މެންޓަލް ހެލްތު ހޮސްޕިޓަލްގެ ބިޑް ސެކިއުރިޓީ ބޮޑުކޮށް، ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހި -- ފޮޓޯ: އެޗްޑީސީ

ސަރުކާރުން ޚަރަދުކޮށް އިމާރާތްކުރާ ނަފުސާނީ ބަލީގެ ނުވަތަ މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވައިލިތާ ދޮޅު މަސް ދުވަސް ފަހުން ބިޑް ސެކިއުރިޓީގެ ގޮތުގައި މިނިސްޓްރީއަށް ދައްކަންޖެހޭ އަދަދު އިތުރުކޮށް، ބީލަމަށް ހުޅުވައިލި މުއްދަތު ވެސް އިތުރުކޮށްފިއެވެ.

ފަންސާސް އެނދުގެ މި ހޮސްޕިޓަލު އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކުރީ މިދިޔަ ސެޕްޓެންބަރު މަހުގެ 23ވަނަ ދުވަހެވެ.

https://sun.mv/227937

އެ ދުވަހު ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ބީލަމުގައި ބައިވެރިވުމަށްޓަކައި 1،500 ރުފިޔާ ދައްކަން ޖެހޭނީ އެ ދުވަހުން ފެށިގެން މިދިޔަ އޮކްޓޯބަރު މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ އެ މުއްދަތު މި މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ބަނޑޭރިޕޭ މެދުވެރިކޮށް އެ ފައިސާ ދެއްކުމަށްފަހު ފައިސާގެ ރަސީދު ހިމެނޭހެން ބީލަމުގައި ދަފުތަރުވާން އެދޭ ފަރާތުގެ މައުލޫމާތު އީމެއިލްކުރުމަށް މިނިސްޓްރީން އެދެއެވެ.

ހަމަ އެހެންމެ، ސެޕްޓެންބަރު މަހުގެ 23ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ބިޑް ސެކިއުރިޓީގެ ގޮތުގައި 864،000 ރުފިޔާ، ބީލަމަށް ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހުގެތެރޭ ހުށަހަޅަން ޖެހޭނެއެވެ. ނަމަވެސް އޭގެ 47 ދުވަސް ފަހުން މިއަދު ކުރި އިއުލާނުގައި މިނިސްޓްރީން ވަނީ ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ނުވަ ލައްކަ ރުފިޔާއަށް އިތުރުކޮށްފައެވެ.

މީގެ ކުރިން މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ހޮސްޕިޓަލު އިމާރާތްކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް، މިދިޔަ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހުގެ މެންދުރުފަހު އެކެއް ޖެހުމުގެ ކުރިންނެވެ. ނަމަވެސް މިއަދު ކުރި އިއުލާނުގައި ވަނީ އެ މުއްދަތު މި މަހުގެ 23ވަނަ ދުވަހުގެ މެންދުރުފަހު އެކެއް ޖެހުމާ ހަމައަށް އިތުރުކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ބޭރު ގައުމުތަކުން ލޯނު ނުލިބުމުގެ ސަބަބުން ސަރުކާރުގެ ޚަރަދުގައި މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ސަރުކާރުން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 27ވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލް ގާއިމުކުރަން އޭރު ނިންމީ ބޭރުގެ އެހީތެރިކަމާ އެކު ކަމަށާއި، ބޭރުގެ ލޯނުގެ އެހީތެރިކަމާ އެކު ހޮސްޕިޓަލް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރި ކަމަށެވެ.

"ނަމަވެސް އެ ޕްރޮސީޖާ ދިގުކަމުން މީގެން ލޯނެއް ހަމަޖެހިގެން މި ކަހަލަ އެއްވެސް ޕްރޮޖެކްޓެއް ނުފެށި ލަސްވަމުން ދާތީ، އަދި މި މައްސަލައަކީ އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފައިވާ މައްސަލައެއް ކަމަށް ވާތީ، އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ސީދާ ބަޖެޓުން މެންޓަލް ހެލްތު ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ،" ރައީސް އޭރު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރާނީ މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތްކުރުމަށް ހޯދަން މަސައްކަތްކުރި ލޯނު ފެސިލިޓީ، ސިއްހީ ދާއިރާގެ އެހެން ކަމަކަށް ބަދަލުކުރުމަށް ކަމަށެވެ.

އޭގެ ގާތްގަނޑަކަށް ދެ މަސް ފަހުން ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވީ މެންޓަލް ހެލްތު ހޮސްޕިޓަލެއް އިމާރާތްކުރަން 10,000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅައިފައިވާ ކަމަށެވެ.

ޤީލާ ވިދާޅުވީ، ނަފުސާނީ ފަރުވާ ދިނުމަށް އެ ދާއިރާގެ އެކި ފަންނުތަކުގެ މީހުން ތިބެން ޖެހޭ ކަމަށެވެ.

"އަދި މާލެ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އަޅަން މި ޖެހެނީ ގިނަ ރިސޯސްތައް މާލޭގައި ހުރީ، އަދި މިފަދަ ބަލިމީހުންނަށް ބޭނުންވާ ތަފާތު ޓެސްޓުތަކާއި ދޭންޖެހޭ ފަރުވާތައް ޖަމާވެފައިވަނީ މާލެ ސަރަހައްދަށް ކަމަށް ވާތީ،" ޤީލާ ވިދާޅުވިއެވެ.

މެންޓަލް ހެލްތު ހޮސްޕިޓަލް ފުރަތަމަ ގާއިމްކުރަން ނިންމީ ލ. ގަމުގައެވެ.

comment ކޮމެންޓް