ.

ނަމަވެސް ސެޓުގެ މެދަކުން އަނެއްކާވެސް ފެނިގެންދިޔައީ އެޗްޑީސީން ޑޮމިނޭޓުކުރަން ފެށި ތަނެވެ.

ގައުމީ ވޮލީ ލީގުގައި ކުލަބް އެމްޓީސީސީ އާއި ކުލަބް އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

އެމްޓީސީސީން ރޭ ކުޅުނު އެޓީމުގެ ފުރަތަމަ މެޗާ ހިލާފަށް، މި މެޗުގައި ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ކުޅުނުތަން ފެނުނެވެ. ވަކިން ހާއްސަކޮށް، އެޓީމުގެ ބްލޮކަރުންގެ ކުޅުން ފާހަގަކޮށްލެވުނެވެ. ނަމަވެސް މި ދެ މެޗުންވެސް އެންމެ ބޮޑަަށް ފާހަގަވި އެއް ކަމަކީ، ސެޓުގެ ކުރީކޮޅު އެމްޓީސީސީން ކުޅޭ ވާދަވެރިކަން، ސެޓު ކުރިއަށްދިޔަ ވަރަކަށް ގެއްލޭކަމެވެ. ނަމަވެސް މި މެޗުގެ ތިންވަނަ ސެޓުގައި އެޓީމުން އެކަން ވަރަށް ބޮޑަށް ރަނގަޅުކުރިއެވެ.

އެމްޓީސީސީގެ ދެވަނަ މެޗުންވެސް ބަލިވުމާއެކު މުބާރާތުގައި ކުރިއަށް ދިއުމަށް އެޓީމަށް މިވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ.

މުބާރާތުގައި މިރޭ އޮންނާނީ ލަޔަންސް ރެކްރިއޭޝަން ކުލަބާއި ޕޮލިސް ކުލަބް ބައްދަލުކުރާ މެޗެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް