ކުލަބް އެމްޓީސީސީ ބަލިކޮށް ޕޮލިސް ކުލަބަށް ރަނގަޅު ފެށުމެއް

ގައުމީ ވޮލީބޯޅަ ލީގުގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން- ސަން ފޮޓޯ: ޙުސައިން ހާފިޒް

މިއަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ މެޗުގައި ވީއޭއެމް ކަޕުގެ ޗެމްޕިއަން ކުލަބް އެމްޓީސީސީ އާ ވާދަކޮށް ޕޮލިް ކުލަބުން ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު މި މެޗުގެ ސެޓުތައް ޕޮލިސް ކުލަބުން ގެންގޮސްފައިވަނީ 22-25، 28-30 އަދި 14-25 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ޕޮލިސް ކުލަބުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، އެމްޓީސީސީގެ މައްޗަށް ރަނގަޅު ލީޑެއް ނަގާފައެވެ. ނަމަވެސް އެމްޓީސީސީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ސެޓުގެ ނަތީޖާ ހަނިކޮށް، މެޗުގެ ވާދަވެރިކަން އިތުރުކޮށްފައެވެ.

އެމްޓީސީސީން ނަޖީތާ ހަމަކުރަން ފެށުމާއެކު ޕޮލިސް ކުލަބުން ޓައިމް އައުޓެއް ނަގައި، ޓީމު ހަމައަަކަށް އެޅުވުމަށްފަހު ކުޅެން ނުކުމެ، އަނެއްކާވެސް ފަރަގު ބޮޑުކުރަން ފެށިއެވެ. އަދި، އެމްޓީސީސީން ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ނަމަވެސް ޕޮލިހުން ވަނީ އެއް ވާނެއްގައި ކުޅުން ހިފަހައްޓައި، ސެޓު ކާމިޔާބުކޮށްފައެވެ.

ދެވަނަ ސެޓު ފެށިގެންވެސް ފެނުނީ ޕޮލިސް ކުލަބުން މެޗު ޑޮމިނޭޓު ކުރަމުންދިޔަ މަންޒަރެވެ. ވަކިން ހާއްސަކޮށް ސެޓުގެ ކުރީކޮޅު، އެމްޓީސީސީއަށް ރަނގަޅަށް ކުޅެގަންނަން ފުރުސަތެއް ނުދީ ޕޮލިސް ކުލަބުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ސެޓުގެ މެދެއްހައި ހިސާބާ ހަމައަށް ޕޮލިސް ކުލަބުން ވަނީ މަދުވެގެން ދެ ޕޮއިންޓުގެ ލީޑެއް ހިފަހައްޓާފައެވެ. ނަމަވެސް އެހައިކަންހައި ހިސާބުން އެމްޓީސީސީން އެޓީމުގެ ކުޅުން ރަނގަޅުކޮށް، ހަތަރު ޕޮއިންޓުގެ ލީޑެއް ނެގި މަންޒަރު ފެނިގެންދިޔައެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން- ސަން ފޮޓޯ: ޙުސައިން ހާފިޒް

މި ސެޓު ފާހަގަވެގެންދިޔައީ ޓައިމްއައުޓުތައް ގިނަ ސެޓެއްގެ ގޮތުގައެވެ. އިދިކޮޅު ޓީމުން ރަނގަޅަށް ކުޅެން ފަށާއިރަށް މޮމެންޓަމް ގެއްލުވާލައި، އަމިއްލަ ކޮޅަށް ސެޓު އަނބުރާލުމަށް މި ސެޓުގައި ޓައިމްއައުޓްތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަމުންދިޔަ މަންޒަރު ފެނުނެވެ. ސެޓުގެ ފަހުކޮޅު، ވާދަވެރިކަން އަނެއްކާވެސް އިތުރުވެ، ސެޓު ގެންދާނެ ޓީމެއް ބުނަން އުނދަގޫވިއެވެ. ދެޓީމަށްވެސް ސެޓު ނިންމާލަން ރަނގަޅު ފުރުސަތުތަކެއް ލިބުމަށްފަހު އުނދަގޫކަމާއެކުވެސް ޕޮލިސް ކުލަބުން ވަނީ ދެވަނަ ސެޓުވެސް ކާމިޔާބުކޮށްފައެވެ.

ޕޮލިސް ކުލަބުން މެޗުގެ ތިންވަނަ ސެޓުވެސް ފެށީ ހަމަ އެ ފޯރީގައެވެ. ތިންވަނަ ސެޓުގައިވެސް ކުރީކޮޅު ފެނިގެންދިޔައީ އެޓީމުވެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ތަނެއެވެ. ނަމަވެސް ފުރަތަމަ ދެ ސެޓާ ހިލާފަށް ތިންވަނަ ސެޓު ފެނިގެންދިޔައީ އެމްޓީސީސީއަށް ރިކަވާ ނުކުރެވި، އެޓީމު ވަރަށް ބޮޑު ޑެފެސިޓަކަށް ވެއްޓިގެންދިޔަ ތަނެވެ. އެގޮތުން ސެޓުގެ މެދާ ހަމައަށް ދިޔައިރު ޕޮލިސް ކުލަބް އޮތީ 8-16 ގެ ބޮޑު ލީޑެއްގައެވެ.

އެޓީމުން މެޗު ޕޮއިންޓަށް ގޮސްފައި ވަނީވެސް 10 ޕޮއިންޓުގެ ލީޑެއްގައި އޮވެގެންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ފަސް ކުލަބަކުން ވާދަކުރެއެވެ. އެއީ، ދިވެހި ސިފައިންގެ ކުލަބާއި ލަޔަންސް ރެކްރިއޭޝަން ކުލަބުގެ އިތުުރުން އެމްޓީސީސީ، ޕޮލިސް ކުލަބު އަދި ކުލަބް އެޗްޑީސީއެވެ. ނޭޝަނަލް ވޮލީ ލީގުގެ ގަދަ ހަތަރު ޓީމު ވާދަކުރާނީ މިމަހުގެ 23 ވަނަ ދުވަހު ފެށޭ ނެޝަނަލް ވޮލީ ޗެމްޕިއަންޝިޕުގައެވެ.

މުބާރާތުގައި މާދަމާ އޮންނާނީ ކުލަބް އެޗްޑީސީ އާއި ކުލަބް އެމްޓީސީސީ ބައްދަލުކުރާ މެޗުގެ އިތުރުން ލަޔަންސް ރެކްރިއޭޝަން ކުލަބާއި ޕޮލިސް ކުލަބް ބައްދަލުކުރާ މެޗެވެ.

މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް