ޤައުމީ ވޮލީބޯލް ލީގު: ފަސޭހަކަމާއެކު ލަޔަންސް ބަލިކޮށް ސިފައިންނަށް ރަނގަޅު ފެށުމެއް

ގައުމީ ވޮލީބޯލް ލީގުގައި ސިފައިންގެ ކުލަބު ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން-- ސަން ފޮޓޯ: ހުސެއިން ހާފިޒް

މިއަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ލަޔަންސް ރެކްރިއޭޝަން ކުލަބާ ވާދަކޮށް، ސިދާ ތިން ސެޓުން ދިވެހި ސިފައިންގެ ކުލަބުން މެޗު ކާމިޔާބުކޮށްފިއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ސެޓުތައް، ސިފައިން ގެންގޮސްފައިވަނީ 16-25، 20-25 އަދި 16-25 އިންނެވެ.

ސިފައިންގެ ކުލަބުން ފަސޭހަކަމާއެކު ފުރަތަމަ ސެޓު ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓުގައި ލަޔަންސް ރެކްރިއޭޝަން ކުލަބުން ރަނގަޅު ފައިޓެއް ދީފައިވެއެވެ.

އެގޮތުން، ދެވަނަ ސެޓުގައި ލަޔަންސް ޓީމުން އެތައް ފަހަރަކު ސިފައިންގެ ޓީމު މައްޗަށް ލީޑު ނަގާފައިވެއެވެ. ސެޓުގެ 12 ވަނަ ޕޮއިންޓާ ހިސާބުން ސިފައިން ޑޮމިނޭޓުކޮށް، ކައިރިކައިރީގައި ގިނަ ޕޮއިންޓުތަކެއް ހޯދި ނަމަވެސް، ސިފައިންގެ ކުލަބް ކުޅުންތެރިން އަތުން ގިނަ ގޯސްތަކެއް ހެދި، ޕޮއިންޓުތަކެއް ދޫވިތަންވެސް ފެނުނެވެ.

ނެޝަނަލް ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކުލަބާއި ލަޔަންސް ރެކްރިއޭޝަން ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން- ސަން ފޮޓޯ: ޙުސައިން ހާފިޒް

މެޗުގެ ތިންވަނަ ސެޓުވެސް ރަނގަޅަށް ފަށާފައިވަނީ ލަޔަންސުންނެވެ. އެގޮތުން އެޓީމުން ވަނީ ތިންވަނަ ސެޓުގެ ކުރީކޮޅު، ސިފައިންގެ ކުލަބުގެ މައްޗަށް ރަނގަޅު ލީޑެއް ނަގާފައެވެ. ނަމަވެސް ސެޓު ކުރިއަށްދިޔަ ވަރަކަށް ސިފައިން ކުޅުން ރަނގަޅުކޮށް، ތިންވަނަ ސެޓުގެވެސް 12 ވަނަ ޕޮއިންޓާ ހަމައިން ލީޑު ފުޅާކުރަން ފެށިއެވެ.

އެހާ ހިސާބުން ފެނިގެންދިޔައީ ދެވަނަ ސެޓާ ހިލާފަށް ގޯސްތައް މަދުކޮށް، މެޗު ނިންމާލަން ހިފާލި މަންޒަރެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ފަސް ކުލަބަކުން ވާދަކުރެއެވެ. އެއީ، ދިވެހި ސިފައިންގެ ކުލަބާއި ލަޔަންސް ރެކްރިއޭޝަން ކުލަބުގެ އިތުުރުން އެމްޓީސީސީ، ޕޮލިސް ކުލަބު އަދި ކުލަބް އެޗްޑީސީއެވެ. ނޭޝަނަލް ވޮލީ ލީގުގެ ގަދަ ހަތަރު ޓީމު ވާދަކުރާނީ މިމަހުގެ 23 ވަނަ ދުވަހު ފެށޭ ނެޝަނަލް ވޮލީ ޗެމްޕިއަންޝިޕުގައެވެ.

ނެޝަނަލް ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކުލަބާއި ލަޔަންސް ރެކްރިއޭޝަން ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން- ސަން ފޮޓޯ: ޙުސައިން ހާފިޒް

މުބާރާތުގައި މެރޭ 20:30 ގައި ބައްދަލުކުރާނީ ޕޮލިސް ކުލަބާއި ވީއޭއެމް ކަޕް 2026 ގެ ޗެމްޕިއަން، ކުލަބް އެމްޓީސީސީއެވެ. މި މެޗު، ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ.

މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 35 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް