ހިޔާ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ނަގައި، ޕާކުގެ ބަޔަކަށް ހަދަން ޚިޔާލު ހޯދަނީ

ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް --- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކެއްގެ މެދަށްވާ ގޮތަށް ހަދާފައިވާ ވަގުތީ މިސްކިތް އެ ތަނުން ނަގައި، ހިޔާ ޕާކުގެ ބަޔަކަށް ހެދުމަށް އާންމުންގެ ޚިޔާލު ހޯދުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ހިޔާ ޓަވަރުގެ ކޮމިއުނިޓީ ގުރޫޕަށް ފޮނުވާފައިވާ މެސެޖެއްގައި ވަނީ، ވަގުތީ މިސްކިތެއް އެ ސަރަހައްދުގައި ގާއިމްކުރީ އޭރު ދެވަނަ ފިޔަވަހީގައި މިސްކިތްތައް މަދުވުމުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް ބުނެފައެވެ. ނަމަވެސް މިހާރު އެ ސަރަހައްދުގައި އިތުރު މިސްކިތްތައް ތަރައްގީކޮށްފައި ވާތީ އެ ވަގުތީ މިސްކިތް ނަގައި، އެ ބިމަކީ ކުރިން ވެސް ރާވައިފައިވާ ގޮތަށް ހިޔާ ޕާކުގެ ސަރަހައްދަކަށް ބަދަލުކުރުމަށް އެޗްޑީސީން ރާވައިފައިވާ ކަމަށް މެސެޖުގައިވެއެވެ.

އެހެންވެ، އެޗްޑީސީން ވަނީ އެކަމާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް އޮންލައިން ފޯމެއް ހިއްސާކޮށްފައެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ސާވޭއަކީ ވަގުތީ މިސްކިތް މިހާރު ބޭނުންކުރަމުންދާ ގޮތް ދެނެގަތުމަށާއި، އެ ސަރަަހައްދު ތަރައްގީކުރުމަށް ރޭވިފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް، އެކަމާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ސާވޭއެކެވެ.

އެ ސާވޭގައި ފޯމު ފުރާ މީހުންގެ ޒާތީ މައުލޫމާތު އެ ކުންފުނިން ނުނަގާނެ ކަމަށާއި އާންމުން ހިއްސާކުރާ ޖަވާބުތައް ބޭނުންކުރާނީ އެ ޚިޔާލުތައް ބަލައި، ދެނެގަތުމަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެންކަމުން އާންމުންގެ ޚިޔާލާއެކު އެ މަޝްރޫއު އިތުރަށް ރަނގަޅަށް ރާވައި، ކުރިއަށް ގެންދިއުމުގައި ފަސޭހަވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހިޔާ ޓަވަރުތަކަކީ ވަރަށް ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގައި، އެއްފަހަރާ ގިނަ އަދަދެއްގެ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކެއް މިހާރު ހުންނައިރު، ވަގުތީ މިސްކިތް ވެސް އާންމު ގޮތެއްގައި ބައެއް މީހުން ބޭނުންކުރެއެވެ.

comment ކޮމެންޓް